އަހަރުގެ ކޮންމެ ދުވަހަކުވެސް ހިންގާ އެކި ކަންކަމަކީ ދުވަހުން ދުވަހަށް ޚަބަރު ގެނެސްދެމުން އަންނަ ކަންކަމެވެ. ނަމަވެސް އަހަރު ތެރޭ ހިންގާ މުހިންމު ކަންކަން ބޭނުން ހިފޭނެހެން ހޯދުން މިއީ އިންޓަރނެޓުގެ މިފަހި ޒަމާނުގައިވެސް އެހާ ފަސޭހަ ކަމަކަށް ނުވެއެވެ. މިކަން ހައްލު ކޮށްދޭނެ އެއް ވަސީލަތަކަށް ވާނީ، ޕީއެސްއެމްއިން މިހާރު ނެރެފައިވާ "ނިމުނު 52 ހަފްތާ 2025" ފޮތެވެ.
ޕީއެސްއެމްއިން ނެރުނު "ނިމުނު 52 ހަފްތާ 2025" ފޮތަކީ، ވޭތުވެދިޔަ އަހަރުގެ މުހިންމު ތާރިޚުތަކާއި، ފާހަގަކޮށްލެވޭ ބޮޑެތި ކަންކަމާއި، ކާމިޔާބީތަކާއި، އެކިއެކި ޙާދިސާތައް އެއްކޮށްލައިގެން އެކަމެއް ހިނގި ތާރީޙު އެނގޭނެހެން އެކުލަވާލާފައިވާ ފޮތެކެވެ. ފޮތުގައި ހުރި ހުރިހާ ޚަބަރަކީ، ޕީސްއެމްގެ ނޫސްވެރިން ލިޔެފައިވާ ޚަބަރެވެ. ފޮތުގައި ހިމެނޭ ފޮޓޯތައް ނެގުމުގައި ނިއުސްޓީމުގެ ފޮޓޯ ގްރާފަރުންގެ ޙިއްސާ ބޮޑެވެ. މި ފޮތް ނެރެދެއްވާފައިވާނީ، ދިވެހި ބަހާއި ސަޤާފަތާއި ތަރިކައާއި ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާޙިމެވެ.
ފޮތް ނެރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ދިވެހިބަހާއި ސަޤާފަތާއި ތަރިކައާބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ޤައުމު ބިނާކުރެއްވުމުގައި ގެންގުޅުއްވާ މުހިންމު އެއް އަސާސަކީ ޤައުމާ އެއްކޮޅަށް ވިސްނާ ދިވެހި ޤައުމު، ދިވެހިންނަށް އެނގޭގޮތަށް ދިވެހި ތަރިކަ އިއާދަ ކުރުމަށް ސިކުނޑިތައް ބިނާކުރުން ކަމަށެވެ. އެ މަސައްކަތުގެ ތެރެއިން ކިޔުންތެރިކަން އާލާ ކުރުމަކީ، މުހިންމު ކަމެއް ކަމަށާއި ފޮތް ޗާޕުކުރުމާއި، ކިޔުންތެރިކަން ފަަހަކަށް އައިސް ނެތެމުން އަންނައިރު ޕީއެސްއެމް ނިއުސްއިން ނެރުނު ފޮތަކީ އެކަން އިއާދަ ކުރުމަށް ކުރި މުހިންމު މަސައްކަތެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.
"މިއީ ހަޤާޤަތުގައި ދިވެހި ކިޔުންތެރިކަމުގެ ތާރީޚަށް ޕީއެސްއެމުން އިތުރު ކޮށްދިން ވަރަށް މުހިންމު ޚާއްސަ ޚިދުމަތެއް. ދިވެހި މަޢުލޫމާތުގެ އަލަމާރިއަށް އިތުރު ކޮށްދިން ވަރަށް އަގުހުރި ތާރީޚީ ފޮތެއް. މިއީ މިއަދުގެ ޖީލުތަކާއި އަންނަން އޮތް ޖީލުތަކަށްވެސް ފައިދާވާނެ ކަމެއް. ދާއިމީ ގޮތެއްގައި މިކަން ކުރައްވާނަމަ ދިވެހި ފޮތް އަލަމާރީތަކަށް ދާނީ ރާއްޖޭގެ ރެކޯޑު ޖަމާވަމުން. ކޮންމެ އޮފީހަކަށް މިފޮތް އެބަ ބޭނުންވޭ ކޮންމެ ގެއަކަށް މި ފޮތް އެބަ ބޭނުންވޭ،" ވަޒީރު ވިދާޅުވިއެވެ.
ފޮތް ނެރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަކީބު ވިދާޅުވީ، މިފޮތަކީ ކިޔަވާ ކުދިންނާއި ތާރީޚީ އެކި މައުލޫމާތު ބޭނުންވާ ފަރާތްތަކާއި އަދި އެފަދަ ކަންކަމަށް ޝައުޤުވެރިކަން ހުންނަ ފަރާތްތަކަށްވެސް ހުޅުވާލެވުނު ވަރަށް މުހިންމު ފުރުސަތެއް ކަމަށެވެ. އެގޮތުން، ނިމުނު 52 ހަފުތާ ފޮތުގައި 2025 ވަނަ އަހަރުގެ ވަކިވަކި ތާރީޚުގައި ހިނގައިދިޔަ ކަންކަން ފަސޭހައިން ބަލައިލެވޭނެކަން ފާހަގަކުރެއްވިއެވެ.
"2025 ވަނަ އަހަރުގެ ޖެނުއަރީ މަހު ހިނގައި ދިޔައީ ކޮން ކަމެއްތޯ ރާއްޖޭގައި، ވޭތުވެދިޔަ އަހަރު ޖުލައި 26ގެ އިހުތިފާލުގެކަންކަން ކުރިއަށްދިޔައީ ކޮންތަންތަނެއްގައިކަން، ކޮން ކަންތައްތަކެއްކަން ހިނގައިދިޔައީ، ވޭތުވެދިޔަ އަހަރު އަޅުގަނޑުމެންނާ ވަކިވެގެންދިޔަ އަޅުގަނޑުމެންގެ އަޚުންނާއި އުޚުތުންގެ ތެރެއިން ފާހަގަކޮށްލެވޭ ކޮންކޮން ބޭފުޅުންނެއްތޯ. މިހުރިހާ ކަންތައްތަކެއް އަޅުގަނޑުމެންނަށް ފެންނަން ހުންނާނެ މިހާރު،" ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަކީބު ވިދާޅުވިއެވެ.
"ނިމުނު 52 ހަފުތާ 2025" މިފޮތުގެ ޚިޔާލަކީ، ޕީއެސްއެމް ނިއުސްއިން 2025 ވަނަ އަހަރު ކުރާނެ އައު ކަންކަމާއި ގުޅޭގޮތުން 2024 ވަނަ އަހަރު ކުރި މަޝްވަރާގެ ތެރެއިން އުފެދުނު ޚިޔާލެކެވެ. މިފޮތަކީ، އާންމު ރައްޔިތުންނަށާއި، ނޫސްވެރިންނަށާއި، އޮފީސްތަކާއި ތާރީޚު ދިރާސާ ކުރައްވާ ބޭފުޅުންގެ އިތުރުން މައުލޫމާތަށް ލޯބި ކުރާ ފަރާތްތަކަށް ގިނަ މަޢުލޫމާތުތަކެއް ލިބިގެންދާނެ މުހިންމު ފޮތަކަށް ވެގެންދާނެއެވެ.
މިރަސްމިއްޔާތުގެ ތެރެއިން ޕީއެސްއެމް ނިއުސްއިން ހުސްވި އަހަރުގެ ތެރޭގައި ކޮށްފައިވާ މުހިންމު މަސައްކަތްތައް ވަނީ ފާހަގަކޮށްފައެވެ.
ވޭތުވެ ދިޔަ އަހަރު ކުރި ބުރަ މަސައްކަތާއިއެކު، މިއަހަރަކީ މިމަސައްކަތް މިއަށްވުރެވެސް ފުރިހަމައަށް ކުރެވޭނެ އަހަރަކަށް ހެދުމަކީ ޕީއެސްއެމްގެ އަމާޒެވެ.
"ނިމުނު 52 ހަފުތާ 2025" ފޮތް ނެރުމަށް ބޭއްވި ރަސްމިއްޔާތުގައި ޕީއެސްއެމް އެއަރގެ އެންޑްރޮއިޑް ޓީވީ އެޕްވެސް ވަނީ އިފްތިތާޚް ކޮށްފައެވެ. މި އެޕްލިކޭޝަނަކީ، ޕީއެސްއެމްގެ ރޭޑިއޯ އަދި ޓީވީ ޗެނަލްތައް ޓީވީން ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރެގެންވެސް މުޅިން ހިލޭ ބަލާލުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ތަޢާރަފް ކުރި އެޕްލިކޭޝަނެކެވެ.