ޚަބަރު

ޓައުންޝިޕް މަޝްރޫޢުން އިޤްތިޞާދަށް ބޮޑު ކުރިއެރުމެއް ލިބޭނެ: ވަޒީރު ސަޢީދު


  • އައިލާ ސަސްޓެއިނަބަލް ޓައުންޝިޕް ޕްރޮޖެކްޓްގެ އިންވެސްޓަރުނާއެކު ވަނީ ސޮއިކޮށްފައި

  • މިތަން ތަރައްޤީކުރަނީ ޒަމާނުގެ ވަޞީލަތްތަކާއި ސިފަތަކާއެކު

ޓައުންޝިޕް މަޝްރޫޢުން ދިވެހިރާއްޖޭގެ އިޤްތިޞާދު އައު އުސްމިންތަކަކަށް ގެންގޮސްދޭނެކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، އައިލާ ސަސްޓެއިނަބަލް ޓައުންޝިޕް ޕްރޮޖެކްޓްގެ އިންވެސްޓަރުނާއެކު ސަރުކާރުން ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، މި މަޝްރޫއު ކުރިއަށްގެންދިއުމަށް އިންވެސްޓަރުގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބިގެންދިޔަކަމަށެވެ. އަދި ވަރަށް ގިނަ ކަންތައްތައް ދަސްވެގެންދިޔަކަމަށެވެ.

މި ޓައުންޝިޕް މަޝްރޫޢަކީ ރާއްޖޭގެ އިޤްތިޞާދު އައު ހަރުފަތަކަށް ގެންދިއުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާނެ މަޝްރޫޢެއްގެ ގޮތުގައި ވަޒީރު ވަނީ ސިފަކުރައްވާފައެވެ. މީގެ ސަބަބުން މިފަދަ އިތުރު އިންވެސްޓްމަންޓްތައް ހޯދުމަށް ސަރުކާރަށް ހިތްވަރު ލިބި، އެކަމަށް މަގުފަހިވެގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ތަސައްވުރަކީ ފާހަގަކޮށްލަން ޖެހޭ ކަމެއްކަމަށެވެ. މީގެ އެއް މަޝްރޫއަކީ އައިލާ ސަސްޓެއިނަބަލް ޓައުންޝިޕް ޕްރޮޖެކްޓްކަމަށް ވަޒީރު ވިދާޅުވިއެވެ.

"ޚާއްޞަކޮށް، ރާއްޖޭގެ އިޤްތިޞާދީ ހަރަކާތްތައް ކުރިއެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ތަޞައްވުރަކީ ފާހަގަކޮށްލެވޭ ފަދަ ހަރުދަނާ ތަޞައްވުރެއް. އެމަނިކުފާނަކީ ޤައުމީ ތަރައްޤީއަށްޓަކައި މަތީ އަމާޒުތަކެއް ކަނޑައަޅުއްވައިގެން މަސައްކަތްކުރައްވާ ބޭފުޅެއް. އެމަނިކުފާނުގެ "ވިޜަން 2040" އާއިއެކު ތަރައްޤީކުރެވޭ ޓައުންޝިޕްތަކަކީ ދިވެހިރާއްޖޭގެ އިޤްތިޞާދު އައު އުސްމިންތަކަކަށް ގެންގޮސްދިނުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާނެ ކަމެއް." ވަޒީރު ވިދާޅުވިއެވެ.

މި ޓައުންޝިޕްގައި ދުނިޔޭގެ ފެންވަރުގައި ޚިދުމަތްދޭ ސިއްޙީ އަދި ދުޅަހެޔޮ ކަމުގެ ފަރުވާލިބޭ ވަސީލަތް ޤާއިމުކުރުމުގެ އިތުރަށް، ދުނިޔޭގެ ފެންވަރުގެ ޓޫރިޒަމް ސްކޫލަކާއި %60 އިޢާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދޭނެ ޤާބިލުކަން ހުންނާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. މިތަނުގައި ދަނޑުވެރިކަމުގެ ވަސީލަތްތަލާއި ޒަމާނީ ޓެކްނޮލޮޖީއާއެކު އެކުއަރކަލްޗަރ އަދި މެރިކަލްޗަރގެ ޒޯނެއް ހިމެނޭނެއެވެ.