މިފްކޯއަށް ސަރުކާރުން ދެމުން ދާ ސަބްސިޑީ މިއަހަރު ނިމޭއިރު %50 އަށް ކުޑަ ކުރުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އެ ކުންފުނިން ވިދާޅުވެއްޖެއެވެ.
މިފްކޯގެ ހިންގުން ހަރުދަނާކޮށް ޚަރަދު ކުޑަ ކުރުމަށްޓަކައި އެ ކުންފުނިން ދަނީ، ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.
ސަރުކާރުގެ މަސް ކުންފުނި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮންޕެނީ ލިމިޓެޑް، މިފްކޯއަކީ މީގެކުރިން ގެއްލުމުގައި ހިންގަމުން އައި ކުންފުންޏެކެވެ. ސަރުކާރުގެ ބަޖެޓުން މިފްކޯއަށް ސަބްސިޑީގެ ގޮތުގައި ބޮޑު އަދަދެއް ދިޔައީ ދެމުންނެވެ.
ސަރުކާރު ޙިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާ ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން އެންމެ ފުރަތަމަ ހަމަމަގަށް އަޅުއްވަން މަސައްކަތް ފެއްޓެވީ މިފްކޯއެވެ. ކުންފުނީގެ ހިންގުން ހަރުދަނާ ކުރުމާއި، އިސްރާފު ކުޑަ ކުރުމަށް ރައީސް ވަނީ ފިޔަވަޅުތަކެއް އަޅުއްވާފައެވެ. އަދި މިފްކޯއަކީ، %100 ސަރުކާރު ޙިއްސާވާ ކުންފުންޏަކަށް ބަދަލު ކުރެއްވިއެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މިފްކޯގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ފަރުޙަތު ޝަހީރު ވިދާޅުވީ، މިފްކޯއަށް ދައުލަތުން ދެއްވަނީ ސަބްސިޑީއެއް ކަމަށެވެ. އެ ސަބްސިޑީ ދެއްވަނީ، ސަރުކާރުން ކަނޑައަޅުއްވާފައިވާ އަގުގައި މަސް ގަތުމަށް ކަމަށެވެ. އަދި މިހާރުވެސް އެހެނިހެން ޚަރަދުތައް ކުރަމުންދަނީ، މިފްކޯ ހިންގައިގެން ލިބޭ އާމްދަނީންކަން އެކުންފުނިން ފާހަގަކުރައްވައެވެ. ސީއީއޯ ވިދާޅުވީ، މިފްކޯ ހިންގުން އިތުރަށް ހަރުދަނާ ކުރުމަށް އެކުންފުނިން މަސައްކަތް ކުރަމުންދާއިރު، މިމަސައްކަތްތަކުގެ ނަތީޖާ މިހާރު ފެންނަމުންދާ ކަމަށެވެ.
"އަޅުގަނޑުމެން ޚަރަދުތައް ކުޑަކޮށް އަޅުގަނޑުމެންނަށް ކުރެވުނު މަސައްކަތްތަކުގެ ތެރެއިން މި ފާއިތުވި އަހަރު 4 ކުއާޓަރގެ ތެރެއިން މެދު ތެރޭގައި މަސްވެރިކަން ވަރަށް ދަށްވެގެން ދިޔަ. އެ ކުއާޓަރގައި ކުޑަކޮށް ރަތްކޮށް ފެނުނު ކަމުގައިވިއަސް މުޅި އަހަރުގެ ހިސާބުތަކަށް ބަލާއިރު ކަޅުކޮށް އެބަ ފެނޭ އެކަމުގެ ފެހި ސިގްނަލް އަޅުގަނޑުމެންނަށް އެބަ ފެނޭ". ފަރުހަތު ވިދާޅުވިއެވެ.
މިފްކޯގެ ސްޓްރެޓެޖިކް ކޮންސަލްޓެންޓް އިބްރާހީމް އާޠިފް ޝަކޫރު ވިދާޅުވީ، ސަރުކާރުން މިފްކޯއަށް ދެމުން އަންނަ ސަބްސިޑީއާއި ގުޅޭގޮތުން މިހާރު ސަރުކާރާއިއެކު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށެވެ. އަދި މިފްކޯގެ ހިންގުމަށް ގެންނަ ބަދަލުތަކާއިއެކު މިއަހަރު ނިމޭއިރު މިފްކޯއަށް ސަރުކާރުން ދެމުން އަންނަ ސަބްސިޑީ ދެބައިކޮށްފަ އެއް ބަޔަށް ދަށް ކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.
"މިދިޔަ އަހަރު ދެމުން ދިޔަ ސަބްސިޑީ ކިލޯއަކުން 1 ރުފިޔާ މިއަހަރު ތެރޭގައި މަދުކޮށްފައި މިއަހަރު ނިމޭއިރުގައި އަޅުގަނޑުމެން މިއަހަރު ދެއްވާ ސަބްސިޑީ ދެބައިކޮށްފަ އެއްބަޔަށް ކުޑަ ކުރުމަށް އަޅުގަނޑުމެން ރޭވުންތައް ރާވައި ސަރުކާރާއިއެކު އެއްބަސްވުމާއި ހަމައަށް ގޮއްސަ މިއޮތީ". އާތިފް ވިދާޅުވިއެވެ.
ރައީސްގެ ވަޢުދުފުޅާއި އެއްގޮތަށް މިފްކޯއިން މިހާރު ދަނީ، މަސްވެރިންގެ އަތުން ގަންނަ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރަމުންނެވެ. މިހާތަނަށް މަސްވެރިންނަށް 973 މިލިޔަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށް މިފްކޯއިން ވިދާޅުވެއެވެ.
މިފްކޯގެ ކާރުހާނާތައް ތަރައްޤީކޮށް އަޕްގްރޭޑް ކުރުމުގެ މަސައްކަތްވެސް އެ ކުންފުނިން ދަނީ ކުރަމުންނެވެ. އެކުންފުނިން ވިދާޅުވީ، މިފްކޯގެ މައި ޕްރޮޑަކްޝަން ހަބު ކަމުގައިވާ ޅ.ފެލިވަރުގެ އެކްސްޕެންޝަން މަޝްރޫޢުގެ ދަށުން ތަރައްޤީ ކުރާ ކޯލްޑް ސްޓޯރޭޖް މިއަހަރުގެ މެދު ތެރޭގައި ނިމި ބޭނުންކުރަން ފެށޭނެ ކަމަށެވެ.