އެފްއޭ ކަޕުގެ ތިންވަނަ ބުރުގައި ރޭ، އިނގިރޭސިވިލާތުގެ ހަވަނަ ޑިވިޝަނުގައި ކުޅޭ މެކްލްސްފީލްޑް އިން، އެ މުބާރާތުގެ އެންމެފަހުގެ ޗެމްޕިއަން ކްރިސްޓަލް ޕެލަސް ބަލިކޮށްފިއެވެ.
މި ބައްޔާއެކު ޕެލަސް މުބާރާތުން ވަކިވާން ޖެހުނުއިރު، މިއީ އެފްއޭ ކަޕުގެ 155 އަހަރުގެ ދިގު މާޒީގައި ފެނުނު އެންމެ ހައިރާންކުރަނިވި ނަތީޖާކަމަށް އެނަލިސްޓުން ބުނެއެވެ. އެއީ އިނގިރޭސިވިލާތުގައި ކުލަބުތައް ރޭންކު ކުރެވިފައިވާ ގޮތަށް ބަލާއިރު މެކްލްސްފީލްޑް އޮތީ ޕެލަސް އަށްވުރެ 117 ދަރަޖަ ފަހަތުގައެވެ.
ޕްރިމިއަރ ލީގުގެ ޕޮއިންޓު ތާވަލުގެ 13 ވަނައިގައި އޮތް ކްރިސްޓަލް ޕެލަސް، މެކްލްސްފީލްޑް އަތުން ބަލިވީ 1-2 ގެ ނަތީޖާއަކުންނެވެ.
މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑުނެގީ ވެސް މެކްލްސްފީލްޑް އިންނެވެ. ފުރަތަމަ ހާފުގެ 43 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޕައުލް ޑޯސަންއެވެ.
އެއް ލަނޑުގެ ލީޑެއްގައި އޮވެ މެކްލްސްފީލްޑް އިން މެޗުގެ ފުރަތަމަ ހާފު ނިންމާލިއިރު ދެވަނަ ހާފު ފަށައިގެން 16 ވަނަ މިނެޓުގައި އެ ޓީމުން ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އިސާކް ބަކްލީ ރިކެޓްސްއެވެ.
މެޗުގައި ކްރިސްޓަލް ޕެލަސްއިން ޖެހި ހަމައެކަނި ލަނޑަކީ މެޗުގެ ފުރިހަމަވަގުތުގެ އެންމެ ފަހު މިނެޓުގައި، ޔެރެމީ ޕިނޯ ކާމިޔާބުކޮށްދިން ލަނޑެކެވެ.
އެފްއޭ ކަޕުގެ އެންމެފަހުގެ ޗެމްޕިއަން ޕެލަސްއަށް މި ލަދުވެތި ނަތީޖާއާ ކުރިމަތިލައި މުބާރާތުން ވަކިވާން ޖެހުނުއިރު، މި މެޗު ނުހިމަނައި އެ ޓީމުން އެންމެފަހުން ކުޅުނު އަށް މެޗުގައި ވެސް މޮޅެއް ހޯދިފައެއް ނުވެއެވެ.
އެފްއޭ ކަޕުގައި އިއްޔެ ކުޅުނު ބައެއް އެހެން މެޗުތަކަށް ބަލާލާއިރު، ޕްރިމިއަރ ލީގުގެ ނޮޓިންހަމް ފޮރެސްޓް ވަނީ އިނގިރޭސި ދެވަނަ ޑިވިޝަނުގައި ކުޅޭ ރެކްސްހަމް އަތުން ޕެނަލްޓީ ޖަހައިން ބަލިވެފައެވެ. މި ދެ ޓީމުގެ ކުރިމަތިލުމުގެ ފުރިހަމަވަގުތުގެ ކުޅުން ނިމުނީ ދެ ޓީމު 3-3 އިން އެއްވަރުވެގެންނެވެ. ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ރެކްސްހަމް މޮޅުވީ 3-4 އިންނެވެ.
ޕްރިމިއަރ ލީގުގެ ލީގު ތާވަލުގެ 10 ވަނައިގައި އޮތް ސަންޑަލޭންޑުން ވަނީ ލީގު ތާވަލުގެ 12 ވަނައިގައި އޮތް އެވަޓަންގެ މައްޗަށް ކުރިހޯދާފައެވެ. 1-1 އިން އެއްވަރުވި މި މެޗުގެ ނަތީޖާ ނެރެން ޕެނަލްޓީ ޖެހިއިރު، ޕެނަލްޓީ ޝޫޓްއައުޓުގައި ސަންޑަލޭންޑް މޮޅުވީ 0-3 އިންނެވެ.
އެފްއޭ ކަޕުގައި ރޭ ވުލްވްސް އިން ވަނީ ޝްރޫސްބަރީގެ މައްޗަށް 1-6 އިން ކުރިހޯދާފައެވެ. އަދި ލެސްޓަރ އިން ވަނީ ޗެޓަންހެމްގެ މައްޗަށް 0-2 އިން ކުރިހޯދާފައެވެ.
މީގެއިތުރުން، ސައުތެމްޕްޓަން އިން ޑޮންކެސްޓަރ ގެ މައްޗަށް 2-3 އިން ކުރިހޯދިއިރު ބްރެންޓްފޯޑުން ވަނީ ޝެފީލްޑް ވެނިސްޑޭގެ މައްޗަށް 0-2 އިން ކުރިހޯދާފައެވެ. ނިއުކާސަލް އާއި ބޯންމަތުގެ ކުރިމަތިލުމުގެ ފުރިހަމަވަގުތު ހަމަވިއިރު ދެ ޓީމު އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީ ޝޫޓްއައުޓުގައި ނިއުކާސަން މޮޅުވީ 6-7 އިންނެވެ.
އެފްއޭ ކަޕުގައި މިރޭ ވެސް ބޮޑެތި ނަންތަކެއް ފެނިގެންދާނެ މެޗުތަކެއް އެބަހުއްޓެވެ. އެގޮތުން ލީގު ތާވަލުގެ އެއްވަނައިގައި އޮތް އާސެނަލްއިން ޕޯޓްސްމައުތާ ވާދަކުރާއިރު މިރޭ ޔުނައިޓެޑާއި ބްރައިޓަންގެ ކުރިމަތިލުމެއް ވެސް ފެންނާނެއެވެ.