ދިވެހިރާއްޖޭގައި ފުޓުބޯޅައަކީ އެއްވަނަ ކުޅިވަރުކަމާމެދު އެކަކު ވެސް ދެބަހެއް ނުވާނެއެވެ. ދިވެހިންގެ ހިތުގައި ފުޓުބޯޅައަށް ދެވިފައިވާ މަގާމާއި، ދިވެހި ގައުމީ ފުޓުބޯޅަ ޓީމުދެކެ ދިވެހިންވާ ލޯތްބަކީ އެއާ އެއްހަމަ، އެފަދަ ދެވަނަ ކަމެއް ނެތް އެއްޗެކެވެ. މިއީ އެއްވެސް ހާލެއްގައި އެހެން ކުޅިވަރަކަށް ބުނާ ބަދުބަހެއް، ނުވަތަ ދެރަބަހެއް ނޫނެވެ.
ކަން މިހެން އޮތްނަމަވެސް މީގެ ހަތްވަރަކަށް އަހަރު ކުރިން ފެށިގެން ދާދި މިދާކަށް ދުވަހާ ޖެހެންދެން ރާއްޖޭގައި ފުޓުބޯޅައަށް އޮތް ފޯރި ވަނީ ވަރަށް ބޮޑަށް ކުޑަވެފައެވެ. އަޅާލާނެ، ކުރިއަރުވަން މަސައްކަތްކުރާނެ، ކެނޑުނު ފޯރި އަލުން ދިރުވައި، ފުޓުބޯޅަ އޭގެ ހަގީގީ މަންޒިލަށް ގެންނަން މަސައްކަތްކުރާނެ ޒިންމާދާރު ވެރިންތަކެއް ހޯދުން ވެފައިއޮތީ މާވަހަރު ހޯދުމަށްވުރެ ވެސް އުނދަގޫ ކަމަކަށެވެ.
ކޮރަޕްޝަނާއި ނުހައްގު ފައިދާތައް ހޯދަން ބަޔަކު ކުރި މަސައްކަތުގެ ސަބަބުން ވަޅުޖެހި، އިނދަޖެހިގެންދިޔައީ ދިވެހިންގެ ހިތާ އެންމެ ގާތް ކުޅިވަރެވެ. މެޗެއް ބަލާލަން ދަނޑަށް ވަންނަ މީހުންގެ އަދަދު އަތުގެ އިނގިލިތަކުން ގުނާލެވޭހާ މަދުވެގެން ދިޔައިރު، ޓީވީއާއި މީސްމީޑިއާގެ އެކި މަންސަތަކުން ލައިވް ބަލާ ފަރާތްތައް ވެސް އިންތިހާއަށް މަދެވެ.
މަސްޢޫލުވެރި ފަރާތްތަކުން ދިވެހި ފުޓުބޯޅަ ކުރިއަރުވަން މަސައްކަތްނުކޮށް، އަމިއްލަ މަންފާއަށް އެތައް ކަމެއް ކުރަމުންދަނިކޮށް، ވީ ހާލެއްގައި ވާން ފުޓުބޯޅަ ދޫކޮށްނުލާނެކަމަށް ބުނެ އަމިއްލަ ފަރުދުންތަކެއް ވެސް ވަނީ މި ކުޅިވަރަށްޓަކައި ގުރުބާނީތަކެއް ވެފައެވެ.
'ގޯލްޑް ކަޕް' ގެ ނަމުގައި މުޅި ރާއްޖެއަށް ހުޅުވާލައިގެން ބޭއްވި ފޯރިގަދަ މުބާރާތާއެކު، އަލުން އެ ފޯރި ދަނޑަށް ގެނެވުނުކަމަށް ގިނަބަޔަކު ގަބޫލުކުރިއެވެ. އެހެންނަމަވެސް އެ މުބާރާތް ނިމުމާއެކު އަނެއްކާވެސް ދިވެހިންގެ މެދުގައި ފުޓުބޯޅައަށް އޮތް ފޯރި ފަނޑުވެގެން ދިޔައެވެ.
ކަންކަން މިހެން ތަކުރާރުވަމުންދާތީއާއެކު ގިނަބަޔަކު ތިބީ ދިވެހި ފުޓުބޯޅައާމެދު އެއްކޮށްހެން އުއްމީދު ކަނޑާލައިގެންނެވެ.
މި ހާލަތުގައި، 'ވެންޓިލޭޓަރުގައި' ދިވެހި ފުޓުބޯޅަ އޮއްވައި، އެ ކުޅިވަރަށް ދިރުމެއް ގެނައުމަށްޓަކައި އައު އަޒުމެއްގައި، އައު ލީޑަރޝިޕެއްގެ ދަށުން އެފްއޭއެމް އިން މަސައްކަތް ފެށީ ހުސްވި އަހަރުގެ މެދު ތެރޭގައެވެ.
ކުރިން ވެސް އެފްއޭއެމްގެ ރައީސްކަން ކުރެއްވި އަދި ގައުމީ ޓީމުގެ އެންމެ އިތުބާރު އެއް ފޯވާޑުގެ ގޮތުގައި ދިވެހިންގެ ހިތުން ހާއްސަ މަގާމެއް ހޯދާފައިވާ އަހްމަދު ޠާރިޤް (ޓޮމް) ގެ ޒައާމަތް ފެށުމާއެކު، މި ކުޅިވަރަށް ބަދަލުތަކެއް އަންނަން ފެށިއެވެ. އުއްމީދުގެ ހުޅުކޮޅެއް ދިއްލި، އައު ހަރުފަތަކަށް މި ކުޅިވަރު އުފުލިގެން ހިނގައިދާނެކަމުގެ ފޮނި ހުވަފެންތައް ދެކެން ފެށިއްޖެއެވެ.
މިކަން ފާހަގަކުރަނީ ހަމައެކަނި ދިވެހިންނެއް ނޫނެވެ. ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ، ފީފާގެ ރައީސް ވެސް ވަނީ، ޓޮމްގެ ޒަޢާމަތުގައި ދިވެހި ފުޓުބޯޅައަށް, ބޭނުންވާ ކުރިއެރުން އަންނަތަން ފެންނަކަމަށް ބުނެފައެވެ.
ކުރީގެ ކުޅުންތެރިއެއްގެ ހައިސިއްޔަތުން ލިބިވަޑައިގެންފައިވާ ތަޖުރިބާތަކުގެ އެހީގައި، ދިވެހި ފުޓުބޯޅަ ކުރިއެރުވުމަށްޓަކައި، ނަތީޖާ ފެންނަފަދަ މުހިންމު މަސައްކަތްތަކެއް ޠާރިޤް ކުރައްވަމުން ގެންދަވާކަން އިންފެންޓީނޯ ފާހަގަކުރެއްވިއެވެ.
ހުއްޓިފައި އޮތް ދިވެހި ފުޓުބޯޅައަށް މިދިޔަ އަހަރު ދިރުމެއް ގެނައި ނުވަތަ ދިވެހި ފުޓުބޯޅައިގެ މި ސީޒަނުގެ ފަރުދާ ކަހާލީ ސެޕްޓެމްބަރު މަހު ކުޅުނު ޗެރިޓީ ޝީލްޑް މެޗާއެކުއެވެ. ސެޕްޓެމްބަރު 16 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ކުޅުނު މި މެޗުގައި ވާދަކުރީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ކްލަބް އީގަލްސްއެވެ. މި މެޗު 0-2 ގެ ނަތީޖާއިން ކާމިޔާބުކުރީ މާޒިޔާއެވެ.
އެއަށްފަހު ދިވެހި ޓޮޕް ޑިވިޝަނުގެ ލީގުގެ ކުޅުން ފެށީ ވެސް ހަމަ އެ މަހުގެ ތެރޭގައެވެ. އެ މަހުގެ 18 ވަނަ ދުވަހުގެރޭ ކުޅުނު ލީގުގެ ފުރަތަމަ މެޗުގައި ވެސް ވާދަކުރީ މާޒިޔާއާއި ކްލަބް އީގަލްސްއެވެ. މިދިޔަ އަހަރު ދިވެހި ލީގު ފަށާފައި ވަނީ ގާތްގަނޑަކަށް ދެ އަހަރުގެ މެދުކެނޑުމަކަށްފަހުއެވެ.
ދިވެހި ލީގަށް ސަޕޯޓަރުންގެ ފޯރިއާއި ޖޯޝު ގެނުވި އަހަރަކަށް މިދިޔަ އަހަރު ވެގެންދިޔައީ، ދިވެހި ފުޓުބޯޅައިގެ ވަރުގަދަ ދެ ބާރެއް އަލުން ފުރަތަމަ ޑިވިޝަނުގައި ކުޅެން ފެށުމާއެކުއެވެ. ސަސްޕެންޝަނުގައި އަހަރުތަކެއް އޮތުމަށްފަހު ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާއި ވިކްޓްރީ ސްޕޯޓްސް ކުލަބުން ވަނީ މިދިޔަ ސީޒަނުގައި ގަލޮޅު ދަނޑަށް ގިނަ އަދަދެއްގެ ސަޕޯޓަރުންތަކެއް ވައްދާފައެވެ.
އަހަރުތަކަކަށްފަހު ސަރަހައްދީ މުބާރާތެއްގައި ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމުން ތައްޓެއް އުފުލާލީ ވެސް 2025 ވަނަ އަހަރުގެ ތެރޭގައެވެ. ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު، ލަންކާގައި އެ ގައުމު ބަލިކޮށް ރާއްޖެއިން ސައުތު އޭޝިއަން ސުޕާ ކަޕްގެ ތަށި އުފުލާލިއިރު މިއީ 2018 ވަނަ އަހަރަށްފަހު ރާއްޖެއިން ފުޓުބޯޅައިގައި ހޯދި ފުރަތަމަ ތައްޓެވެ.
މުބާރާތުގައި ޓީމަށް އިރުޝާދުދިނީ މުޙައްމަދު ޝިޔާޒް (މޯހަން) އެވެ. މިއީ ދިވެހި ކޯޗެއްގެ އިރުޝާދުގެ ދަށުން ރާއްޖެއިން ތަށި އުފުލާލި ފުރަތަމަ ފަހަރުކަން ވެސް ފާހަގަކޮށްލެވެއެވެ.
733 ދުވަސްފަހު ދިވެހި ސަޕޯޓަރުންގެ ކުރިމައްޗަށް، އަމިއްލަ ފަސްގަނޑުގައި ޤައުމީ ޓީމު ނުކުތީ ވެސް މިދިޔަ އަހަރުގެ ތެރޭގައެވެ. މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 14 ވަނަ ދުވަހު ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި ރާއްޖެއިން ވަނީ ތަޖިކިސްތާނާ ދެކޮޅަށް ކުޅެފައެވެ. އޭގެކުރިން ރާއްޖެއިން އެންމެފަހުން ގަލޮޅު ދަނޑުގައި މެޗެއް ކުޅެފައި ވަނީ އޭގެ ދެ އަހަރެއްހައި ދުވަސް ކުރިން، 12 އޮކްޓޫބަރު 2023 ގައެވެ. އެއީ ވޯލްޑް ކަޕް ކޮލިފައިން ޕްރިލިމިނަރީ ބުރުގައި، ބަންގްލަދޭޝާ 1-1 އިން އެއްވަރުވި މެޗެވެ.
ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ، ފީފާގެ ރައީސަކު، މަގާމުގައި ހުންނަވައި ރަސްމީ ދަތުރުފުޅެއްގައި ރާއްޖެއަށް 19 އަހަރުފަހުން ފުރަތަމަ ފަހަރަށް އައީވެސް މިދިޔަ އަހަރުގެ ތެރޭގައެވެ. ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯ، މި ތާރީޚީ ދަތުރުކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހުއެވެ. ފާހަގަކޮށްލަން ޖެހޭ ގޮތުގައި އިންފަންޓީނޯގެ މި ދަތުރުގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވެސް ބައިވެރިވެވަޑައިގެންނެވި މެޗެއްގައި ކުޅެފައިވެއެވެ.
މީގެއިތުރުން، ހަމައެކަނި މާލެއަށް ފުޓުބޯޅަ ބިނާވެފައި އޮތްއޮތުން ނިމުމަކަށް ގެނެސް، އަތޮޅު ތެރެއަށް އެފްއޭގެ ބެލުމުގެ ދަށުން ފުޓުބޯޅަ ގެންދިޔައީ ވެސް މިދިޔަ އަހަރުގެ ފަހުކޮޅުއެވެ. އަދި 10 ވަރަކަށް އަހަރަށްފަހު ރާއްޖޭގައި އަންހެނުންނަށް ޙާއްސަ ލީގެއް ފަށައި، ކާމިޔާބުކަމާއެކު ނިންމާލީ ވެސް ހުސްވި އަހަރުގެ ތެރޭގައެވެ.
ފާޙަގަކޮށްލެވުނު މި ކަންކަމުގެ އިތުރުން ވެސް، ފުޓުބޯޅަ ކުރިއަރުވައި، މި ކުޅިވަރާ ގުޅުންހުރި އެކިއެކި ކަންކަން ރަނގަޅުކުރުމުގެ ގިނަ ކަންތައްތަކެއް މިދިޔަ އަހަރުގެ ތެރޭގައި ވަނީ ކޮށްފައެވެ.
މި ހުރިހާ މަސައްކަތްތަކަކާއެކު ވެސް އަދިވެސް ދިވެހި ފުޓުބޯޅަ އިތުރަށް ކުރިއަރުވައި، މަޑުޖެހުމެއްނެތި ހަލުވި ދުވެލީގައި ދިވެހިން އެދޭ މިސްރާބަށް ގެންދިއުމަށް ކުރަންޖެހޭ ކަންކަން ކުރުމަށް އެފްއޭއެމްގެ އަދުގެ ލީޑަރޝިޕް އޮތީ ތައްޔާރަށެވެ.