ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ހުސައިން ސަނީ ޢުމަރު ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުދެއްވައިފިއެވެ.
ކްރިމިނަލް ކޯޓުން މިގޮތަށް ނިންމީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނަށް ރިއާޔަތްކޮށް ސަނީ އުމަރުގެ ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމުގެ އަމުރެއް ނެރެދިނުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ހުށަހެޅުމުންނެވެ.
މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަވަނީ ތަޙުޤީޤު ކުރައްވަމުންނެވެ. ތަޙުޤީޤުގައި ކުރަންހުރި މަސައްކަތަށް ރިޢާޔަތްކޮށް ޕީޖީ އޮފީހުން ޤާނޫނުގައިވާ ގޮތުގެ މަތިން މައްސަލައިގެ ތަޙުޤީޤު މުއްދަތު އިތުރުކޮށްދީފައިވާ ކަމަށް އެ އޮފީހުން ވިދާޅުވިއެވެ.
ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ސަނީ އުމަރު ހައްޔަރުކުރީ އެ މައްސަލަ ބަލަމުން ދަނިކޮށް، އޭނާ ރާއްޖޭން ބޭރަށް ފުރުމަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހުއްޓާ މިދިޔަ ޑިސެމްބަރު މަހުގެ ކުރީކޮޅުގައެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އޭރު ކޯޓުން 30 ދުވަހުގެ މުއްދަތެއް ޖެހިއެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތަކަކީ ރާއްޖޭގެ ޤާނޫނުތަކުން ހަރުކަށި އަދަބު ކަނޑައެޅި އަދި މައްސަލަ ބަލާ ނިންމުން އަވަސްކުރުމަށް ކަމާގުޅުންހުރި ހުރިހާ އިދާރާއެއްގެ މައްޗަށް ލާޒިމްކުރާ ކުށެކެވެ.