މާތްﷲގެ ވާގިފުޅާއެކު، މިއަހަރު ވާނީ، ދިވެހި ރައްޔިތުން އެދޭ އަމާޒަށް ޤައުމު ގެންގޮސްދިނުމުގައި އިތުރު ކުރިއެރުމާއި ކާމިޔާބީ ޙާޞިލްކުރާނޭ އަހަރަކަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މީލާދީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ހިތާބުގައި ވަނީ މި ފެށުނު މީލާދީ އައު އަހަރުގެ ތަހުނިޔާއާއި މުބާރަކްބާދު ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަރިސްކުރަައްވާފައެވެ.
ރައީސް ވިދާޅުވީ ކޮންމެ އައު އަހަރެއްގެ ފެށުމަކީ، ފަރުދީގޮތުންނާއި އިޖްތިމާޢީ ގޮތުންވެސް ތިމާ އުފަންވި ޤައުމަށްޓަކައި ކޮށްދެވޭނީ ކޮން ޚިދުމަތްތަކެއްކަން ވިސްނައި، އެންމެންގެ ލާބަޔާއި މަންފާއަށްޓަކައި މަސައްކަތްކުރުމަށް ޢަޒުމު އައުކުރުމުގެ ވަގުތެއްކަމަށެވެ. އަދި މިއީ، ރާއްޖެ އިސްލާމްވިތާ ހިޖުރީގޮތުން 900 އަހަރު ފުރޭ ތާރީޚީގޮތުން މުހިންމު މުނާސަބާ ދިވެހީންނާ ބައްދަލުކުރާނޭ އަހަރެއްކަމަށްވެސް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މިއީ މި ޖީލުގެ ދިވެހީންނާ ބައްދަލުވާނޭ އެންމެ ހައިބަތުހުރި އެއް ތާރީހުކަމަށެވެ.
ރައީސް ވިދާޅުވީ މާތްﷲގެ ވާގިފުޅާއެކު، މިއަހަރު ވާނީ، ދިވެހި ރައްޔިތުން އެދޭ އަމާޒަށް ޤައުމު ގެންގޮސްދިނުމުގައި އިތުރު ކުރިއެރުމާއި ކާމިޔާބީ ޙާޞިލްކުރާނޭ އަހަރަކަށްކަމަށެވެ. އަދި ދިވެހީންގެ އެންމެ އެވޭލާ ތާރީޚުއްސުރެ މިއަދާ ހަމަޔަށް ފެންނާން އޮތް އެއް ހަގީގަތަކީ، އެއް އަހަރަށްވުރެ ގިނަ ކުރިއެރުން އަނެއް އަހަރު ޙާޞިލްވޭތޯ ކާބަފައި ޒަމާނުއްސުރެ އަޅުގަނޑުމެން ގަދައަޅައި މަސައްކަތްކުރަމުން ދިޔަކަންކަމަށް ރައީސް ވިދާޅުވިއެވެ.
"ޤައުމުގެ ތަމައްދުނާއި ތަރައްޤީއަށްޓަކައި އަޅާ ކޮންމެ ބިންގަލެއްގެ މަތީ ކުރާ ބިނާތައް ފުރިހަމަކޮށް ވަރުގަދަކުރެވޭތޯ ކޮންމެ އަހަރަކުމެ ދިވެހީން ހިންމަތްކުރަމުން ދިޔަކަމެވެ. އިރާދަކުރެއްވިއްޔާ ދިވެހި ލޮބުވެތި ރައްޔިތުން އަބަދުމެ ދެމިތިބޭނީ މި ރޫޙާއި މި ވިސްނުމުގައެވެ" ރައީސްގެ ހިތާބުގައި ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތަކީ، ޤައުމު ބިނާކުރަން މަސައްކަތްކުރާ ފަދައިން ވަފާތެރި، ޤާބިލް ދިވެހި ދަރީންތަކެއްވެސް ބިނާކޮށްދިނުމާއެކު ތަރައްޤީވެފައިވާ ޤައުމުތަކުގެ ސަފަށް ނުކުމެ ހިންދެމިލުމަށްޓަކައި ކަނޑައަޅާފައިވާ އަމާޒަށް ދަތުރުކުރުމުގައި އިތުރު ކާމިޔާބުތަކެއް ހޯދުންކަމަށެވެ.
ރައީސްގެ ހިތާބު ނިންމަވާލެއްވީ އަޅުގަނޑުމެން އެންމެން ގުޅިގެން ޤައުމަށްޓަކައި މިކުރާ މަސައްކަތުގައި މާތްﷲ ބަރަކާތް ލެއްވުން އެދި ދުއާ ދަންނަވަމުންނެވެ