ނިމުނު 2025 ވަނަ އަހަރަކީ ސިޔާސީ ގޮތުން މުހިންމު އަދި ތަފާތު ކަންކަން ހިނގި އަހަރެކެވެ. 2025 ފެށިގެން އައީ ސިޔާސީ ޕާޓީތަކަށް އައި ބޮޑު ބަދަލަކާއެކުގައެވެ. ރާއްޖޭގެ މަލްޓި ޕާޓީ ނިޒާމުގައި އެންމެ ގިނަ ދުވަސް ވަންދެން އެންމެ ގިނަ މެންބަރުން ތިބި ޕާޓީ، އެމްޑީޕީ ފަހަތަށް ޖައްސާލުމަށްފަހު ވެރިކަން ކުރާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ޕީއެންސީން ވަނީ އެންމެ ގިނަ މެންބަރުން ތިބި ޕާޓީގެ މަގާމު ހޯދާފައެވެ.
އަހަރު ނިމުނުއިރު އިލެކްޝަންސް ކޮމިޝަނުގެ ސިޔާސީ ޕާޓީތަކުގެ ދަފްތަރުން ދައްކާ ގޮތުގައި ޕީއެންސީގެ މެންބަރުންގެ އަދަދު 68،665 އަށް އަރައެވެ. ދެވަނައަށް ރާއްޖޭގައި އެންމެ މެންބަރުން ގިނަ ޕާޓީއަކީ އެމްޑީޕީއެވެ. އެ ޕާޓީގައި 43،765 މެންބަރުން ތިބިއިރު ޖުމްހޫރީ ޕާޓީގައި 13،456 މެންބަރުން، އެމްޑީއޭގައި 9،011 މެންބަރުން، އަދާލަތު ޕާޓީގައި 8،844 މެންބަރުން، އެމްއެންޕީގައި 5،836 މެންބަރުން، ދަ ޑިމޮކްރެޓްސްގައި 3،547 މެންބަރުން، ޕީއެންއެފްގައި 3،046 މެންބަރުން އަދި މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީގައި 1،874 މެންބަރުން އެބަތިއްބެވެ.
ޕީއެންސީ ރާއްޖޭގައި އެންމެ ގިނަ މެންބަރުން ތިބި ސިޔާސީ ޕާޓީއަށްވިއިރު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް، ޕީޕީއެމް އުވާލުމަށް އެ ޕާޓީގެ ލީޑަރޝިޕުން ނިންމީވެސް ނިމުނު އަހަރުއެވެ. ޕީއެންސީއާއި ޕީޕީއެމް ގުޅިގެން ރާއްޖޭގެ ސިޔާސީ މައިދާނުގައި 5 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތް ކުރުމަށްފަހު ޕީޕީއެމް އުވާލުމަށް އެ ޕާޓީގެ ލީޑަރޝިޕުން ނިންމީ އެ ޕާޓީން މަސައްކަތް ކުރަމުން ދިޔައީ، ކޯލިޝަނެއްގެ ތެރެއިން ކަމަށްވާތީއާއި ވެރިކަން ކުރަމުންދަނީ އެޕާޓީގެ އުސޫލުތަކާއި، ފިކުރާއި އެއްގޮތް ޕީއެންސީން ކަމަށްވާތީއެވެ. އަދި އެޕާޓީ ވަކިން ސިޔާސީ ހަރަކާތްތައް ހިންގުމުގެ ބޭނުމެއް ނުފެންނަ ކަމަށާއި ޕާޓީގެ ގިނަ މެންބަރުންތަކެއް ޕީއެންސީއާ ގުޅުމަކީވެސް ޕީޕީއެމް އުވާލަން ނިންމި ސަބަބެއް ކަމަށް އެޕާޓީގެ ލީޑަރޝިޕުން އޭރު ވިދާޅުވިއެވެ.
އެމްޑީޕީގެ އެތެރޭގައި އުފެދުނު ކޯޅުން ހަމައަކަށް އެޅެން ފެށީވެސް ނިމުނު އަހަރުގެ ތެރޭގައެވެ. އެތެރޭގައި އުފެދުނު ކޯޅުންތަކަކާ ގުޅިގެން ކުރީގެ ރައީސް މުޙައްމަދު ނަޝީދު އެ ޕާޓީ ދޫކުރައްވައި، ދަ ޑިމޮކްރެޓްސްގެ ނަމުގައި ޕާޓީއެއް އުފައްދަވައި އެ ޕާޓީއާ ގުޅިވަޑައިގެންނެވީ 2023 ވަނަ އަހަރުއެވެ. ދެ އަހަރު ފަހުން އެމަނިކުފާނު ވަނީ، އެނބުރި އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ. ދަ ޑިމޮކްރެކްޓްސްއާ ގުޅުނު ގިނަ ބަޔަކު އެނބުރި އެމްޑީޕީއާ ގުޅުނު ނަމަވެސް ސޯޝަލް މީޑިއާގައި އަހަރު ނިމުނުއިރުވެސް ފެނިގެން ދިޔައީ ޕާޓީގެ އެތެރޭގެ ކޯޅުންތަކެވެ.
އެމްޑީޕީން ނިމުނު އަހަރު ބޭއްވި އެއްވުންތަކަކީވެސް ފާހަގަކުރެވޭ އެއްވުންތަކެކެވެ. އެގޮތުން، ރައީސުލްޖުމްހޫރިއްޔާގެ ދަރިކަލުންގެ ކަރާމާތަށް އަރައިގަނެ، ދޮގު ވާހަކަތަކެއް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމްގެ މަންމާފުޅު، އަދި އެމްޑީޕީގެ އިސް އެކްޓިވިސްޓެއްކަމަށްވާ މަރިޔަމް ޒުބައިރު، މަންދީ ފެތުރުމާއި ގުޅިގެން އެކަމާ ދެކޮޅަށް ގިނަބަޔަކު ތެދުވިއެވެ. މަރިޔަމް ޒުބައިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދޮށީ ދަރިކަލުންނަށް ނިސްބަތްކޮށް ދައްކާފައިވާ ވާހަކަތަކުގެ ސަބަބުން، ދަރިކަލުންގެ ނަފްސަށާއި ފުރާނައަށް ނުރައްކާވާނޭ ޙާލަތެއް މެދުވެރިކުރުވައި، އެކުއްޖާގެ ކިޔެވުމާއި މުސްތަޤުބަލަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާނޭ ޙާލަތެއް މެދުވެރިކުރުވި ކަމަށް އެމަނިކުފާނުގެ އާއިލާ ތަމްސީލު ކުރައްވާ ވަކީލުން އެ މައްސަލަ ހުށަހަޅުއްވަމުން ވިދާޅުވިއެވެ. ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް މުޒާހަރާތަކުގައި ވާހަކަ ދެއްކުމަކީ، ޚިޔާލު ފާޅުކުރުން ނޫންކަމަށް ބުނެ ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، އެޗްއާރުސީއެމުން ބަޔާނެއް ނެރުނީވެސް މި މައްސަލައާ ގުޅިގެންނެވެ. މި މައްސަލަ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ފަރާތުން ކޯޓަށް ހުށަހެޅުމުން ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ، ޤާނޫނުއަސާސީން ކުޑަކުދިންނަށް ލިބިދޭ ނަމާއި އަބުރުގެ ރައްކާތެރި ކުރެވިފައިވުމުގެ ޙައްގާއި އެކި މުއާހަދާތަކުން ލިބޭ ޢިއްޒަތާއި އަބުރު ރައްކާތެރިވެފައިވުމުގެ ޙައްގު ރައީސުލްޖުމްހޫރިއްޔާގެ ދަރިކަލުންގެ ފަރާތުން ނިގުޅައިގެންފައިވާކަން ލިޔެކިޔުންތަކުން ސާބިތުވާ ކަމަށެވެ. އަދި ގެއްލުމުގެ ބަދަލު ހޯދަން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނަށް ދައުވާ ކުރެވޭނެ ކަމަށްވެސް ބުނެފައިވެއެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހުގައި އެންމެ ބޮޑު ހިއްސާއެއް އަދާކުރާ އެއްބަޔަކީ، ރައްޔިތުންގެ މަޖިލީހެވެ. މަޖިލީހުގެ މަސައްކަތްތައް 2025ވަނަ އަހަރަށް ފެށިގެން ދިޔައީ ސަރުކާރުގެ އެންމެ މުހިންމު އެއް ވުޒާރާ ކަމަށްވާ ދާޚިލީ ސަލާމަތާއި ފަންނިއްޔަތާބެހޭ ވުޒާރާއާ ހަވާލުވެހުންނެވި ވަޒީރު އަލީ އިޙްސާންގެ އިތުބާރު ނެތް ކަމަށް ހުށަހެޅި މައްސަލައަކާއެކުގައެވެ. އިދިކޮޅު އެމްޑީޕީގެ މެންބަރުން މި މައްސަލަ މަޖިލީހަށް ވެއްދީ ވަޒީރު ޤާނޫނާއި ޚިލާފަށް މަސައްކަތް ކުރައްވަމުންދާ ކަމަށް ތުހުމަތުކޮށެވެ. ނަމަވެސް އެ މައްސަލަ ނިމިގެން ދިޔައީ، ވަޒީރަށް އިތުބާރު އޮތްކަމަށް މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތަކުން ފާސްވެގެންނެވެ. އެގޮތުން ވަޒީރު އިޙްސާނަށް އިތުބާރު ނެތް ކަމަށް އެމްޑީޕީއަށް ނިސްބަތްވާ 11 މެންބަރުން ވޯޓު ދެއްވިއިރު، އިތުބާރު އޮތް ކަމަށް 64 މެންބަރުން ވޯޓު ދެއްވިއެވެ.
މަޖިލީހުގެ ޖަލްސާތައް ރަސްމީކޮށް ފެށިގެން ދަނީ ކޮންމެ އަހަރަކުވެސް ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނާއެކުގައެވެ. ނިމިދިޔަ އަހަރު އެމަނިކުފާނުގެ ރިޔާސީ ބަޔާން އިއްވި ޖަލްސާވެސް ފާހަގަ ކުރެވިގެން ދިޔައީ ތާރީޚީ ދުވަހެއްގެ ގޮތުގައެވެ. އެގޮތުން، މަޖިލީހުގެ ތާރީޚުގައި ރިޔާސީ ބަޔާނެއް އިއްވާ ޖަލްސާއެއް ކީރިތި ޤުރުއާނުގެ ބަރަކާތުން ފެށްޓެވި ފުރަތަމަ ފަހަރަށް އެ ޖަލްސާ ވެގެން ދިޔައެވެ. މި ޖަލްސާގައި 2 ގަޑިއިރަށްވުރެ ގިނައިރުގެ ރިޔާސީ ބަޔާނެއް ރައީސުލްޖުމްހޫރިއްޔާ އިއްވެވިއިރު އަހަރު ފެށިއިރު ޤައުމު އޮތް ހާލަތާއި، 2025ވަނަ އަހަރު އެމަނިކުފާނު ކުރިއަށް ގެންދަވާނެ މަޝްރޫއުތަކާއި ފަށާފައިވާ މަޝްރޫއުތަކުގެ މަސައްކަތް ކުރިއަށްދާ ގޮތުގެ ތަފްސީލުވެސް ހިއްސާކުރެއްވިއެވެ.
އެހެން ސަރުކާރުތަކަށް ނުކުރޭ އެތައް ކަމެއް އަދުގެ ސަރުކާރުން ކުރައްވަމުން ގެންދަވާކަން ނިމުނު 2025ވަނަ އަހަރު ސަރުކާރުން ވަނީ ސާބިތުކޮށްދެއްވާފައެވެ. އެގޮތުން، ފަލަސްތީނުގެ އަޚުންނާއި އުޚުތުންގެ ނަސްލު ހޭދަކުރުމަށް ޔަހޫދީ ދައުލަތް، އިސްރާއީލުން ހިންގަމުން އަންނަ ލާއިންސާނީ އަމަލުތަކާ ގުޅިގެން ހަރުކަށި ފިޔަވަޅު އަޅައި، އެ ދައުލަތުގެ ޕާސްޕޯޓުގައި ރާއްޖެއަށް އެއްވެސް މީހަކަށް އެތެރެނުވެވޭނެ ގޮތް ހަދައިދިނުމަށް ރައްޔިތުން ދިޔައީ ކުރީ ސަރުކާރުގައިވެސް އެދެމުންނެވެ. ނަމަވެސް އެކަމުގައި އެކަށީގެންވާ ފިޔަވަޅެއް ނޭޅި، ޕާސްޕޯޓު ބޭން ކުރުން މަޖިލީހުގައި ޕާކު ކުރިއެވެ. އަދުގެ ސަރުކާރުން އެމައްސަލައިގައި ބައިނަލްއަގުވާމީ އެކި ޕޯޑިއަމްތަކުގައި އިސްރާއީލުގެ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރި ކުރެއްވުމުގެ އިތުރުން ގިނަ ބަޔަކަށް އަޅަން ނުކެރުނު ޕާސްޕޯޓް ބޭން ކުރުމުގެ ފިޔަވަޅުވެސް އެޅުއްވިއެވެ. އެގޮތުން، ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮތް 20ވަނަ މަޖިލީހުން އިސްރާއީލުގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެ ނުވެވޭ ގޮތަށް ޤާނޫނު އިސްލާހުކުރީ ނިމުނު އަހަރުގައެވެ. ރައީސުލްޖުމްހޫރިއްޔާ އެ ބިލު ތަސްދީގު ކުރެއްވުމާއެކު ނިމުނު އަހަރުގެ އޭޕްރިލް މަހުގެ 15 ވަނަ ދުވަހުން ފެށިގެން ރާއްޖެއަށް އިސްރާއީލުގެ ހައްދުފަހަނަ އެޅި ޔަހޫދީން އައުން ވަނީ ހުއްޓިފައެވެ.
އެހެން ސަރުކާރުތަކަށް އަޅުއްވަން ނުކެރުނު ފިޔަވަޅުތަކުގެ ތެރެއިން ދުންފަތާ ގުޅުންހުރި ފިޔަވަޅުތަކަކީވެސް ފާހަގަކޮށްލެވޭ ފިޔަވަޅުތަކެކެވެ. އެގޮތުން، ވޭޕް ރާއްޖެއަށް އެތެރެކުރުމާއި އޭގެ ވިޔަފާރި ކުރުމާއި ބޭނުންކުރުން މަނާކުރެއްވިއިރު ދުންފަތުން ރައްކާތެރި މުޖުތަމަޢެއް ބިނާ ކުރެއްވުމަށް "ޖެނަރޭޝަނަލް ބޭން"އެއް ތަޢާރަފު ކުރެވުނީވެސް މި ނިމުނު އަހަރުގައެވެ. 2007ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 1ވަނަ ދުވަހުން ފެށިގެން އުފަންވެފައިވާ އަދި އުފަންވާ ކުދިންނަށް ނިމުނު އަހަރުގެ ނޮވެންބަރު މަހުން ފެށިގެން ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލު ކުރުމަކީ މަނާކަމެކެވެ. ރައްޔިތުންގެ މަޖިލީހުން ޤާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނެސް، ރައީސުލްޖުމްހޫރިއްޔާ ބިލު ތަސްދީގު ކުރެއްވީ 21 މެއި 2025ގައެވެ.
ނިމުނު އަހަރު ސަރުކާރުން ޤާނޫނުތަކަށް ބަދަލު ގެންނަވައި ނިންމެވި މުހިންމު އަދި ހަރުކަށި އެއް ނިންމުމަކީ މަސްތުވާތަކެތި އެތެރެކުރާ ފަރާތްތަކަށް މަރުގެ އަދަބު ދެވޭނެގޮތަށް ގެންނެވި އިސްލާހެވެ. މަސްތުވާތަކެއްޗަކީ ރާއްޖޭގެ އިޖުތިމާޢީގޮތުން ދިމާވެފައިވާ ހުރިހާ މައްސަލައެއްގެ "މޫ" ކަމުގައި ފާހަގަކުރެވިފައިވާއިރު މިއީ އެ މައްސަލަ މުލުން ލުހިލައި މަސްތުވާތަކެތީގެ ވަބާއިން ރާއްޖެ ސަލާމަތްކުރެއްވުމަށް އެޅުއްވި މުހިންމު ފިޔަވަޅެކެވެ.
ބޮޑެތި އަދަބުތަކާއެކު ގޭންގު ކުށްތައް ހުއްޓުވުމަށް އެކުލަވާލާފައިވާ "ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލު" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަސްދީގުކުރެއްވީވެސް ނިމުނު އަހަރުގައެވެ. މި ޤާނޫނަކީ ގޭންގު ކުށްތައް ހިމެނޭހެން އިންތިޒާމްވެގެން ހިންގާ ބޮޑެތި ކުށްތަކާއި ނުރައްކާތެރި ކުށްތައް ހުއްޓުވުމަށް އެފަދަ ކުށްތަކަށް އަދަބު ކަނޑައެޅުމާއި އެފަދަ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ތަންފީޒީ އިދާރާތަކަށް ޚާއްސަ ބާރެއް ދިނުމުގެ ގޮތުން އެކުލަވާލާފައިވާ ޤާނޫނެކެވެ.
މަރުކަޒުވެފައި ހުރި ބާރުތައް ޑިމޮކްރަސީގެ ރީތި ހަމަތަކުގެ ތެރެއިން ރައްޔިތުންގެ އަތްމައްޗަށް ދޫކުރުމުގެ މަގުސަދުގައި ރާއްޖެއަށް ލާމަރުކަޒީ ނިޒާމު ތައާރަފު ކުރެވުނުތާ 15 އަހަރުވިއިރު އެ ނިޒާމު އިތުރަށް ހަރުދަނާ ކުރެއްވުމަށްވެސް ނިމުނު އަހަރު މުހިންމު މަސައްކަތްތަކެއް ކުރެވުނެވެ. ލާމަރުކަޒީ ނިޒާމު ޗެމްޕިއަން ކުރުމަކީ އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެކެވެ. އެމަނިކުފާނު މި ޢަޒުމުގައި 2023ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ ހުވާ ކުރެއްވީ ލާމަރުކަޒީ ނިޒާމުގެ ދެކޮޅުވެސް އަމިއްލަފުޅަށް ތަޖުރިބާ ކުރައްވައި އެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށް ކުރައްވަންޖެހޭ މަސައްކަތްތައް ހުންނެވިކަން އެނގިވަޑައިގެންނެވެ.
ވެރިކަމުގެ ފުރަތަމަ އަހަރުވެސް ރާއްޖޭގެ ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާކުރެއްވުމަށް ގިނަ ގުނަ މަސައްކަތްތަކެއް ރައީސުލްޖުމްހޫރިއްޔާ ކުރައްވާފައިވާއިރު އެމަނިކުފާނުގެ ސަރުކާރަށް ދެ އަހަރު ފުރުނީވެސް އެ ނިޒާމު ހަރުދަނާކުރެއްވުމަށް ކުރައްވާ މަސައްކަތްތަކާއެކުގައެވެ. އެގޮތުން، މި ނިމުނު އަހަރުގެ ތެރޭގައި އެމަނިކުފާނު ވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް ގެންނަންޖެހޭ މުހިންމު ބަދަލުތައް ގެންނަވާފައެވެ. އެގޮތުން، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ކައުންސިލްތަކުން އުފައްދާ ލޯކަލް އޮތޯރިޓީ ކުންފުނިތަކުން ވިޔަފާރީގެ ޙަރަކާތްތައް ހިންގުމުގެ ދާއިރާ ޤާނޫނުގައި ކަނޑައެޅުމަށާއި، ހިލޭ އެހީގެ ގޮތުގައި ދައުލަތުން ކައުންސިލްތަކަށް ފައިސާ ދިނުމުގައި ޢަމަލުކުރަންޖެހޭ ބައެއް އުސޫލުތައް މުރާޖަޢާކުރުމާއި، ކައުންސިލްތަކުގެ ޢުމުރުގެ ފަހު އަހަރުގެ ތެރޭގައި ކައުންސިލްތަކުން މުހިންމު މާލީ ކަންކަން ނިންމުމުގައި ޢަމަލުކުރަންޖެހޭ އުސޫލުތައް ބަޔާންކުރުމަށް ގެންނެވި މުހިންމު އިސްލާހުތަކެކެވެ.
ލާމަރުކަޒީ ނިޒާމު ހަގީގީ މާނާގައި ހަރުދަނާ ކުރެވޭނީ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް ޚިދުމަތް ދިނުމުގައި ހުރި ގޮންޖެހުންތައް ނައްތާލައި ފުރުސަތުތައް ފަހިކޮށްދީގެންނެވެ. ކައުންސިލްތައް މާލީގޮތުން ބާރުވެރިކުރުވުމުގެ ގޮތުން އަތޮޅު ކައުންސިލްތައްވެސް މިހާރުވަނީ ޤާނޫނުއަސާސީއާއި ޤާނޫނުތަކަށް ގެންނެވި އިސްލާހާއެކު އުވާލާފައެވެ. އަތޮޅު ކައުންސިލްތައް އުވާލައި އެ ކައުންސިލްތަކަށް ދޭ ފައިސާ ރަށްރަށުގެ ކައުންސިލްތަކަށް ބަހާލެވޭނެއެވެ. މި ފައިސާ ޖަމާކުރާނީ ރައްޔިތުންގެ ތެރެއިން އެހީތެރިކަން ބޭނުންވާ ފާރަތްތަކަށް އެ ފައިސާއިން އެހީތެރިކަން ފޯރުކޮށްދިނުމަށް ލާޒިމް ކުރާ އުޞޫލުންނެވެ.
ކައުންސިލްތަކާއެއްވަރަށް އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތައް ބާރުވެރިކުރުވުމަށްވެސް ސަރުކާރުން ނިމުނު އަހަރު ތެރޭގައި ގިނަ ބަދަލުތަކެއް ވަނީ ގެންނަވާފައެވެ. 2025ވަނަ އަހަރު ފުރަތަމަ ފަހަރަށް އެ ކޮމިޓީގެ މެންބަރުންނަށް ރޯދަ އެލަވެންސް ދޭން ވަނީ ފަށާފައެވެ. އަދި ދެމެހެއްޓެނިވިގޮތެއްގައި މި އަހަރުން ފެށިގެން ރަމަޟާން މަހު ރޯދަ އެލަވެންސް ކައުންސިލް ބަޖެޓުން އަންހެނުންގެ ކޮމިޓީގެ މެންބަރުންނަށް ލިބޭނެ ގޮތާއި ކޮމިޓީގެ ބަޖެޓު %10 އަށް ބޮޑުކުރެއްވުމަށް ނިންމެވީވެސް ނިމުނު އަހަރުގައެވެ.
މީގެ އިތުރުން ޤާނޫނަށް ގެނައި އިސްލާހުތަކާއެކު އަންހެނުންގެ ކޮމިޓީތަކުގެ މެންބަރުންނަކީ މިހާތަނަށް ޕާޓް ޓައިމްކޮށް މަސައްކަތް ކުރާބައެއްގެ ގޮތުން އޮތް އޮތުން ބަދަލުކޮށް އެ ކޮމިޓީތަކުގެ ރައީސުންނަކީ ފުލް ޓައިމް މެންބަރުންނަށް ވަނީ ހަދާފައެވެ. މިއަހަރު ބާއްވާ އަންހެނުންގެ ކޮމިޓީގެ އިންތިޚާބުގައި މި ބަދަލުތައް ފެނިގެންދާނެއެވެ.
މަރުކަޒު ކުރެވިފައިވާ ބާރުތައް ލާމަރުކަޒު ކުރުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްތަކުގެ ތެރެއިން ނިމުނު އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ޚާއްސަ ޤާނޫނެއް އެކުލަވާލައި، ވޯޓު ވަނީ ނަގާފައެވެ. އެގޮތުން، އައްޑޫ ސިޓީ ކައުންސިލް އުފެދިފައިވާގޮތާ ގުޅޭގޮތުން އެ އަތޮޅުގެ ބައެއް ރަށްރަށުގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަށް އިޖާބަދެއްވައި އެ ރަށްތަކުގެ ޖުމްލަ ރައްޔިތުން ދެކޭގޮތް ބެލުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގީ އޮކްޓޯބަރު މަހުގެ 25ވަނަ ދުވަހުއެވެ. އައްޑޫ ހުޅުދޫ އާއި އައްޑޫ މީދޫގެ ރައްޔިތުން އައްޑޫ ސިޓީން ވަކިވާން ބޭނުންވާކަމަށް ނިންމި ނިންމުމަށް އިހުތިރާމް ކުރައްވައި ޤަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ރައީސުލްޖުމްހޫރިއްޔާ ގެންނެވީވެސް ނިމުނު އަހަރުގައެވެ.
ދައުލަތުގެ ތިންބާރުގެ ތެރެއިން ޝަރުޢީ ދާއިރާއަށްވެސް ބޮޑެތި ބަދަލުތަކެއް އައި އަހަރެއްގެ ގޮތުގައި 2025 ފާހަގަކުރެވުނެވެ. އެގޮތުން، 2008ވަނަ އަހަރުން ފެށިގެން އަމަލުކުރަމުން އަންނަ ޤާނޫނު އަސާސީގެ ދަށުން އެންމެ ފުރަތަމަ ފަހަރަށް ޝަރަފުވެރިކަމާއެކު އުއްތަމަ ފަނޑިޔާރަކު ރިޓަޔަރ ކުރެއްވީވެސް ނިމުނު އަހަރުއެވެ. އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާން ފަނޑިޔާރުކަމުގެ މަޤާމުން ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރެއްވީ މެއި މަހުގައެވެ.
އެމަނިކުފާނު ރިޓަޔަރ ކުރެއްވުމާ ގުޅިގެން އައު އުއްތަމަ ފަނޑިޔާރުވެސް އައްޔަން ކުރެއްވީ ނިމުނު އަހަރުގެ އޮގަސްޓް މަހުގައެވެ. އުއްތަމަފަނޑިޔާރުގެ މަޤާމާ ޢަބްދުލްޣަނީ މުޙައްމަދު ހަވާލުވެވަޑައިގެންނެވިއިރު އެމަނިކުފާނަކީ ޝަރުޢީ ދާއިރާގައި ތަޖުރިބާ ހުރި ބޭފުޅެކެވެ.
ޝަރުޢީ ދާއިރާގައި ނިމުނު އަހަރު ސުޕްރީމް ކޯޓުގެ ބެންޗަށް އުއްތަމަ ފަނޑިޔާރުގެ އިތުރުންވެސް ބަދަލުތައް ވަނީ އައިސްފައެވެ. ސުޕްރީމް ކޯޓުގެ ބެންޗުގައި ތިއްބެވި ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒް އަލީ ޒާހިރުގެ ސުލޫކީ މައްސަލަތަކެއް ސާބިތުވެ ދެ ބޭފުޅުން ވަކި ކުރުމަށް ނިންމެވީ ޖުޑީޝަލް ސަރވިސް ކޮމިޝަނުންނެވެ. ޖޭއެސްސީން އެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވުމުން 68 މެންބަރުންގެ އަޣުލަބިއްޔަތުން ދެ ބޭފުޅުންވެސް މަގާމުން ވަކިކުރަން ފާސްކުރިއެވެ.
އަޒްމިރާލްދާ އާއި މަހާޒް އަލީގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް އޭރު ހުންނެވި އަލްއުސްތާޛް ހުސްނުއްސުޢޫދުގެ މައްސަލަތަކެއްވެސް ޖޭއެސްސީން ބަލަން ފެއްޓެވިއެވެ. އެ މައްސަލަތައް ބަލަން ފެއްޓުމާ ގުޅިގެން ހުސްނުއްސުޢޫދު ވަނީ ނިމުނު އަހަރުގެ މާޗު މަހުގެ 5ގައެވެ.
ސުޕްރީމް ކޯޓުގެ ބެންޗުން ހުސްވި 3 މަޤާމަށް ފަނޑިޔާރުން އައްޔަން ކުރެއްވީވެސް ނިމުނު އަހަރުގައެވެ. އެ މަޤާމުތަކަށް އައްޔަން ކުރައްވާފައިވަނީ ފަނޑިޔާރު ހުސައިން ޝަހީދާއި ފަނޑިޔާރު ޢަބްދުﷲ ޙަމީދާއި ފަނޑިޔާރު މުޙައްމަދު ސަލީމެވެ.
2025 ނިމުނީ އަންނަ އޭޕްރިލް މަހު ބާއްވަން ހަމަޖެހިފައިވާ ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބަށް ސިޔާސީ ޕާޓީތަކުގެ ތައްޔާރީތަކާއެކުގައެވެ. ރާއްޖޭގައި މިވަގުތު އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީ ޕީއެންސީން ވަނީ މި އިންތިޚާބަށް އެ ޕާޓީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުން ހޮވުމަށް ޑިސެމްބަރ 27ގައި ޕްރައިމަރީ ބާއްވާފައެވެ. މި އިންތިޚާބަށް ޕްރައިމަރީ ބާއްވަން އިއުލާން ކުރީ ޕީއެންސީ އާއި އެމްޑީޕީންނެވެ.