ކުޅިވަރު

ސޮކާ ކޭމްޕު ނިންމުމުގެ ރަސްމިއްޔާތު ކުޅިވަރު ވަޒީރު ޝަރަފުވެރިކޮށްދެއްވައިފި


މިމަހުގެ 4 އިން 9 އަށް ކުލަބު ވެލެންސިއާ އެކެޑަމީގެ ފަރާތުން ހުޅުމާލޭގައި ކުރިއަށް ގެންދިޔަ ސޮކާ ކޭމްޕު ނިންމުމުގެ ރަސްމިއްޔާތު ކުޅިވަރު ވަޒީރު ޢަބްދުﷲ ރާފިޢު ޝަރަފުވެރިކޮށްދެއްވައިފިއެވެ.

މި ކޭމްޕަކީ ސްކޫލު ބަންދު ދުވަސްވަރު ކުދިންނަށް ފުޓުބޯޅައިގެ ހުނަރުތައް ދަސްކޮށްދީ އުފާވެރި މަޖާ މާހައުލެއްގައި ފުޓުބޯޅަ ކުޅެލުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ވެލެންސިއާ އެކަޑަމީއިން ކުރިއަށް ގެންދިޔަ ކޭމްޕެކެވެ. މި ކޭމްޕުގެ ޓްރެއިންތައް ކުރިއަށް ގެންގޮސްފަވަނީ ދަނޑުގެ އިތުރުން ހުޅުމާލޭ ބީޗްގައެވެ.

މި ކޭމްޕުގެ ބައިވެރިންނަށް ރާއްޖޭގެ ތަޖުރިބާކާރު ގިނަ ކޯޗުންތަކެއްވަނީ އިރުޝާދު ދީފައެވެ. އޭގެ ތެރޭގައި ފަސްޓު ޑިވިޝަނުގެ ކޯޗު ނިޒާމް އަދި ޕްރޯ ލައިސަންސް ކޯޗު ޝާޒްލީ ފަދަ ކޯޗުން ހިމެނެއެވެ.

ސޮކާ ކޭމްޕު ނިންމުމުގެ ގޮތުން ކޭމްޕުގެ ބައިވެރިންގެ މެދުގައިވަނީ މެޗުތަކެއް ކުޅެފައެވެ. މެޗުތަކަށްފަހު ކޭމްޕުގެ ބައިވެރިންނަށް މެޑަލް ހަވާލުކޮށްދެއްވާފަވަނީ ކުޅިވަރު ވަޒީރުއެވެ.
މި ކޭމްޕުގެ ސަބަބުން ވަރަށް ހުނަރުވެރި ކުދިން ފާހަގަކުރެވިއްޖެކަމަށާއި މިފަދަ ހޮލިޑޭ ސޮކާ ކޭމްޕުތައް ކުރިއަށް އޮތް ތަނުގައިވެސް ކުރިއަށް ގެންދާނެކަމަށް ވެލެންސިއާއިންވަނީ ބުނެފައެވެ.