ކުޅިވަރު

ޓާގެޓަކީ އޮޓޮމެޓިކް ރެލިގޭޝަނުން ސަލާމަތްވުން: ކޯޗު އާތިފް


ޓާގެޓަކީ އޮޓޮމެޓިކް ރެލިގޭޝަނުން ސަލާމަތްވުންކަމަށާއި އެކަމަށް މުޅި ޓީމު އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކުރާނެކަމަށް ޓީސީ ސްޕޯޓްސް ކުލަބުގެ ކޯޗު މުޙައްމަދު އާތިފް (އާތީ) ބުނެފިއެވެ.

އާތިފް މިހެން ބުނެފަވަނީ ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި 2-0 ގެ ތަފާތަކުން ކުލަބު އީގަލްސް އިން ޓީސީ ބަލިކުރި މެޗަށްފަހު ޕީއެސްއެމް ނިއުސްއާއި ވާހަކަދައްކަމުންނެވެ. އާތިފް ބުނީ ޓީސީގެ މިހާރުގެ އަމާޒަކީ ޓާގެޓަކީ އޮޓޮމެޓިކް ރެލިގޭޝަނުން ސަލާމަތްވުންކަމަށާއި އެ އަމާޒަށް ވާސިލްވުމަށްޓަކައި މުޅި ޓީމު އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކުރާނެކަމަށެވެ.

"ޓީސީގެ މައިގަނޑު ޓާގެޓަކީ އޮޓޮމެޓިކް ރެކިގޭޝަނުން ސަލާމަތްވުންކަން ނޭނގެ މިހާރު މިއޮތް އެއްޗަކީ. އެހެންވީމަ އެއަށް މަސައްކަތްކުރާނެ ޓީމުގެ ހުރިހާ ޕްލެޔަރުންނާއި މެނޭޖްމަންޓާއި ކޯޗުންނާއި ސްޓާފުން. ހަމަ އެންމެންގެ މަސައްކަތް ފޯކަސްކޮށްފަ މިއޮތީ އެކަމަށް" އާތިފް ބުންޏެވެ.

އީގަލްސްއާއި ވާދަކޮށް 2-0 ގެ ނަތީޖާއަކުން ޓީސީ ބަލިވިކަމަށްވިޔަސް ޓީމުގެ މިވަގުތުގެ ފޯކަސްހުރީ ކުރިއަށް ހުރި މެޗުތަކަށްކަމަށް ކޯޗު ބުންޏެވެ. މިމެޗުން ޓީސީގެ ބަދަލުކުޅުންތެރިންތަކެއް ފެނިގެން ގޮސްފައިވާއިރު އާތިފް ބުނީ އެކުޅުންތެރިންނާއި މެދު ހިތްހަމަޖެހޭކަމަށެވެ.

"އަހަރުމެންގެ ޕޮއިންޓު ޓޭބަލަކުން މާބޮޑު ޗޭންޖުތަކެއް ނޫންކަންނޭނގެ މިފެންނަނީ. މިމެޗުގައި ވަރަށް އުފާވި، ބަދަލު ކުޅުންތެރިންތަކެއް ޓީމުގައި ތިބި ބަލާލަން ލިބުނީތީވެ. މިއަދު މެޗުން މޮޅުވެއްޖިއްޔާ އެއީ އެކްސްޓްރާ ޕޮއިންޓެއް. ތާވަލުގެ ކުރިއަށްދާން ހުރި މާމުހިންމު މެޗުތައް ކުރިއަށް އެބަހުރި" އާތިފް ބުންޏެވެ.

އީގަލްސްއާއި ދެކޮޅަށް ކުޅުނު މެޗާއި ގުޅޭގޮތުން އާތިފް ބުނީ އެމެޗުގައި ކުޅުންތެރިން ދެއްކި ކުޅުން ރަނގަޅުކަމަށެވެ. އަދި ކުޅިވަރަކީ މޮޅާއި ދެރަ އެކުލެވިފައިވާ އެއްޗެއްކަމަށް އާތިފް ފާހަގަކުރިއެވެ.

"މިއަދު ކުޅުންތެރިން ކުރި މަސައްކަތާއި ބަލާފަ ގޯހެއް ނޫން. ހަމަ އެކަނި ގޯލެއް ނުވަނީ. ކުޅިވަރަކީ މޮޅާއި ދެރަޔާއި އިންނަ އެއްޗެއް. އީގަލްސްއަށް މަރުހަބާ ކިޔަން މޮޅުވީމަ. ރަނގަޅު ގޭމެއް ޓީމުން ކުޅުނީ" އާތިފް ބުނެފަވެއެވެ.

ލީގުގައި ޓީސީއިން ދެން ނުކުންނާނީ މިމަހުގެ 11 ވަނަ ދުވަހުރޭ ތާވަލުގެ 4 ވަނައިގައި އޮތް ނިއުރޭޑިއަންޓު ސްޕޯޓްސް ކުލަބާއި ދެކޮޅަށެވެ.