ޚަބަރު

⁠⁠75 އަހަރު ވަޒީފާގެ ޔަޤީންކަން؛ އިޖުތިމާޢީ މައްސަލައަކަށް އަލިމަގެއް


  • މުސްތަޤުބަލުގައި އާބާދީގެ ކޮންމެ 4 މީހަކުން އެކަކު ވާނީ އުމުރުން ދުވަސްވީ މީހަކަށް

  • ވަކިވި ބޭފުޅުންނަށް ވަޒީފާ ދޭނީ އަހަރުން އަހަރަށް ކޮންޓްރެކްޓް އައު ކުރާ ގޮތަށް

  • އެ ބޭފުޅުންނަށް އައު ޖީލެއް ބިނާކުރަން މުހިންމު ދައުރެއް އަދާކުރެވޭނެ

ދިވެހިރާއްޖޭގެ އާބާދީގެ ނިސްބަތުން އުމުރުން ދުވަސްވީ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. ތަރައްޤީވެފައިވާ ޤައުމަކަށް ދިވެހިރާއްޖެ ހެދުމުގެ އަމާޒެއް ސަރުކާރުގައި އޮތްއިރު، މި އަމާޒަށް ވާސިލްވުމަށް މަސައްކަތްތެރި އާބާދީއެއް ދެމިއޮންނަން ޖެހެއެވެ. މިހާތަނަށް ރާއްޖޭގައި އޮތް ގޮތަކީ 65 އަހަރުވުމުން ވަޒީފާ ދޫކޮށްލުމެވެ. އެހައި ހިސާބުން ބަލަނީ، އެއީ އުމުރުން ދުވަސްވެފައިވާ މީހެއްގެ ގޮތުގައެވެ. މިހާލަތުގައި އެމީހެއްގެ ސިއްޚީ ދުޅަހެޔޮ ކަމާއި ވަޒީފާ އަދާކުރުމުގެ ޤާބިލުކަމަށް ނުބަލައެވެ.

ރާއްޖޭގެ އާބާދީއަކީ، ދުވަސްވަމުން އަންނަ އާބާދީއެއް ކަމަށް ދިރާސާ ކުރާ ފަރާތްތަކުން ބުނަނީ ކީއްވެތޯ ބަލަން ޖެހެއެވެ. ތަފާސް ހިސާބުތަކަށް ނަޒަރެއް ހިންގާލާއިރު، ދާދި ފަހުން މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ނެރުނު ދިވެހިރާއްޖޭގެ އާބާދީ އަންދާޒާގައި ރާއްޖޭގެ އާބާދީގައި އުމުރުން ދުވަސްވެފައިވާ މީހުންގެ ނިސްބަތް އިތުރުވަމުންދާކަން ވަނީ ފާހަގަކޮށްފައެވެ.

2022 ވަނަ އަހަރު އުމުރުން ދުވަސްވީ މީހުންގެ އާބާދީގައި ހިއްސާކުރަނީ، 5 އިންސައްތައެވެ. ނަމަވެސް 2044 ވަނަ އަހަރު އަންނަންވާއިރަށް މިއަދަދު 10 އިންސައްތައަށް މަތިވާނެއެވެ. އަދި 2062 ވަނަ އަހަރު ޖެހޭއިރު، ރާއްޖޭގެ އާބާދީގެ ކޮންމެ 4 މީހަކުން އެކަކީ އުމުރުން ދުވަސްވެފައިވާ މީހަކަށް ވާނެއެވެ.

އާބާދީއަށް މިއަންނަ ބަދަލާއެކު ރާއްޖޭގައި ވަޒީފާ އަދާކުރާ އުމުރު ފުރައިގައި ތިބި މީހުންގެ ނިސްބަތް މަދުވާނެކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. އުމުރުން 65 އަހަރުވުމުން ސިއްޚީ ދުޅަހެޔޮކަމާއި، ވަޒީފާ އަދާކުރުމުގެ ޤާބިލިއްޔަތު ކަމަށް ބެލުމެއް ނެތި ވަޒީފާއިން ވަކިވާން ޖެހުމުން ދިރިއުޅުމަށް އަންނަ ބަދަލުތަކާއެކު ބައެއް ފަހަރު އެފަދަ ފަރާތްތަކަށް ދިމާވާނީ މާ ހިތްދަތި ގޮތެކެވެ. އިހުސާސް ކުރެވެނީ، ދިރިއުޅުމުގެ ފަޅުކަމާއި އެކަނިވެރި ކަމެވެ.

އުމުރުން ދުވަސް ވެފައިވާ އާބާދީ އިތުރުވުމާއި، އިޖުތިމާޢީ ގޮތުން ޙައްލުކުރަންޖެހޭ މިފަދަ މައްސަލަތައް ހުރިއިރު ރައީސުލްޖުމްހޫރިއްޔާ އެންމެފަހުން ތަސްދީޤު ކުރެއްވި ރީ އެމްޕްލޯއިމަންޓު ޤާނޫނަކީ މިފަދަ މައްސަލަތައް ޙައްލު ކުރުމަށް ހުޅުވާލެވުނު ދޮރެކެވެ. މިއީ، ދާއިމީ ޙައްލަކަށް ނުވެދާނެވެ. ނަމަވެސް ޤާނޫނުގެ ތެރެއިން ތަޖުރިބާ ހުރި ޤާބިލް ފަރާތްތަކަށް ދިން ފުރުޞަތަކަށް ވާނެއެވެ.

ބިލުގައިވާ ގޮތުން ރީ - އެމްޕްލޯއިމަންޓު އުސޫލުގެ ދަށުން ވަޒީފާ ދެވޭނީ، ދައުލަތުގެ ވަޒީފާގައި މަސައްކަތް ކުރަމުންދާ 65 އަހަރާއި، 75 އަހަރާ ދެމެދުގެ މީހުންގެ ތެރެއިން ވަޒީފާގައި ދެމިތިބުމަށް އެދޭ މީހުންނަށެވެ. އަދި ދައުލަތުގެ ވަޒީފާއެއް އަދާކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މި ޤާނޫނަށް އަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 7 އަހަރު ކުރިން ފެންޝަން ޙައްޤުވާ އުމުރު ހަމަވެ، ވަޒީފާއިން ވަކިވި މީހުންނަށްވެސް ވަޒީފާ ހަމަޖައްސައިދެވޭނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ.

ރީ - އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ ހަމަޖައްސަން ޖެހޭނީ، އަހަރުން އަހަރަށް އައު ކުރަންޖެހޭ އެއްބަސްވުމެއްގެ ދަށުންނެވެ. މި އުސޫލުގެ ދަށުން މުވައްޒަފު ކުރިން ހުރި މަޤާމު ނުވަތަ އެއިން މަޤާމަކަށްވެސް ހަމަޖެއްސިދާނެއެވެ. މި ބިލު ޤާނޫނަކަށްވި ނަމަވެސް ސިފައިންނާއި، ފުލުހުންނާއި، ފަނޑިޔާރުން އަދި ޤާނޫނުއަސާސީއާއި ޤާނޫނެއްގެ ދަށުން އައްޔަން ކުރާ މަޤާމުތަކުގައި ތިއްބަވާ ފަރާތްތަކަށް އެ ޤާނޫނު ނުހިނގާނެ ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

މިފަދަ ޤާނޫނެއް އައިއިރު ބައެއް ފަރާތްތަކުން ވަނީ، މިކަމުގެ ސަބަބުން ވަޒީފާ ލިބުމުގެ ދަތިތަކެއް ހުރެދާނެ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. ނަމަވެސް ރާއްޖޭގެ ވަޒީފާގެ ބާޒާރަށް ބަލާއިރު، ރާއްޖޭގެ ވަޒީފާ އޮތް މިންވަރު ހާމަވަނީ ބިދޭސީން ވަޒީފާ އަދާކުރާ މިންވަރަށް ބެލުމުންނެވެ. ރާއްޖޭގެ ވަޒީފާގެ ފުރުސަތު ނުލިބެނީ، ނިސްބަތުން އަލަށް ވަޒީފާއަށް ނިކުންނަ ފަރާތްތަކަށް ހުރި ވަޒީފާގެ ފުރުޞަތު މަދުވުމާއި، އަދުގެ ވަޒީފާގެ ބާޒާރަށް ބޭނުންވާ ހުނަރާއި، ޤާބިލްކަން ހުރި ޒުވާނުން ރާއްޖޭގައި މަދުވުމުންނެވެ. މިފަދަ ޤާނޫނެއް އަންނައިރު، އެންމެ ބޮޑު އެއް ފައިދާއަކަށް ވާނީ އުމުރުން ދުވަސްވީ ޤާބިލް ފަރާތްތައް މެދުވެރިކޮށް އައު ޖީލު ވަޒީފާގެ މާޙައުލަށް ތައްޔާރު ކުރުމަށް ފުރުޞަތު ފަހި ވުމެވެ.

ތަރައްޤީވެފައިވާ ޤައުމަކަށް ރާއްޖެ ހެދުމުގެ އަމާޒުގައި ސަރުކާރުން މަސައްކަތް ކުރަމުންދާއިރު، އެކި ދާއިރާތަކުން އުފެދޭ ވަޒީފާތަކަށް ބޭނުންވާ މީހުންގެ އަދަދު ދުވަހުން ދުވަހަކަށް ދަނީ އިތުރުވަމުންނެވެ. މިހާރުވެސް ޖިސްމާނީ ގޮތުން ބުރަ އުފުލަންޖެހޭ ބައެއް ދާއިރާތަކަށް ވަޒީފާއަށް އިއުލާން ކޮށްގެން މީހުން ނުލިބޭތަން އާދެއެވެ. ތަޢުލީމީ ދާއިރާއާއި، ޞިއްޙީ ދާއިރާ ފަދަ އަސާސީ ދާއިރާތަކުން ފަންނީ ޤާބިލް މީހުން ބޭނުންވެގެން އިއުލާން ކޮށްގެންވެސް އެކަށީގެންވާ ޤާބިލް މީހުން ނުލިބޭ މައްސަލަ އޮތީ ބޮޑުވެފައެވެ. އެހެން ކަމުން މި ގެނެވޭ ބަދަލަކީ، ހެޔޮ ބަދަލަކަށްވާނެ ކަމާމެދަކު ޝައްކެއް ނެތެވެ.