ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ވިކްޓަރީ ސްޕޯޓްސް ކުލަބު ބަލިކޮށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އިން ބޮޑު ލީޑަކާ އެކު ލީގު ހޯދުމާ ގާތަށް ޖެހިލައިފިއެވެ. މާޒިޔާ މެޗު ކާމިޔާބު ކުރީ 3-0 ލަނޑުންނެވެ.
މި މޮޅާއެކު މާޒިޔާ އަށް ތާވަލުގެ އެއްވަނަ ލިބެނީ ކުޅުނު 13 މެޗުން 40 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނާގަވާ އޮޑި ސްޕޯޓްސް ކުލަބާ މާޒިޔާ ދެމެދު 11 ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ.
ރަސްމީ ބޯޅަދަނޑުގައި ކުޅުނު މެޗު ޑޮމިނޭޓްކޮއްގެން ކުޅުނީ ވިކްޓަރީއެވެ. ގިނަ އިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ ވިކްޓަރީން އުފެއްދި އިރު ކައުންޓަރ އެޓޭކްގައި ވިކްޓަރީ އަށް ފޮނުވާލެވުނީ މަދު ހަމަލާއެކެވެ.
މެޗު ފަށައިގެން މާޒިޔާގެ ހަމްޒާ މުހައްމަދުގެ ނުރައްކާ ވިކްޓަރީ އަށް ބޮޑުވެގެން ދިޔައިރު އޭނާ ވަނީ މެޗުގެ ފުރަތަމަ ހާފުގައި ގިނަ ހަމަލާތަކެއް ވިކްޓަރީގެ ގޯލަށް ފޮނުވާލާފައެވެ.މެޗުގެ 5 ވަނަ މިނިޓުގައި ހަމްޒާ އޭރިއާ ބޭރުން ފޮނުވާލި ހަމަލާއެއް ކީޕަރު ވަނީ ދިފާއުކޮއްފައެވެ.
މެޗުގެ 16 ވަނަ މިނިޓުގައި މާޒިޔާގެ އިބްރާހިމް އައިސަމް ދިން ބޯޅައެއް އޭރިއާ ބޭރުން ހައިޝަމް ހަސަން ފޮނުވާލުމުން ދިޔައީ ހުރަސް ދަނޑަމަތިން ބޭރަށެވެ. އޭގެފަހުން ހަމްޒާ އަށް އޭރިއާ ތެރެއިން ލިބުނު ފުރުސަތެއްގެ ބޭނުން ވަނީ ހިފޭގޮތް ނުވެފައެވެ.
ވިކްޓަރީ އަށް މުޅި މެޗުގަ ވެސް ލަނޑުޖަހަން ލިބުނު އެންމެ ރަނގަޅު ފުރުސަތަކީ އެޓީމުގެ ސްލޮވާކިޔާގެ ފޯވާޑް މިލޯސް ލަޗްނޭ ލިބުނު ބޯޅައެވެ. 30 ވަނަ މިނިޓުގައި އޭރިއާ ތެރެއަށް ލަޗްނޭ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާ ކީޕަރު ވަނީ ދިފާއުކޮއްފައެވެ.
މެޗުގެ ދެވަނަ ހާފުގެ ކުރީ ކޮޅު ލަނޑު ޖަހަން މާޒިޔާގެ ހައިޝަމް އަށް ވެސް ވަނީ ރަނގަޅު ފުރުސަތެއް ލިބިފައެވެ. މާޒިޔާ އިން ވިކްޓަރީގެ ގޯލު ހުޅުވާލީ މެޗުގެ 55 ވަނަ މިނިޓުގައި ހުސެއިން ސިފާއު އޭރިއާ ތެރެއިން އަރިމަތިން ޖައްސާލި ބޯޅައެއް އޭރިޔާ ތެރޭގެ ހުރެ އަހުމަދު އައިހަމްއެވެ.
މާޒިޔާ އިން ލީޑު އިތުރަށް ފުޅާ ކުރީ ދެވަނަ ހާފުގެ 61 ވަނަ މިނިޓުގައި ވިކްޓަރީ އަހުމަދު ފިރާޝް އޭރިއާ ތެރެއިން ހަސަން ނަޒީމް އަށް ފައުލުކުރުމުން ލިބުނު ޕެނެލްޓީން ވައްދާލި ލަނޑުންނެވެ. މި ލަނޑު ޖެހީ ހަމްޒާއެވެ.
މާޒިޔާ އިން ޖެހި ތިންވަނަ ލަނޑަކީ ބަދަލަކަށް ކުޅެން އެރި މުހައްމަދު އިލާން އިމްރާންއެވެ. ހަމްޒާ ފޮނުވާލި ހިލޭޖެހުމެއް ކީޕަރު އަތުގަ ޖެހިފަ ނުކުތުމުން އިލާން ގޯލަށް ވައްދާލީ ހަރަކާތް އަވަސްކޮށެވެ. އިލާން މި ލަނޑު ޖެހީ ކުޅެން ނުކުތްތާ މާގިނަ އިރެއް ނުވެ މެޗުގެ 68 ވަނަ މިނިޓުގައެވެ.
މެޗުގެ ފަހު ދެ މިނިޓް ތެރޭގައި މާޒިޔާގެ ކަޒަކިސްތާން މިޑްފީލްޑަރ ނިޒާމް މަމަދުޒާދާ އޭރިއާ ބޭރުން ފޮނުވާލި ބޯޅައެއް އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.