މިދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ރާއްޖެއަށް 43000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުން މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 14.6 އިންސައްތައިގެ ކުރިއެރުމެކެވެ.
ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިއަހަރުގެ ފުރަތަމަ 6 ދުވަހު ރާއްޖެއަށް 43,481 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. މިއީ މިިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި 37,928 ފަތުރުވެރިންނާ އަޅާ ބަލާއިރު 14.6 އިންސައްތައިގެ ކުރިއެރުމެކެވެ.
މި މުއްދަތުގެ ތެރޭގައި ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރީ މިދިޔަ ހޮނިހިރު ދުވަހުއެވެ. އެ ދުވަހު ރާއްޖެއަށް 8،000އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރިއެވެ.
ޖަނަވަރީ 1: 5,929 ފަތުރުވެރިން
ޖަނަވަރީ 2: 7,655 ފަތުރުވެރިން
ޖަނަވަރީ 3: 8,082 ފަތުރުވެރިން
ޖަނަވަރީ 4: 7,930 ފަތުރުވެރިން
ޖަނަވަރީ 5: 6,136 ފަތުރުވެރިން
ޖަނަވަރީ 6: 7,749 ފަތުރުވެރިން
މި މުއްދަތުގައި އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ރަޝިޔާއިންނެވެ. އެ ގައުމުން ރާއްޖެއަށް 9137 ފަތުރުވެރިން ވަނީ މިދިޔަ 6 ދުވަހުގެ ތެރޭގައި ޒިޔާރަތްކޮށްފައެވެ. މި ލިސްޓުގެ ދެވަނައިގައި އޮތް އިޓަލީވިލާުތުން 7047 ފަތުރުވެރިން ޒިޔާރަތްކުރިއިރު، 3 ވަނައިގައި އޮތް އިނގިރޭސިވިލާތުން 2,859 ފަތުރުވެރިން ޒިޔާރަތްކުރިއެވެ.
ރާއްޖޭގެ ވަކިވަކި އެއަރޕޯޓުތަކަށް ޒިޔާރަތްކުރި ފަތުރުވެރިންނަށް ބަލާއިރު އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ރާއްޖެ އެތެރެވެފައިވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުންނެވެ. އެއީ 42,828 ފަތުރުވެރިންނެވެ. އަދި 200 ފަތުރުވެރިންނާއެކު ދެވަނައަށް އެންމެ ގިނަ އަދަަދަކަށް ފަތުރުވެރިން އެތެރެވީ މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުންނެވެ.
މިދިޔަ އަހަރަކީ ރާއްޖެއިން ފަތުރުވެރިކަމުގެ ދާއިރާއިން ގިނަ ކާމިޔާބީތަކެއް ހާސިލްކޮށްފައިވާ އަަހަރެކެވެ. އެގޮތުން މިދިޔަ އަހަރު ރެކޯޑު އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. އެއީ މުޅި ޖުމްލަ 2,246,516 ފަތުރުވެރިންނެވެ.
މިިދިޔަ އަހަރު ޒިޔާރަތްކުރި ފަތުރުވެރިން ވަނީ ރާއްޖޭގައި 5.4 ބިލިޔަން އެމެރިކާ ޑޮލަރު ހޭދަކޮށްފައެވެ. މިއީ އެއް އަހަރެއްގެ ތެރޭގައި މިހާތަނަށް ފަތުރުވެރިން ހޭދަކުރި އަދަދުތަކަށް ބަލާއިރު ރެކޯޑު އަދަދަކަށް ފަތުރުވެރިން ފައިސާ ހޭދަކުރި އަހަރެވެ. 2025ވަނަ އަހަރު ފަތުރުވެރިން ހޭދަކުރި 5.4 ބިލިޔަން ޑޮލަރަކީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު %15.8 ގެ އިތުރު އަދަދެކެވެ.