ޚަބަރު

ސާފް ފުޓްސަލް ޗެމްޕިއަންޝިޕަށް އެކުލަވާލި އަންހެން ޓީމު އިއުލާނުކޮށްފި


ތައިލެންޑުގައި ފަށާ ސާފް ވިމެންސް ފުޓްސަލް ޗެމްޕިއަންޝިޕުގައި ވާދަކުރާ ރާއްޖޭގެ ގައުމީ އަންހެން ފުޓްސަލް ޓީމުގެ ސްކޮޑު އިއުލާނުކޮށްފިއެވެ.

މުބާރާތަށް އެކުލަވާލި ސްކޮޑުގައި 14 ކުޅުންތެރިން ހިމެނޭއިރު މީގެތެރޭގައި ގިނައީ، މިފަހުން ބޭއްވި އެފްއޭއެމް ވިމެންސް ފުޓްބޯލް ލީގުގައި ކުޅުނު ކުޅުންތެރިންނެވެ.

އާތިފް މުހައްމަދު (އާތީ) ގެ އިރުޝާދުގެ ދަށުން މުބާރާތަށް ނުކުންނަ ރާއްޖޭގެ ގައުމީ ސްކޮޑުގައި ހިމެނެނީ، ކީޕަރުންގެ ގޮތުގައި ފާތިމަތު ސައުސަން އަދި ސާއިގާ ހުސެއިން އެވެ. ޓީމުގައި ދެން ހިމެނޭ ކުޅުންތެރިންނަކީ ފާތިމަތު އަފްޒާ، ފާތިމަތު ޝާލިޔާ، މަރިޔަމް ރިފާ، ފާތިމަތު އިނާޝާ އާދަމް، ރާނިޔާ އިބްރާޙީމް، އައިމިނަތު ފަޒްލާ، ފާތިމަތު ސައިނާ، މަރިޔަމް ނޫރާ، ފާތިމަތު ފައިހާ އަލީ، އައިމިނަތު ފައިހާ އަލީ، އައިމިނަތު ޝާމިލާގެ އިތުރުން މަރިޔަމް ޝަފާ ބިންތު އަޙްމަދު އަލީ އަދި ހައްވާ ހަނީފާއެވެ.

ޓީމުގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި ހަރަކާތްތެރިވާނީ، މުހައްމަދު އިހުސާން ސައީދު (ލިއުބީ) އެެވެ. ގޯލްކީޕަރު ކޯޗެއްގެ ގޮތުގައި އިބްރާހިމް އަހުމަދު ހަމަޖައްސާފައިވާއިރު، ޓީމުގެ މެނޭޖަރަކީ އައިމިނަތު ސިޔާނާ އެވެ.

ތައިލެންޑުގައި މި މަހުގެ 13-27 އަށް ކުރިއަށްދާ ސާފް ވިމެންސް ފުޓްސަލް ޗެމްޕިއަންޝިޕުގައި ޖުމްލަ ހަތް ޓީމެއް ވާދަކުރެއެވެ. އެއީ ރާއްޖޭގެ އިތުރުން އިންޑިއާ، ބަންގްލަދޭޝް، ބޫޓާން، ނޭޕާލް، ޕާކިސްތާން އަދި ސްރީލަންކާއެވެ.

މުބާރާތުގައި ރާއްޖެއިން ފުރަތަމަ މެޗުގައި މި މަހުގެ 13 ވަނަ ދުވަހު ނުކުންނާނީ އިންޑިއާއާ ދެކޮޅަށެވެ.