އެފްރިކާ ކަޕް ފުޓްބޯޅަ މުބާރާތުގައި ނެރުނު ދަށް ނަތީޖާގެ ސަބަބުން ގެބޯން ސަރުކާރުން އެ ގައުމުގެ ގައުމީ ޓީމު ސަސްޕެންޑްކޮށް، ހަރުކަށި ފިޔަވަޅުތަކެއް އަޅައިފި އެވެ.
މި ގޮތުން ކޯޗު ތިއޭރީ މައުޔޫމާ މަގާމުން ވަކިކޮށް، ފޯވަޑް ޕިއޭރޭ އެމެރިކް އަބަމަޔަންގް އުމުރަށް ގައުމީ ޓީމުން އެކަހެރި ކޮށްފަ އެވެ.
ގެބޯންގެ ކުޅިވަރާ ބެހޭ ވަޒީރު ވިދާޅުވީ މި ފަދައިން އަމަލު ކުރަން ޖެހުނީ އެފްރިކާ ކަޕުގައި ކުޅުނު ތިން މެޗުން ވެސް ބަލިވެ، އެ ގައުމު ނެރުނު ދަށް ލަދުވެދި ނަތީޖާގެ ސަބަބުން ކަމަށެވެ.
ގެބޯން މުބާރާތުން ކެޓީ ގްރޫޕުގެ ފަހު މެޗުގައި އައިވަރީ ކޯސްޓް އަތުން މޮޅުވާން ޖެހިފައި އޮތް މެޗު ކުޅުމިގެ ކުރިންނެވެ. އަދި މި މެޗުގައި ދެ ލަނޑުގެ ލީޑެއް ނަގާފައި އޮއްވައި ފަހަތުން އަރައި އައިވަރީ ކޯސްޓް މޮޅުވީ ތިން ލަނޑު ޖަހައިގެންނެވެ. މި މެޗުގައި އަބަމަޔަން ނުކުޅެ އެވެ. އަނިޔާވެއްޖެ ކަމަށް ބުނެ އޭނާ ވަނީ މެޗުގެ ކުރިން ޓީމު ދޫކޮށް، އެނާގެ ކުލަބު ފްރާންސްގެ ލިއޯނަށް އެނބުރި ގޮސްފަ އެވެ.
"މިއީ ލަދުވެތި ނަތީޖާ އެއް. އިހްތިރާމެއް ނެތް. މިހެންވެ ސަރުކާރުން ނިންމީ ކޯޗު މަގާޟުން ވަކިކުރަން، އެހެން ގޮތެއް އަންގަންދެން ގައުމީ ޓީމު ސަސްޕެންޑް ކުރަން. އަދި އަބަމަޔަންގް އާއި ބުރޫނޯ ބްރޫނޯ މަންގަލާ ވެސް އެކަހެރިކުރަން،" ކުޅިވަރާ ބެހޭ ވަޒީރު ސިމްޕްލައިސް ޑިޒާރޭ މަމްބޫލާ ވިދާޅުވި އެވެ.
ސަރުކާރުގެ މި ނިންމުމާ ގުޅިގެން އާސެނަލްގެ ކުރީގެ ކެޕްޓަން އަދި ގެބޯންގެ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދީފައިވާ ކުޅުންތެރިޔާ ޕިއޭރޭ އެމެރިކް އަބަމަޔަންގް ބުނީ އޭނާ އަށްވުރެ ގައުމީ ޓީމުގައި ހުރި މައްސަލަތައް މާގިނަ ކަމަށާއި އެކަންކަމުގެ ފުނަށް ފީނައި ބެލުން މާ ރަނގަޅުވާނެ ކަމަށެވެ.
މި މުބާރާތުގައި ގެބޯންގެ ކޯޗުކޮށްދިން މައުޔޫމާ އެ މަގާމުގައި ހުންނަތާ ވެސް މިހާރު ދެ އަހަރަށްވުރެ ގިނަވެއްޖެ އެވެ.
މުބާރާތްތަކުގެ ނަތީޖާ ގޯސްވުމުން އެފްރިކާގެ ގައުމުތަކުން މިފަދަ ފިޔަވަޅުތައް އެޅުމަކީ ދޭތެރެދޭތެރެއިން ފެންނަ މަންޒަރެކެވެ. ނަމަވެސް ދުނިޔެގެ ފުޓްބޯޅަ ޖަމިއްޔާ ފީފާއިން ސަރުކާރުން ފުޓްބޯޅަ ހިންގުމުގެ ތެރެއަށް ސީދާ ވަނުން މަގާކުރުމާއި އެފަދަ ކަންކަން ކުރުމުން ފިޔަވަޅު އަޅާތީވެ މިފަދަ އަމަލުތައް ކުރިއަށްވުރެ މަދެވެ.