ލ. ގަމަކީ ހައްދުންމަތީގެ ގުޅިފައިވާ ރަށްތަކުގެ ތެރެއިން އެންމެ ބޮޑު އާބާދީއެއް ދިރިއުޅޭ ރަށެވެ. ރަށުގެ ތަރައްޤީއަށް ބޭނުންވާ މަޝްރޫޢުތަކެއް އެރަށުގައި މިހާރުވެސް އަންނަނީ ކުރަމުންނެވެ. އޭގެތެރޭގައި ތަޢުލީމާއި، ޞިއްޙަތާއި، ތިމާވެށީގެ އިތުރުން އަސާސީ ޚިދުމަތްތަކާ ގުޅޭ މަޝްރޫޢުތައް ހިމެނެއެވެ.
ހައްދުންމަތީ ގަމަކީ، އެއަތޮޅުގެ ގިނަ ބަޔަކު ކޮންމެ ދުވަހަކުވެސް އަރައި، ފައިބާ ރަށެކެވެ. ސިއްޙީ ކަންކަމުގައްޔާއި، ވިޔަފާރި ކުރުމާއި އަދި މިނޫންވެސް އެކި ބޭނުންތައް ފުއްދުމަށް އެރަށަށް ގިނަ ބަޔަކު ދެއެވެ. ރަށަށް ލިބިފައިވާ ޤުދުރަތީ ރީތިކަމުންނާއި، ޢުމްރާނީ ތަރައްޤީގެ ރޮނގުން ލިބެމުން އަންނަ ކުރިއެރުންތަކުގެ ސަބަބުން ޗުއްޓީ ދުވަސްވަރާ ދިމާކޮށް އެރަށަށް ދާ މީހުންވެސް މަދެއް ނޫނެވެ.
ނަމަވެސް އެރަށުގެ ރައްޔިތުންނަށާއި، ޗުއްޓީ ހޭދަ ކުރުމަށް އެރަށަށް ދާ މީހުންނަށްވެސް ދިމާވާ އެންމެ ބޮޑު އެއް މައްސަލައަކީ، ރަށް ގިރުމުގެ މައްސަލައެވެ. މި މައްސަލައަށް ޙައްލެއް ގެނައުމަށް ސަރުކާރުން ވަނީ، އެރަށުގެ ގޮނޑުދޮށް ޙިމާޔަތް ކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީއާ ހަވާލުކޮށްފައެވެ. އަދި މިހާރު އެމްޓީސީސީން އަންނަނީ، އެ މަސައްކަތް ކުރަމުންނެވެ.
އެމްޓީސީސީން ވިދާޅުވީ، މި މަޝްރޫޢުގެ ތެރެއިން ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް މިހާރު އެއްކޮށް ނިމިފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށް ދަނީ، ގްރޮއިން ޖެހުމުގެ މަސައްކަތްތަކާއި، ގޮނޑުދޮށަށް ވެލި އެޅުމުގެ މަސައްކަތްތައް ކަމަށެވެ.
Project Update: Design and Build of Shore Protection Structures at L. Gan
— MTCC Plc (@MTCCPlc) January 8, 2026
We have completed construction of revetment. Groyne profiling and back filling works are ongoing.
Follow more updates at: https://t.co/SfVAzkW2pp #MTCCProjects #TeamMTCC #RayyithungeKunfuni… pic.twitter.com/Pba1DIM92P
މި މަޝްރޫޢުގެ ދަށުން، ގަމުގެ ބަނދަރުގެ އުތުރު ފަޅިން ގިރާ ސަރަހައްދު ހިމާޔަތް ކުރުމަށްޓަކައި 30 މީޓަރުގެ ރިވެޓްމެންޓެއް ޖަހައި، 260 މީޓަރުގެ ގްރޮއިންސް ޖެހުމުގެ އިތުރުން 10،007 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމަށް ހަމަޖެހިފައިވެއެވެ.
މި މަޝްރޫޢުގެ މަސައްކަތް ނިމުމާއެކު ރަށް ގިރުމުގެ މައްސަލައަށް ޙައްލެއް ލިބި، ރަށުގެ ގޮނޑުދޮށް ޙިމާޔަތް ކުރެވޭނެ ކަމަށް ސަރުކާރުން ޤަބޫލު ކުރައްވައެވެ. މިއީ، 52.11 މިލިޔަން ރުފިޔާގެ މަޝްރޫޢެކެވެ.
ރާއްޖޭގެ ގިނަ ރަށްތަކަށް ދިމާވެފައިވާ ރަށް ގިރުމުގެ މައްސަލަ ޙައްލު ކޮށްދިނުމަށްޓަކައި ސަރުކާރުން އަންނަނީ، އަތޮޅުތަކުގެ ރަށްރަށުގައި ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ ގިނަ މަޝްރޫޢުތަކެއް ހިންގަމުންނެވެ.