މަސްތުވާތަކެއްޗާ ދެކޮޅަށް މިއަދު ކުރިއަށްގެންދާ އޮޕަރޭޝަންގައި މިހާތަނަށް 10 ތަނެއް ބަލައި ފާސްކޮށް 4 މީހުން ހައްޔަރުކޮށްފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.
"އޮޕަރޭޝަން އަލިމަގު"ގެ ދަށުން މިއަދު މި އޮޕަރޭޝަން ކުރިއަށް ގެންދަނީ، މާލެ ސަރަހައްދުގައާއި ގއ.އަތޮޅުގައެވެ. މިއީ، ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، އެތަކެތީގެ ވިޔަފާރި ކޮށްގެން ހޯދާ ފައިސާ ލޯންޑާކުރާ ނެޓްވޯކްތައް ހުއްޓުވާ، ޤާނޫނީ ފިޔަވަޅުތައް އެޅުމުގެ މަޤްސަދުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިއަށްގެންދާ ޚާއްޞަ އޮޕަރޭޝަނެކެވެ.
މި ޚާއްޞަ އޮޕަރޭޝަން ފަށާފައިވަނީ މިއަދު ހެނދުނެވެ. މިއަދު ކުރިއަށްގެންދާ މި އޮޕަރޭޝަނަަކީ، ގއ. އަތޮޅުގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް، މަނީ ލޯންޑަރިންގެ އަމަލުތައް ހިންގާކަމަށް ތުހުމަތު ކުރެވޭ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ ހަރަކާތްތަކެއް ކަމަށް ފުލުހުން ވިދާޅުވެއެވެ.
އަދި މި އޮޕަރޭޝަންގެ ތެރެއިން ތުހުމަތު ކުރެވޭ ފަރާތްތަކާއި ގުޅުންހުރި ތަންތަން ބަލައި ފާސްކުރުމާއި، ޤާނޫނު ތަންފީޒު ކުރުމުގެ ގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއްގެ އަމަލީ މަސައްކަތް ކުރިއަށްދާނެ ކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.
'އޮޕަރޭޝަން އަލިމަގު'ގެ ނަމުގައި ސިލްސިލާކޮށް ކުރިއަށްދާ އޮޕަރޭޝަންތަކެއް ފުލުހުން ފެށީ، މިދިޔަ ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހުއެވެ. މި މިއޮޕަރޭޝަން މިހާތަނަށް ރާއްޖޭގެ 39 ރަށެއްގައި ހިންގާފައިވާއިރު، 100އާއި ގާތްކުރާ އަދަދަކަށް މީހުން ހައްޔަރުކޮށްފައިވެއެވެ.