ކުޅިވަރު

އެފްރިކާ ކަޕް ކޮންމެ ދެ އަހަރުން ބާއްވަން ޖެހޭ: މިސުރުގެ ކޯޗު


އެފްރިކާ ކަޕް ފުޓްބޯޅަ މުބާރާތް ކޮންމެ ދެ އަހަރަކުން ބޭއްވުމަކީ މުހިންމު ކަމެއް ކަމަށް މިސުރުގެ ކޯޗު ހޮސާމް ހުސައިން ބުނެފި އެވެ.

އޭނާ މިހެން ބުނީ މި މުބާރާތް 2027 ވަނަ އަހަރަށް ފަހު ކޮންމެ ހަތަރު އަހަރަކުން ބާއްވަން އެފްރިކާގެ ފުޓްބޯޅަ ޖަމިއްޔާއިން ނިންމާފައިވަނިކޮށެވެ. މި ނިންމުމަށް ދެކުނު އެފްރިކާގެ ކޯޗު ވަނީ މަރިހަބާ ކިޔައިފަ އެވެ.

ނަމަވެސް މިސުރުގެ ކޯޗު ހޮސާމް ބުނީ ކޮންމެ ދެ އަހަރަކުން މުބާރާތް ބޭއްވުމުން ޔޫރަޕުގެ ކުލަބުގެ ޝައުގުވެރިކަން ބޮޑުވާނެ ކަމަށެވެ.

"މި މުބާރާތް ޔޫރަޕުގެ ކުލަބުތަކުން ބަލާ. އެ މީހުން މޮނިޓަރ ކުރޭ. އަދި މިއީ އެފްރިކާގެ ކުޅުންތެރިން ޔޫރަޕަށް ދިއުމަށް ވެސް ރަނގަޅު ފުރުސަތެއް. އެހެންވީމާ އަހަރެން ދެކޭ ގޮތުގައި ޔޫރަޕުގެ ކުލަބުތަކުގެ ޝައުގުވެރިކން ބޮޑު ކުރަން މި މުބާރާތް ކޮންމެ ދެ އަހަރަކުން ބާއްވަން ޖެހޭ،" ކޯޗު ބުންޏެވެ.

މޮރޮކޯގައި މިހާރު ކުރިއަށްދާ މުބާރާތުގެ ދެ ވަނަ ބުރަށް މިސުރު ވަނީ ހޮވިފަ އެވެ. ކޯޗު ބުނީ ދެ ވަނަ ބުރުގައި ކޮންމެ ބަޔަކާ ކުޅެން ޖެހުނަސް މައްސަލައެއް ނެތް ކަމަށެވެ.

"ވަކި ޓީމެއް އަހަރުމެންގެ ވިސްނުމުގައި ނެތް. އަހަރުމެން ތައްޔާރުވެގެން މި ތިބީ ކޮންމެ ބަޔަކާ ދެކޮޅަށް ވެސް ކުޅެން. އަހަރުމެން ޓީމު މިއޮތީ އެފަދަ ކަންކަމަށް ވަރަށް ބޮޑަށް ތައްޔާރުވެގެން. އަހަރުމެންގެ އަމާޒަކީ މި މުބާރާތް ކާމިޔާބު ކުރުން،" ކޯޗު ބުންޏެވެ.

މި އަހަރުގެ މުބާރާތަށް ފަހު އެފްރިކާ ކަޕް 2027 ވަނަ އަހަރު ބާއްވާނެ އެވެ. އޭގެ ފަހުން ހަތަރު އަހަރުން އެއް އަހަރަށް ބަދަލު ކުރިއިރު މިއީ 1950ގެ ފަހުން ކޮންމެ ދެ އަހަރަކުން ބާއްވާ މުބާރާތަށް ގެނެސްފައިވާ އެންމެ ބޮޑު ބަދަލެވެ.