ކުޅިވަރު

ސިދީ ޗެލެންޖު ކަޕުގައި ވާދަކުރަން ގައުމީ ކުރިކެޓު ޓީމު އިންޑިއާއަށް


9 ވަނަ ސިދީ ޗެލެންޖު ކަޕުގައި ވާދަކުރާ ގައުމީ ކުރިކެޓު ޓީމު އިންޑިއާއަށް ފުރައިފިއެވެ.

މިމުބާރާތުގައި ވާދަކުރުމަށް ރާއްޖެއިން ދާ ސްކޮޑުގައި ހިމެނޭ 14 ކުޅުންތެރިންނާއި ދެ އޮފިޝަލުން މުބާރާތަށް ފުރާފަވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ. މިމަހުގެ 9 އިން 21 އަށް އިންޑިއާގެ މަދްޔަޕްރަދޭޝްގެ ޗަތުރާސަލް ސްޓޭޑިއަމްގައި ކުރިއަށްދާ މިމުބާރާތުގައި 17 ޓީމަކުން ވާދަކުރާނެއެވެ. އޭގެ ތެރޭގައި އިންޑިއާ، ސްރީލަންކާ އަދި އަފްޣާނިސްތާނުގެ ޓީމުތައް ހިމެނެއެވެ.

މިމުބާރާތަކީ އިންޑިއާގެ މަދްޔަޕްރަދޭޝްގެ ޗީފް މިނިސްޓަރ ބާއްވަވާ މުބާރާތަކަށްވާއިރު މިއީ ވަރަށް މޮޅެތި ކުޅުންތެރިން ވާދަކުރާ މުބާރާތެކެވެ. މިމުބާރާތަކީ ދިވެހި ގައުމީ ޓީމުގެ ކުޅުންތެރިންނަށް މުހިންމު ތަޖުރިބާތަކެއް ލިބިގެންދާނެ މުބާރާތެއްކަމަށް ސީބީއެމްގެ ނައިބު ރައީސް އަޙްމަދު އިސްހާގު ވަނީ ވިދާޅުވެފައެވެ.

އިސްހާގު ވިދާޅުވީ މިއީ މިހާތަނަށް ގައުމީ ކުރިކެޓު ޓީމުން ވާދަކުރާ އެންމެ ވަރުގަދަ އެއް މުބާރާތްކަމަށެވެ. މިމުބާރާތުގައި އިދިކޮޅުން ވާދަކުރާ ކުޅުންތެރިންނަކީ ވަރަށް މޮޅެތި ކުޅުންތެރިންކަމަށްވާއިރު މިމުބާރާތަކީ ގައުމީ ޓީމަށް ޗެލެންޖިން މުބާރާތަކަށްވާނެކަމަށް އިސްހާގުވަނީ ފާހަގަކުރައްވާފައެވެ.

9 ވަނަ ސިދީ ޗެލެންޖު ކަޕުގައި ރާއްޖެއިން ވާދަކުރާ ގައުމީ ކުރިކެޓު ޓީމަށް އިރުޝާދު ދެމުން އަންނަ ތަޖުރިބާކާރު ކޯޗުންނަކީ އިސްމާއިލް ނިހާދު އާއި އަހުމަދު ނީޝަމްއެވެެ.