ޚަބަރު

ސްކޭމްގެ މައްސަލަތަކުގައި މިލިޔަނަކަށްވުރެ ގިނަ ރުފިޔާ ފޭރިގަނެއްޖެ!


  • ޑިސެންބަރު މަހު ސްކޭމްގެ 179 މައްސަލައެއް ރިޕޯޓު ކުރި

  • ފޭރިގަތް ފައިސާގެ ތެރެއިން 4،594،405.43 ރުފިޔާ ވަނީ އަނބުރާ ހޯދާފައި

ޑިސެމްބަރު މަހު އެކަނިވެސް ސްކޭމް ކޮށްގެން އެއް މިލިޔަނަށްވުރެ ގިނަ ރުފިޔާ ފޭރިގަނެފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ޑިސެމްބަރު މަހު ސްކޭމްގެ 179 މައްސަލަ ރިޕޯޓު ކޮށްފައިވެއެވެ.

މި މައްސަލަތަކުގެ ތެރެއިން 89 މައްސަލައެއްގެ ފައިސާ އެއްކޮށް ރިކަވަރީ ކޮށްފައިވާ ކަމަށާއި، 45 މައްސަލައިގެ ބައެއް ރިކަވަރީ ކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ.
ފޭރިގަނެފައިވާ 1،901،103 ރުފިޔާގެ ތެރެއިން، ފުލުހުން ވަނީ 4،594،405.43 ރުފިޔާ އަނބުރާ ހޯދާފައެވެ.

ޑިސެމްބަރު މަހު އާންމުކޮށް ސްކޭމް ކުރުމަށް ބޭނުންކޮށްފައިވާ މަންސަތަކާއި، ސްކޭމްގެ ބާވަތްތައްވެސް ފުލުހުން ވަނީ ހިއްސާކޮށްފައެވެ.

ރިޕޯޓް ކުރި ސްކޭމްގެެ ބާވަތްތައް:

އީ-ކޮމާސް: 80 މައްސަލަ
ފިޝިން، ވިޝިން އަދި ޖޮބް ސްކޭމް: 16 މައްސަލަ
ކަރަންސީ އެކްސްޗޭންޖު: 31 މައްސަލަ
އޮޅުވާލައިގެން އެހެން މީހެއްގެ އަތުން ފައިސާ ހޯދި: 44 މައްސަލަ
އެހެނިހެން: 8 މައްސަލަ

ސްކޭމް ކުރަން ބޭނުން ކޮށްފައިވާ މައިގަނޑު ވަސީލަތްތައް:

ފޯނު ކޯލް
އައިބޭ
އޮންލައިން މެސެޖިން މަންސަތައް
ފިޝިން ލިންކް
ފޭސްބުކް މާކެޓް ޕްލޭސް

ސްކޭމްގެ މައްސަލަތަކުން ރައްކާތެރިވުމަށް ކަމާބެހޭ ފަރާތްތަކުން އަބަދުވެސް އަންނަނީ އިރުޝާދު ދެއްވަމުންނެވެ.

އެއްވެސް ލިންކަކަށް ނުފިއްތުމަށާއި، އެއްވެސް ފަރާތަކަށް ވެރިފިކޭޝަން ކޯޑު ހިއްސާ ނުކުރުމުގެ އިތުރުން ދަންނަ މީހެއްގެ ފަރާތުން އައި މެސެޖެއް ކަމުގައިވިޔަސް ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން އަންނަނީ އިރުޝާދު ދެއްވަމުންނެވެ.

މީގެ އިތުރުން ސްކޭމްގެ ޝިކާރައަކަށް ވެއްޖެނަމަ ވަގުތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްވެސް ވަނީ ޢިލްތިމާސްކޮށްފައެވެ.