ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މާލެ ސިޓީގެ މޭޔަރުކަމުގައި ހުންނެވި މުއްދަތުގައި އުސޫލާ ޚިލާފައް މާލޭގެ އެއްވެސް ބިމެއް ދޫކޮށްފައިނުވާކަމަށް މާލެސިޓީގެ ޑެޕިއުޓީ މޭޔަރ މުޙައްމަދު އަރީޝް ވިދާޅުވެއްޖެއެވެ.
ޑެޕިއުޓީ މޭޔަރ އަރީޝް މިހެން ވިދާޅުވެފައިވަނީ އިދިކޮޅު ފަރާއްތަކުން ރައީސް މުއިއްޒުގެ މެޔަރު ކަމުގައި އުސޫލާ ޚިލާފައް ބިންތަކެއްް ދޫކޮށްފައިވާކަމުގެ އަޑުތައް ފަތުރަމުންދާ ދަނޑިވަޅެއްގައެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި މާލެގެ ޑެޕިއުޓީ މޭޔަރ މުޙައްމަދު އަރީޝް ވިދާޅުވީ މާލެ ސިޓީގެ މޭޔަރުކަމުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުންނެވި 2 އަހަރާއި 6 މަހެއްހައި ދުވަހުގެ ތެރޭގައި، މާލެ ސިޓީގެ އެއްވެސް ބިމެއް ބަޔަކަށް ވިއްކަވާފައި ނުވާކަމަށެވެ. އަދި ޤަވާއިދާ ޚިލާފަށް އެއްވެސް ބިމެއް ކުއްޔަށްވެސް ދީފައިނުވާކަމަށެވެ.
އެމަނިކުފާނުގެ މޭޔަރުކަމުގެ މުއްދަތަކީ މާލެ ސިޓީގެ މުނިސިޕަލް ޚިދުމަތްތައް ރަނގަޅުކޮށް، ސިޓީ ފެހިކޮށް، ސާފުތާހިރުކޮށް، ދީނީ އިޖްތިމާޢީ ރޫޙު ސިޓީގައި ދިރިއުޅޭ ރައްޔިތުންގެ މެދުގައި އާލާކޮށް، ރައްޔިތުންނާ ސީދާ ބައްދަލުކުރެއްވުން ގިނަ ކުރައްވައި، ކޮންމެ ހަފުތާއަކު ގޭގެއަށް ޒިޔާރަތް ކުރައްވާ ހާލު ބައްލަވާ، ސީދާ ރައްޔިތުން އެދޭގޮތަށް މާލެ ސިޓީގެ ކަންކަން މިސްރާބު ކުރެއްވި ދުވަސްތަކެއްކަމަށް އަރީޝް ވިދާޅުވިއެވެ.
އަރީޝް ވިދާޅުވީ މާލޭގެ މޭޔަރުކަމުގެ ކެމްޕޭނުކުރާ ފަރާތްތަކުން އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ފެތުރުމަކީ ޒިންމާދާރުކަން ކުޑައަމަލެއްކަމަށެވެ.
ލޯކަލް ކައުންސިލްތަކަކީ އޮންނަ ސަރުކާރަކަށް ޖެއްސުންކުރަން ޤާނޫނީގޮތުން އުފައްދާ ކައުންސިލްތަކެއް ނޫންކަމަށާއި އެއީ ސަރުކާރާ ގުޅިގެން ރައްޔިތުންނަށް ބޭނުންވާ މުނިސިޕަލް ޚިދުމަތްތަކާއި ރަށްވެހި ތަރައްޤީ ގެނައުމުގެ މަސައްކަތް ކުރާ ތަނެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
އަރީޝް ވިދާޅުވީ މާލެ ސިޓީއަކީ ވަކި ޕާޓީއެއްގެ ސިޔާސީ ގޮތްޕަކަށް ހަދައިގެން ކުރާ ކެންޕޭނަކުން ރައްޔިތުންގެ ވޯޓު އިތުރެއް ނުވާނެކަމަށާއި، ރައްޔިތުންނަކަށް އެކަމުން ލިބޭނެ ފަސޭހައެއްވެސް ނޯންނާނެކަމަށެވެ. އަދި މާލެ ސިޓީގެ މޭޔަރުކަން ރައްޔިތުންގެ ވޯޓުން ކާމިޔާބުކުރަން އެދޭނަމަ ދައްކަންވީ، މާލެ ސިޓީއަށް ގެންނާނެ ހެޔޮ ބަދަލުގެ ވާހަކަކަމަށް ވިދާޅުވިއެވެ.
އަރީޝް ވިދާޅުވީ ރައީސް މުޢިއްޒުގެ މޭޔަރުކަމުގައި ކުރެއްވީ ހީވާގި، ދުރުވިސްނޭ، އަދި މަޝްވަރާގެ އުޞޫލު ނަމޫނާ މަސައްކަތްތަކެއްކަމަށާއި، އެކަން އޮޅުވާލުމުގެ މަޤުޞަދުގައި ދޮގު ވާހަކަ ފެތުރުމަކީ މޭޔަރުކަމަށް ކުރިމަތިލައްވަން ކެމްޕެއިންކުރާ ބައެއް ފަރާތްތަކުން ކުރާ ޒިންމާދާރުކަން ކުޑަ އަމަލެއްކަމަށެވެ.