ޒަކާތުގެ ނިޒާމަކީ އިސްލާމީ ޒަމާނީ ފިޤުހުގެ އަލީގައި ކުރިއަރަމުން އަންނަ ނިޒާމެކެވެ. އިސްލާމްދީނުގައިވާ ރުކުންތަކުގެ ތެރެއިން އެ ޒަމާނެއްގެ ޙާޖަތާއި ހާލަތަށް ރިޢާޔަތްކުރެވިގެން، އޭގެ ޒާތުގައި ފުޅާކޮށް ތަރައްގީ ކުރެވެން އޮތް ހަމަ އެކަނި ރުކުނަކީ ޒަކާތުގެ ރުކުނެވެ. ޒަކާތުގެ ކަންކަން ތަރައްގީކުރާނެ ގޮތުގެ މައްޗަށް ބައިނަލްއަގުވާމީ ފެންވަރުގައި އިލްމީ ފިޤުހީ ދިރާސާތައް ކުރަމުންދެއެވެ. އަދި ޒަކާތުގެ ނިޒާމު ތަރައްގީކުރުމާ ބެހޭ ގޮތުން އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ އިންޓަނޭޝަނަލް އިސްލާމިކް ފިޤުހު އެކަޑަމީ އާއި މުސްލިމު ވޯލްޑް ލީގުގެ އިސްލާމިކް ފިޤުހު އެކަޑަމީގެ ގަރާރުތައް ވެސް އާއްމުކުރެވިފައިވެއެވެ.
އިސްލާމްދީނުގައި ޒަކާތް ފަރުޟުކުރެއްވީ، ހަމައެކަނި ފަޤީރު މީހާގެ ޙާޖަތްތަކަށް ވަގުތީ ޙައްލެއް ހޯދައިދިނުމަށްފަހު އޭނާ މުޖުތަމަޢުގެ ތެރެއަށް ދޫކޮށްލުމުގެ މަޤްޞަދުގައެއް ނޫނެވެ. ނަމަވެސް ޒަކާތުގެ ނިޒާމަކީ މުޅި މުޖުތަމަޢުން ފަޤީރުކަން ނައްތައިލުން ކަށަވަރުކޮށްދޭ ނިޒާމެއްކަމާއި ފަޤީރުންނާއި މިސްކީނުންގެ ނިކަމެތި ޙާލަތުން އަރައިގަނެ އެބައިމީހުންނަކީ ފުދުންތެރި ބަޔަކަށް ހަދައިދީގެންކަމާއި ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ޒަކާތުގެ މަޤްޞަދަކީ އޭގެ ޙައްޤުވެރިންނަށް ދާއިމީ ފުދުންތެރިކަމެއް ހޯދައިދިނުމެވެ. ޒަކާތުގެ ހަރުދަނާ ނިޒާމެއް ޤާއިމްކުރެވުމާއެކު ކުރާނެ މަސައްކަތެއް ނުވަތަ އަދާކުރާނެ ވަޒީފާއެއް ނެތިފައި ތިބި އެތައް ބަޔަކަށް އާމްދަނީ ހޯދޭނެ މަގުތައް ތަނަވަސްވާނެއެވެ. އޭގެ ސަބަބުން އުފެއްދުންތެރިކަމުގެ މިންވަރު އިތުރުވާނެއެވެ. މީގެ އިތުރުން، މުޖުތަމަޢުގެ ވަކި ބައެއްގެ އަތުގައި މުދާލާއި ފައިސާ ޖަމާކޮށް، ޚަޒާނާކޮށް، އިޤްތިޞާދުގެ ތެރޭގައި އެ މުދަލާއި ފައިސާ ދައުރުވިޔަނުދީ ހިފެހެއްޓިފައި ހުންނަ ހުރުން ނިމުމަކަށް އަންނާނެއެވެ. މިކަންކަން ކުރެވޭނީ ޒަކާތުގެ ނިޒާމަކީ ދައުލަތުން ރާވައި ހިންގާ ނިޒާމަކަށް ވެގެންނެވެ.
މެލޭޝިޔާ އާއި ކުވައިތާއި ސަޢޫދީ ޢަރަބިއްޔާ އާއި ޤަތަރާއި ޔޫއޭއީއާއި ސޫދާން ފަދަ ގައުމުތަކުގައި ޒަކާތުގެ ހަރުދަނާ އިދާރީ ނިޒާމެއް ގާއިމުކޮށްފައިވެއެވެ. ދުނިޔޭގެ ކުރިއަރާފައިވާ އިސްލާމީ ބޮޑެތި ޤައުމުތަކުގައި ޒަކާތުގެ ހަރުދަނާ ނިޒާމެއް އޮންނައިރު ރާއްޖޭގައިވެސް މިހާރު މިވަނީ މިފަދަ ހަރުދަނާ ނިޒާމެއް ޤާއިމްކޮށްފައެވެ. އެކި އުޞޫލުތަކާއި ގަވާއިދުގެ ތެރެއިން ރާއްޖޭގައި ދިޔައީ ޒަމާނުންސުރެ ޒަކާތް ނަގައި، ބަހަމުންނެވެ. ރާއްޖެއަކީ ސަންތައިންސައްތަ މުސްލިމް ޤައުމަކަށްވާއިރު، ޒަކާތާގުޅޭ ކަންކަން އިތުރަށް ހަރުދަނާކޮށް، ކުރިއެރުވުމަށްޓަކައި އެކަމަށް ޚާއްސަ ޤާނޫނެއް މިހާތަނަށް އައިރު، ހެދިފައެއް ނުވެއެވެ. ނަމަވެސް މި ނިޒާމް ހަރުދަނާކުރެއްވުމަށްޓަކައި ކުރައްވަމުން އަންނަ މަސައްކަތުގެ ތެރެއިން އެންމެ މުހިއްމުކަމެއްގެ ގޮތުގައި ކުރެއްވީ ޒަކާތުގެ ޤާނޫނެއް އެކުލަވާލާ އެއަށް ޢަމަލުކުރަން ފެށުމުމެވެ. މި ޤާނޫނަަށް ޢަމަލު ކުރަން ފެށީ މިމަހުގެ ފުރަތަމަ ދުވަހުގައެވެ.
ޒަކާތުގެ ޤާާނޫނަކީ އިސްލާމްދީނުގައި ޒަކާތް ޝަރުޢު ކޮށްފައިވާ މަޤުޞަދުތައް ޙާސިލު ކުރެވޭނެ ގޮތެއްގެ މަތިން ޒަކާތުގެ ކަންކަމާ ގުޅޭ ޤާނޫނީ އޮނިގަނޑެއް އެކުލަވާލުމާއި، ޤާނޫނުގެ ދަށުން ދައްކަންޖެހޭ ޒަކާތުގެ ބާވަތްތަކާއި، ޒަކާތް ދެއްކުން ލާޒިމުވާ ފަރާތްތަކާއި، ޒަކާތް ދެއްކުން ލާޒިމުވާ މުދަލުގެ ބާވަތްތައް ކަނޑައެޅުމުގެ މަގުސަދުގައި އެކުލަވާލާފައިވާ ޤާނޫނެކެވެ. އަދި ދިރިއުޅުމުގެ ހަމަހަމަކަމާއި، އިޖުތިމާޢީ ފުދުންތެރިކަން އިތުރުކުރުމަށްޓަކައި ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާގެ ބޭނުން ފުރިހަމަ ގޮތުގައި ހިފޭނެ ގޮތެއްގައި މަތިން ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާ ބެހުމާއި، އެ ފައިސާ ބޭނުންކުރުމާ ގުޅޭ ޢާންމު އުޞޫލުތައް ކަނޑައެޅުމަކީވެސް މި ޤާނޫނުގެ މަޤުޞަދެކެވެ. މި ޤާނޫނާއެކު ފިޠުރު ޒަކާތާއި، މުދަލު ޒަކާތް ދެއްކުން ލާޒިމުވުމުގެ ޝަރުތުތައް އެ މީހެއްގެ ކިބައިގައި ފުރިހަމަވެއްޖެ ކޮންމެ މީހަކު ޤާނޫނާއި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުތަކުގައި ބަޔާންކުރާ ގޮތުގެ މަތިން ޒަކާތް ދައްކަންޖެހެއެވެ. އަދި ޒަކާތުގެ ނިސާބު ކަނޑައަޅަންޖެހޭ ގޮތްތަކާއި، ޒަކާތް ދައްކާ މީހާގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކާއި، ޒަކާތް ލިބޭ މީހުންނަކީ ކޮބައިކަންވެސް ޤާނޫނުގައި ބަޔާންކުރެއެވެ.
ޒަކާތް ނެގުމާއި ޒަކާތް ބެހުމުގެ ކަންކަން ތަންފީޛުކުރުމަށްޓަކައ،ި އިސްލާމީ ޝަރީޢާ ހުއްދަކުރާ މިންގަނޑުގެ ތެރެއިނ،ް ޒަކާތު ހައުސްއިން ކަނޑައަޅާ ގޮތެއްގެމަތިން އަދި ޒަކާތު ހައުސްއިން ކަނޑައަޅާ މިންވަރަކަށ،ް ޒަކާތު ފަންޑުން ޚަރަދުކުރުމަކަށް މި ޤާނޫނުން ހުރަހެއް ނާޅައެވެ. މި ޤާނޫނުގައި މުދަލު ޒަކާތާއި ފިޠުރު ޒަކާތާ ގުޅޭކަންކަން ތަފްސީލްކޮށް ހިމަނާފައިވެއެވެ. ޤާނޫނުގެ ދަށުން މުދަލު ޒަކާތުގެ ގޮތުގައި ލިބޭ ފައިސާ ނުވަތަ މުދާ ބަހަންޖެހެނީ 8 ފަރާތަކަށް ނުވަތަ ބޭނުންތަކަށެވެ. މުދަލު ޒަކާތުގެ ގޮތުގައި ލިބޭ ފައިސާ ނުވަތަ މުދާ ބަހާނީ އެކަމަށްޓަކައި އެކުލަވާލާ ޤަވާއިދުގައި ބަޔާންކުރާ ގޮތުގެ މަތީންނެވެ.
- ފަޤީރުން
- މިސްކީނުން
- ޢާމިލުން
- މުއައްލަފަތުލްޤުލޫބު
- އަޅުން މިނިވަންކުރުން
- ދަރަނިވެރީން
- ފީ ސަބީލިﷲ
- އިބްނުއްސަބީލް
މި ޤާނޫނުގެ ދަށުން މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް ދައްކާފައިވާ ފައިސ،ާ އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން ދައްކަންޖެހޭ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައ،ި އެ ޤާނޫނުގައި ބަޔާންކުރާ ގޮތުގެމަތިނ،ް އުނިކުރެވެއެވެ. މި ޤާނޫނުގެ ދަށުން މުދަލު ޒަކާތް ދައްކަންޖެހޭ ފަރާތްތަކުން މުދަލު ޒަކާތުގެ ގޮތުގައި ފައިސާ ދައްކާނީ ޒަކާތު ހައުސްއަށެވެ. ނަމަވެސް އެކަން ކުރުމަށް މާލީ އިދާރާއަކާ ހަވާލުކުރުމުގެ ފުރުޞަތު އޮތުމާއެކު ޒަކާތް ބަލައިގަތުމުގެ ކަންކަން ކުރިއަށް ގެންދިޔުމަށް މިހާރެކޭވެސް އެއްގޮތަށް މީރާއާ ވަނީ ހަވާލުކޮށްފައެވެ.
ޤާނޫނުގައި ވާގޮތުގެ މަތިން ފިޠުރު ޒަކާތް ބަހަން ޖެހޭނީ ފަޤީރުންނަށާއި މިސްކީނުންނަށާއި ފިޠުރު ޒަކާތުގެ ބެހެނިވެރިން އަދި ބޭނުންތަކުގެ ގޮތުގައި ޒަކާތު ހައުސްއިން ކަނޑައަޅާ އެނޫންވެސް ޝަރުޢީ ގޮތުން ހުއްދަ ފަރާތްތަކާއ،ި ބޭނުންތަކަށެވެ.
މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު ޒަކާތުގެ ގޮތުގައި ލިބޭ ފައިސާ އަމާނާތްތެރިކަމާއެކު ބަލަހައްޓައ،ި އެ ފައިސާ ޒަކާތުގެ ބެހެނިވެރިންނަށާއި ބޭނުންތަކަށް ދޫކުރުމަށ،ް އަދި އެ ފައިސާއިން އިސްލާމީ ޝަރީޢާ ހުއްދަކުރާ ގޮތުގެމަތިން އިންވެސްޓްކޮށ،ް ރަނގަޅު ފައިދާއެއް ހޯދައިދިނުމަށްޓަކައި "ޒަކާތު ފަންޑު" ގެ ނަމުގައި ފަންޑެއް މިވަނީ އުފެދިފައެވެ. އަދި މި ފަންޑު ބަލަހައްޓާނީ މާލިއްޔަތާބެހޭ ވުޒާރާއިން ކަނޑައަޅާ ގޮތެއްގެމަތިނ،ް ޕަބްލިކް ބޭންކް އެކައުންޓާ ވަކިނ،ް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި ޤާއިމުކުރެވޭ ވަކި އެކައުންޓެއްގައެވެ.
ދިވެހިރާއްޖޭގެ ޒަކާތު ފަންޑަށް ޖަމާކުރާ ފައިސާ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ މުދަލު ޒަކާތުގެ ބެހެނިވެރިންނަށާއި ބޭނުންތަކަށް ފައިސާ ދޫކުރުމަށެވެ. ހަމަ އެހެންމެ ފިޠުރު ޒަކާތުގެ ބެހެނިވެރިންނަށާއި ބޭނުންތަކަށް ފައިސާ ދޫކުރުމަށާއި ފަންޑަށް ޖަމާކުރެވޭ ފައިސާ އިސްލާމީ ޝަރީޢަތާއި ޤާނޫނު ހުއްދަކުރާ ގޮތުގެމަތިން އިންވެސްޓްކުރުމަށެވެ.
ޒަކާތުގެ ޤާނޫނުގައި ވަނީ އެ ޤާނޫނަށާއި ޤާނުގެ ދަށުން ހަދާފައިވާ ޤަވައިދުތަކަށް ޑިރެކްޓަރ ޖެނެރަލް ނުވަތަ ޒަކާތު ހައުސްގެ އެއްވެސް މުވައްޒަފަކު ޢަމަލު ނުކުރާނަމަ ފިޔަވަޅު އެޅުމަށް ވެސް ހިމަނާފައެވެ. މި ޤާނޫނުން ހުއްދަކޮށްފައިވާ ބޭނުންތަކަށް ފިޔަވައ،ި އެނޫން އެއްވެސް ބޭނުމަކަށް ޒަކާތުގެ ފައިސާ ބޭނުންކުރުން ނުވަތަ ޤާނޫނާ ޚިލާފު ޢަމަލެއްކޮށްފިނަ ކުށް ކުރި މީހާ 1000 ރުފިޔާއާއި 100،000 ރުފިޔާއިން ޖޫރިމަނާ ކުރާނެއެވެ. އެއްވެސް ފަރާތަކުނ،ް ޞައްޙަ ނޫން ނުވަތަ ދޮގު މަޢުލޫމާތު ހުށަހަޅައިގެން ޒަކާތުގެ ފައިސާ ހޯދުން ނުވަތަ އެފަދައިން ފައިސާ ހޯދުމުގައި ބައިވެރިވުމަކީ ކުށެއްކަން ކަނޑައަޅާ އެ ކުށުގެ ޢަދަބުގެ ގޮތުގައި ކުށް ކުރި ފަރާތަކުން ހޯދި ފައިސާއާ އެއްވަރުގެ ޢަދަދަކުން އެ ފަރާތެއް ޖޫރިމަނާކުރުމާއި ޒަކާތު ހައުސްއިން ކަނޑައަޅާ މުއްދަތަކަށް ޒަކާތުގެ ބެހެނިވެރިންގެ ދަފުތަރުން އެ ފަރާތުގެ ނަން އުނިކުރުމަށް ހިމަނާފައިވެއެވެ. މީގެ އިތުރުން ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތް ނުވަތަ އެހެން ޤާނޫނަކުންވެސް ޖިނާއީ ކުށެއް ކަމަށް ކަނޑައަޅާފައިވާ ކަމެއްނަމަ އެފަދަ ޢަމަލެއް ކުރާ ފަރާތަކާމެދު މި ޤާނޫނުގެ ދަށުން ކަނޑައެޅޭ އިދާރީ ފިޔަވަޅެއް ކަނޑައެޅުމުގެ އިތުރުނ،ް މީހެއްގެ މައްޗަށް ޖިނާއީ ދަޢުވާއެއް އުފުލުމަކަށް މި ޤާނޫނު ހުރަހެއް ނާޅައެވެ.
ކޮންމެއަކަސް މި ޤާނޫނަކީ ފަހުގެ އިސްލާމީ ދިރާސާތަކުގެ މައްޗަށް ބިނާވެފައި އޮތް ވަރަށް ހަރުދަނާ ޤާނޫނެކެވެ. އަދި މިއީ އެހެން ޤައުމުތަކަށް ނަމޫނާއަކަށް ވާނެ ފުރިހަމަ ޤާނޫނަކަށް ވާނެއެވެ. ޒަކާތު ނިޒާމު ހަރުދަނާ ކުރުމަށް ވޭތުވެދިޔަ 2 އަހަރު މުހިންމު ގިނަ މަސައްކަތްތައް ކޮށްފައިވެއެވެ. މިމަސައްކަތްތަކުގެ ސަބަބުން މި ވޭތުވެދިޔަ ދެ އަހަރަކީ، އެންމެ ގިނަ އަދަދަކުން ޒަކާތުގެ ފައިސާ ލިބުނު ދެ އަހަރެވެ. މިދިޔަ އަހަރު އެކަނިވެސް ޒަކާތުގެ ގޮތުގައި 100 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވެއެވެ.