އިނގިރޭސި ލީގުގެ ޗެމްޕިއަންކަން ކަމަށް ވާދަ ކުރަމުންދާ މެންޗެސްޓާ ސިޓީ އަށް ޑިފެންޑަރުންގެ މައްސަލަ ބޮޑުވެއްޖެ އެވެ.
ސަބަބަށްވީ މުހިންމު ދެ ޑިފެންޑަރުން ކަމަށްވާ ޖަސްކޯ ގަވަޑިއޯލް އާއި ރުބެން ޑިއާސް އަށް އަނިޔާވެ ކުޅުމާ ދުރަށް ދާން ޖެހުމެވެ. މި ދެ ކުޅުންތެރިންނަށް ވެސް އަނިޔާވީ ޗެލްސީއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ.
އެ މެޗުގައި ގަވަޑިއޯލްގެ ތަނބިކަށިގަނޑު ބިންދައިގެންގޮސްފައިވުމުން އޭނާ ދަނޑުން ބޭލީ ބައެއް ކުޅުންތެރިންނާއި މެޑިކަލް ޓީމުގެ އެހީގަ އެވެ. އޭނާ އަލުން ކުޅެން ނުކުންނަނަށް ހަ ހަފުތާ ނަގާނެ އެވެ. އޭނާ އަށް ފަހު އަނިޔާވެގެން ފޭބީ ޑިއާސް އެވެ. އޭނާ އަށް ލިބިފައިވާ އަނިޔާ ރަނގަޅުވާން ވެސް މަހެއް ނަގާނެ އެވެ. މީގެ އިތުރުން ޑިފެންޑަރު ޖޯން ސްޓޯންސް ވެސް ހުރީ އަނިޔާގެ ސަބަބުން ކުޅުމާ ދުރުގަ އެވެ.
ކޯޗު ޕެޕް ގާޑިއޯލާ ބުނީ މުހިންމު ދެ ކުޅުންތެރިން ނެތުމަކީ ވަރަށް ބޮޑު ގެއްލުމެއް ކަމަށާއި ނަމަވެސް ޖެހޭނީ މިކަމާ ކުރިމަތިލާން ކަމަށެވެ.
"ބައެއް ފަހަރު މިކަހަލަ ކަންކަމާ ދިމާވާނެ. މިއީ ފުޓްބޯޅައިގެ އާދަ. އެހެންވީމާ އަހަރުމެން ޖެހޭނީ މިކަމާ ކުރިމަތިލާން. އަހަރެން އެދެނީ ގަވަޑިއޯލް އާއި ޑިއާސް އަދި ޖޯން އަށް ވެސް އަވަޝް ޝިފާއެއް ލިބި އަވަހަށް ކުޅުމުގެ ތެރެއަށް އައުން،" ގާޑިއޯލާ ބުންޏެވެ.
ސީޒަނުގެ މުހިންމު ވަގުތެއްގައި އަނިޔާގެ މައްސަތައް ގިނަވެ މުހިންމު ޑިފެންޑަރުންތަކެއް ނެތުމުން ޖެނުއަރީ މަހު ސިޓީން ކުޅުންތެރިންތަކެއް ގަތުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. ނަމަވެސް މިކަމާމެދު ގާޑިއޯލާ ސީދާ ޖަވާބެއް ނުދެ އެވެ. އޭނާ ބުނީ ޖެނުއަރީ މަހު ސިޓީ އަށް ކޮންމެވެސް މީހަކު ލިބޭނެ ކަމަށް އުއްމީދު ކުރާ ކަމަށާއި ނަމަވެސް އޭގެ މާނަ އަކީ އެ ކުލަބުން ހަތަރެއް ނުވަތަ ފަސް ކުޅުންތެރިން ގަތުން ނޫން ކަމަށެވެ. އަދި އަނިޔާގައި ތިބި ކުޅުންތެރިން ނުލައި ވެސް ސިޓީ ރޭހުގައި އޮންނާނެ ކަމަށް ވެސް ކޯޗު ބުންޏެވެ.
"އަހަރެންނަށް ޔަގީންކަން އެބައޮތް މިކަން ކުރެވޭނެކަން. ފަހަރުގައި އަހަރުމެންނަށް ކޮންމެވެސް ކުޅުންތެރިއަކު ލިބުން ގާތް،" ކޯޗު ބުންޏެވެ.
ސިޓީން ގަތުމަށް މަސައްކަތް ކުރަނީ ކްރިސްޓަލް ޕެލަސްގެ ޑިފެންޑަރު މާކް ގުއޭއީ ކަމަށް ވެސް ބައެއް ރިޕޯޓްތައް ބުނެ އެވެ.