ތައިލެންޑުގައި ފަށާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕުގައި ވާދަކުރާ ޤައުމީ ފިރިހެން ޓީމަށް އޮތް ސަޕޯޓާ އެއްވަރަށް، ޤައުމީ އަންހެން ފުޓްސަލް ޓީމަށް ވެސް ހިތްވަރުދީ، ޔަގީންކަން ބޭއްވުމަށް ޓީމުގެ ކެޕްޓަން ފާތިމަތު ޝާލިޔާ އެދިއްޖެއެވެ.
މުބާރާތުގައި ވާދަކުރަން ރާއްޖޭގެ އަންހެން ޓީމު ތައިލެންޑަށް ފުރާފައިވާއިރު، "ޕީއެސްއެމް ނިއުސް" އާ ވާހަކަދައްކަމުން ޝާލިޔާ ބުނީ، ފުަރަތަމަ ފަހަރަށް ޤައުމީ ޓީމެއްގެ ގޮތުގައި ރާއްޖޭގެ އަންހެން ފުޓްސަލް ކުޅުންތެރިންނަށް ފުރުސަތު ފަހިވެގެންދިއުމަކީ މި ކުޅިވަރަށް ލޯބިކުރާ އެތައް ބަޔަކަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމަކާއި ހިތްވަރަކަށް ވެގެންދިޔަ ކަމަށެވެ.
ޝާލިޔާ ބުނީ، ރާއްޖޭގައި ޓާފްގައި، ކުރެވެން އޮތް އެންމެ ފުރިހަމައަކަށް ފަރިތަކުރުންތައް ކުރިއަށް ގެންދެވުނު ކަމަށާއި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ޓީމުން ކޮށްފައިވާ ކަމަށެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި އިންޑިއާއާ ދެކޮޅަށް ނުކުތުމުގެ ކުރިން ތައިލެންޑުގައި، އިންޑޯގައި ދެ ފަރިތަކުރުމުގެ ސެޝަން ކުރިއަށް ގެންދަން ފުރުސަތު ލިބިފައިވުމަކީ، މި މުބާރާތުގައި ވާދަކުރާ އެންމެ ތަޖުރިބާހުރި ޤައުމާ ދެކޮޅަށް ނުކުންނައިރު ލިބޭނެ ވަރަށް ބޮޑު އެހީތެރިކަމަކަށް ވާނެކަން ޝާލިޔާ ފާޙަގަކުރިއެވެ.
"އެންމެފުރަތަމަ މިއިނީ އިންޑިއާއާ އެއްކޮށް. އިންޑިއާ އަކީ އޭއެފްސީ ކޮލިފައިންގަ ވެސް ކުޅެފަ އިން ޓީމެއް. އެންމެ އެކްްސްޕީރިއަންސްޑް ޓީމް ފުޓްސަލްގައި މި މުބާރާތުގައި އޮތް. މުބާރާތުގެ ފުރަތަމަ މެޗުގެ ކުރިން އެބަލިބޭ އިންޑޯގައި ދެ ޕްރެކްޓިސް ކޮށްލަން. އިތުރަށް ޓީމު ޕްރިޕެއަރ ވެގެންދާނެކަމަށް މިބަލަނީ އިންޑޯގައި ޕްރެކްޓިސް ކޮށްލަން ލިބުމުން" ޝާލިޔާ ބުންޏެވެ.
މުބާރާތުގައި ޖުމްލަ 7 ޓީމު ވާދަކުރާއިރު، ފީފާ ވިމެންސް ފުޓްސަލް ރޭންކިންގައި މި ޓީމުތަކުގެ ތެރެއިން ރޭންކު ކުރެވިފައިވާ ހަމައެކަނި ޤައުމަކީ ވެސް އިންޑިއާއެވެ. އަދި ވާދަވެރި، ބައިނަލްއަގްވާމީ މެޗުތަކެއް ކުޅެފައި ވަނީ ވެސް ހަމައެކަނި އިންޑިއާއިންނެވެ. އިންޑިއާއިން މީގެކުރިން ވަނީ އޭއެފްސީ އޭޝިއަން ކަޕް ކޮލިފިކޭޝަނުގައި ތިން މެޗެއް ކުޅެފައެވެ. އެހެންނަމަވެސް އެ ތިން މެޗުން ވެސް އިންޑިއާ ވީ ބައްުޔެވެ.
ވާދަވެރި މެޗުތަކެއް ކުޅުމުގެ ފުރުސަތު ނުލިބުމާއި، މުބާރާތުގައި މެޗުތައް ކުޅެންޖެހޭ ފަދަ އިންޑޯ ޕިޗެއްގައި ފަރިތަކުރުންތައް ކުރިއަށް ގެންދިއުމުގެ ފުރުސަތު ނުލިބުން އެއީ ގޮންޖެހުމެއްކަން ފާހަގަކޮށް، ދެން މުބާރާތުގައި ވާދަކުރާ ޓީމުތަކުން ޓްރެއިނިން ކޭމްޕްތައް ބާއްވައި، އިންޑޯ ޕިޗުގައި ފަރިތަކުރުންތައް ބޭއްވުން އެއީ އެ ޓީމުތަކަށް ލިބޭ އެޑްވާންޓޭޖެއްކަން ޝާލިޔާ ފާހަގަކުރިއެވެ.
ކަން މިހެން އޮތް ނަމަވެސް، ރާއްޖޭގައި އަންހެން ކުދިން ވާދަވެރި މުބާރާތްތަކެއްގައި ކުޅޭ މިންވަރާއި، ހުނަރުގެ ގޮތުން ބަލާއިރު ރަނގަޅުވުން އެއީ ރާއްޖެއަށް ލިބޭ އެޑްވާންޓޭޖެއްކަން ވެސް އޭނާ ފާހަގަކުރިއެވެ.
މުބާރާތުގައި ކާމިޔާބީއާ ހަމައަށް ދެވޭނެކަމުގެ އުއްމީދު ބޮޑުކަމަށް ބުނެ ޝާލިޔާ ވަނީ ދިވެހިންނަށް ޙާއްސަ މެސެޖެއް ވެސް "ޕީއެސްއެމް ނިއުސް" މެދުވެރިކޮށް ދީފައެވެ.
"އަޅުގަނޑުމެންނާ ދޭތެރޭ ވެސް އުއްމީދެއް ބައިންދާދީ. އަޅުގަނޑުމެންގެ ހުރިހާ ޕްލެޔާސް ވެސް ހަމަ މިކޮޅުގައި ރެޑީ ވެވޭނެ އެންމެ ރަނގަޅަކަށް ރެޑީ ވެގެން މިދަނީ. ތައްޔާރުވާން ލިބުނު ޑިއުރޭޝަނަށް ބަލާފައި، ކުރެވުނު އެންމެ ބުރަ މަސައްކަތެއް ކޮށްގެން، މި ސަރަހައްދުން ރާއްޖެއަށް ރީތި ނަމެއް ހޯދައިދޭން މަސައްކަތް ކުރާނަން. އެހެންވީމަ އަޅުގަނޑުމެންނަށް ވެސް ސަޕޯޓު ދެއްވާ، ހަމަ ފިރިހެން ފުޓްސަލް ޓީމަށް ވެސް ސަޕޯޓުދޭ ގޮތަށް". ޓީމަށް ސަޕޯޓުކޮށްދިނުމަށް އެދި ޝާލިޔާ ބުންޏެވެ.
މި މަހު 13 ވަނަ ދުވަހު ތައިލެންޑުގެ ވެރިރަށް ބެންކޮކުގައި ފަށާ ސާފް ވިމެންސް ފުޓްސަލް ޗެމްޕިއަންޝިޕުގައި ވާދަކުރާ ރާއްޖޭގެ ޤައުމީ އަންހެން ފުޓްސަލް ޓީމު އެ ގައުމަށް ފުރީ ހުކުރު ދުވަހުގެ ރެއެވެ. ތައިލެންޑަށް ފުރާފައިވަނީ އެކުލަވާލާފައިވާ 14 ކުޅުންތެރިންގެ ފައިނަލް ސްކޮޑާއެކުއެވެ. މީގެތެރޭގައި ގިނައީ، މިފަހުން ބޭއްވި އެފްއޭއެމް ވިމެންސް ފުޓްބޯލް ލީގުގައި ކުޅުނު ކުޅުންތެރިންނެވެ.
އާތިފް މުހައްމަދު (އާތީ) ގެ އިރުޝާދުގެ ދަށުން މުބާރާތަށް ނުކުންނަ ރާއްޖޭގެ ގައުމީ ސްކޮޑުގައި ހިމެނެނީ، ކީޕަރުންގެ ގޮތުގައި ފާތިމަތު ސައުސަން އަދި ސާއިގާ ހުސެއިން އެވެ. ޓީމުގައި ދެން ހިމެނޭ ކުޅުންތެރިންނަކީ ފާތިމަތު އަފްޒާ، ފާތިމަތު ޝާލިޔާ، މަރިޔަމް ރިފާ، ފާތިމަތު އިނާޝާ އާދަމް، ރާނިޔާ އިބްރާޙީމް، އައިމިނަތު ފަޒްލާ، ފާތިމަތު ސައިނާ، މަރިޔަމް ނޫރާ، ފާތިމަތު ފައިހާ އަލީ، އައިމިނަތު ފައިހާ އަލީ، އައިމިނަތު ޝާމިލާގެ އިތުރުން މަރިޔަމް ޝަފާ ބިންތު އަޙްމަދު އަލީ އަދި ހައްވާ ހަނީފާއެވެ.
ޓީމުގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި ހަރަކާތްތެރިވާނީ، މުހައްމަދު އިހުސާން ސައީދު (ލިއުބީ) އެެވެ. ގޯލްކީޕަރު ކޯޗެއްގެ ގޮތުގައި އިބްރާހިމް އަހުމަދު ހަމަޖައްސާފައިވާއިރު، ޓީމުގެ މެނޭޖަރަކީ އައިމިނަތު ސިޔާނާ އެވެ.
ތައިލެންޑުގައި މި މަހުގެ 13-27 އަށް ކުރިއަށްދާ ސާފް ވިމެންސް ފުޓްސަލް ޗެމްޕިއަންޝިޕުގައި ޖުމްލަ ހަތް ޓީމެއް ވާދަކުރެއެވެ. އެއީ ރާއްޖޭގެ އިތުރުން އިންޑިއާ، ބަންގްލަދޭޝް، ބޫޓާން، ނޭޕާލް، ޕާކިސްތާން އަދި ސްރީލަންކާއެވެ.