ޚަބަރު

"ދަތުރުފަތުރުގެ ސިނާޢަތް ހަރުދަނާކުރަން މިއަހަރު މުހިންމު ފިޔަވަޅުތަކެއް އެޅޭނެ"


  • އެޑްވައިޒަރީ ކޮމިޓީއެއް އެކުލަވާލައި މަސައްކަތްތައް ތަރުތީބު ކުރެވިގެންދާނެ

  • އަމާޒަކީ، މި ދާއިރާއިން ކުރިއެރުންތަކެއް ހޯދުން

މިއަހަރު ކަނޑު ދަތުރުފަތުރުގެ ސިނާޢަތް ހަރުދަނާ ކުރުމަށް މުހިންމު ފިޔަވަޅުތަކެއް އެޅިގެންދާނެ ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގެ ދަށުން ބަލަހައްޓަމުންދާ މެރިޓައިމް ދާއިރާގެ ޚިދުމަތްތައް ފުޅާކޮށް، އެ ދާއިރާއިން އާމްދަނީ އިތުރު ކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.

އެކްސްގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ، ރާއްޖޭގެ ކަނޑު ދަތުރުފަތުރުގެ ސިނާޢަތް އިންޓަރނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައި.އެމް.އޯ)ގެ މިންގަނޑުތަކާއި އެއްގޮތަށް ހަރުދަނާކޮށް ކުރިއެރުވުމާއި ގުޅޭގޮތުން ދާއިރާގެ ފަންނީ ބޭފުޅުންނާއެކު ސިނާޢަތުގެ ކުރިމަގާއި ގުޅޭގޮތުން މަޝްވަރާ ކުރެވިފައިވާ ކަމަށެވެ.

ވަޒީރު އަމީން ވިދާޅުވީ، މިފެށުނު އަހަރަކީ ކަނޑު ދަތުރުފަތުރުގެ ސިނާޢަތް ހަރުދަނާ ކުރުމަށް މުހިންމު ފިޔަވަޅުތަކެއް އެޅިގެން ދާނެ އަހަރެއް ކަމަށެވެ. އަދި އަމާޒަކީ، މި ދާއިރާއިން ކުރިއެރުންތަކެއް ހޯދުން ކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ، މި ސިނާޢަތުގެ ތަރައްޤީއާއި ގުޅޭ ކަންކަމުގައި މަޝްވަރާއާއި ލަފާ ހޯދުމަށްޓަކައި ފަންނީ ތަޖުރިބާކާރުން ހިމެނޭހެން އެޑްވައިޒަރީ ކޮމިޓީއެއް އެކުލަވާލައި މަސައްކަތްތައް ތަރުތީބު ކުރެވިގެންދާނެ ކަމަށެވެ.

ބައިނަލްއަޤުވާމީ މެރިޓައިމް އިކުއިޕްމެންޓް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ވަޒީރު މީގެކުރިން ވިދާޅުވެފައިވަނީ، ޓުވެންޓީ ފަސްޓް ސެންޗަރީ މެރިޓައިމް ކޯޕަރޭޝަން" މިކޮމިޓީގެ ނިންމެވުންތައް އަމަލީ މައިދާނުގައި ތަންފީޒުކުރެވިއްޖެނަމަ ރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކަށް ބޮޑެތި މަންފާތަކެއް ކުރާނެ ކަމަށެވެ. މީގެ އިތުރުން، ވޯލްޑް މެރިޓައިމް އިންޑަސްޓްރީ ނުވަތަ ދުނިޔޭގެ ކަނޑުގެ ސިނާޢަތުން ލިބޭ ނަފާ އެންމެ އެދެވޭ ގޮތެއްގައި ހޯދައިދިނުމަށް މިއަދު ނިންމާ ނިންމުންތައް މުހިންމުކަންވެސް ވަޒީރު ވަނީ ފާހަގަކޮށްފައެވެ.

ކުރިއަށް އޮތްތަނުގައި ޓެކްނޮލޮޖީގެ އައު އީޖާދުތަކާއެކު ކަނޑުގެ އިޤްތިޞާދީ ކުރިއެރުންތައް ހޯދިދާނެ ގޮތުގެ ތަޞައްވުރެއްވެސް ވަޒީރު ވަނީ ފާހަގަކޮށްފައެވެ.