ސްކޫލް ބަންދާއި ދިމާކޮށް ކުލަބު ވެލެންސިއާ އެކެޑަމީގެ ފަރާތުން ސޮކާ ކޭމްޕެއް ކުރިއަށް އެބަގެންދެއެވެ. މި ކޭމްޕު ކުރިއަށްދަނީ މިމަހުގެ 4 އިން 6 އަށް ހުޅުމާލޭގައެވެ.
60 ވަރަކަށް ކުދިންނާއިއެކު ކުރިއަށް ގެންދާ މި ކޭމްޕަށް ލިބުނު ތަރުހީބު ބޮޑުކަމަށް ވެލެންސިއާއިންވަނީ ބުނެފައެވެ. މިފަދަ ކޭމްޕެއް ބޭއްވުމުގެ މަގްސަދަކީ ސްކޫލު ބަންދާއި ދިމާކޮށް އެކަޑަމީތަކުގެ ތަމްރީނުތައް މަޑުޖައްސާލާތީވެ، ފުޓުބޯޅަ ކުޅެން ބޭނުންވާ ކުދިންނަށް ބަންދު ދުވަސްވަރުގައިވެސް ފުޓުބޯޅަ ކުޅުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ. މި ކޭމްޕު ކުރިއަށްދަނީ ތަފާތު ހަރަކާތްތަކާއިއެކުގައެވެ. މިގޮތުން މޫދު ހަރަކާތްތަކާއި، ޓްރެކް ހަރަކާތްތައް މި ކޭމްޕުގެ ތެރެއިން ކުރިއަށް ދެއެވެ.
ސޮކާ ކޭމްޕުގެ ބައިވެރިންނަށް ރާއްޖޭގެ ތަޖުރިބާކާރު ގިނަ ކޯޗުންތަކެއް އިރުޝާދު ދީފައިވެއެވެ. އޭގެ ތެރޭގައި ފަސްޓު ޑިވިޝަނުގެ ކޯޗު ނިޒާމް އަދި ޕްރޯ ލައިސަންސް ކޯޗު ޝާޒްލީ ފަދަ ކޯޗުން ހިމެނޭކަމަށް ވެލެންސިއާއިން ވަނީ މައުލޫމާތުދީފައެވެ.
މި ކޭމްޕުގައި ބައިވެރިވުމަށް ގިނަ އަދަދެއްގެ ކުދިން އެދިފައިވީ ނަމަވެސް ޖާގައިގެ ދަތިތަކުގެ ސަބަބުން މިފަހަރު ފުރުސަތު ދީފައިވާނީ އެންމެ ފުރަތަމަ އެދުނު 60 ވަރަކަށް ކުދިންނަށްކަމަށް ވެލެންސިއާއިން ބުނެފަވެއެވެ. މިފަދަ ކޭމްޕުތަކުގެ ސަބަބުން ހުނަރުވެރި ކުޅުންތެރިން ފާހަގަކުރެވޭކަމަށާއި ކުރިއަށް އޮތްތާވެސް މިފަދަ ކޭމްޕުތައް ކުރިއަށް ގެންދިއުމަށް ވިސްނާފައިވާކަމަށް ވެލެންސިއާ އެކަޑަމީއިން ބުނެއެވެ.