ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ފުރަތަމަ ފަހަރަށް ބޭއްވި ރާއްޖެ ސުޕާ ލީގުގެ ޗެމްޕިއަންކަން ލ. މާބައިދޫއިން ހޯދައިފިއެވެ.
މުބާރާތުގެ ޗެމްޕިއަންކަން މާބައިދޫއިން ހޯދީ، ފައިނަލުގައި ލ. ގަމުގެ މައްޗަށް 2-3 ސެޓުން ކުރިހޯދައިގެންނެވެ.
މެޗުގެ ފުރަތަމަ ސެޓު ކާމިޔާބުކުރީ ގަމުންނެވެ. މި ސެޓު އެ ޓީމުން ގެންދިޔައީ 21-25 އިންނެވެ.
ފުރަތަމަ ސެޓުން ފަށައިގެން ގޮސް ޓައިބްރޭކާ ސެޓާ ހަމައަށް ވެސް ދެ ޓީމުން ފެނިގެންދިޔައީ ދެ ޓީމުންކުރެ ޓީމަކަށް ދޫނުދީ، ވަރަށް ވާދަވެރިކަމާއެކު ކުޅެމުންދިޔަ ތަނެވެ.
އޭގެ މިސާލެއްގެ ގޮތުން މެޗުގައި ކުޅުނު ފުރަތަމަ ސެޓު ގަމުން ގެންދިޔައިރު ދެވަނަ ސެޓު ގެންދިޔައީ މާބައިދޫއިންނެވެ. މާބައިދޫއިން މި ސެޓު ގެންދިޔައީ 17-25 އިންނެވެ.
މެޗުގެ ތިންވަނަ ސެޓު، ގަމުން ކާމިޔާބުކުރީ 20-25 އިންނެވެ. އަދި މެޗުގެ ހަތަރުވަނަ ސެޓު، ގަމުން ބޮޑު ލީޑެއްގައި އޮއްވައި ފަހަތުން އަރައި މާބައިދޫއިން ކާމިޔާބުކުރީ 24-26 އިންނެވެ.
މިއާއެކު ނަތީޖާ ނެރުމަށް ޓައިބްރޭކާ ސެޓެއް ކުޅެން ޖެހުނުއިރު މި ސެޓު މާބައިދޫއިން ގެންދިޔައީ 10-15 އިންނެވެ.
މުބާރާތުގެ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މާބައިދޫގެ އައިމިނަތު އަރީޝާއެވެ.
މުބާރާތުގެ ޗެމްޕިއަންކަން މާބައިދޫއިން އަދި ރަނަރަޕްކަން ގަމުން ހޯދިއިރު ތިންވަނަ މަގާމު ހޯދީ ހުރާއެވެ. ހަތަރުވަނަ ލިބުނީ ށ. ފުނަދޫއަށެވެ.
ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މި މުބާރާތުގައި އަށް ޓީމު ބައިވެރިވެފައިވެއެވެ. އެއީ ލ.ގަން، ށ. ފުނަދޫ، ކ.މާފުށި އަދި އައްޑޫ ސިޓީގެ އިތުރުން ލ.މާބައިދޫ، ކ. ހުރާ، ދ. މާއެނބޫދޫ އަދި މާލޭ ސިޓީއެވެ. މިއީ ރާއްޖޭގެ ރަށްތަކާއި ސިޓީތަކަށް ހުޅުވާލައިގެން ބޭއްވި މިފަދަ ފުރަތަމަ މުބާރާތެވެ.