ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ކުލަބް ގްރީން ސްޓްރީޓްސް ބަލިކޮށް އޮޑި ސްޕޯޓްސް ކުލަބުން މޮޅެއް ހޯދައިފިއެވެ. އޮޑި މެޗުން މޮޅުވީ 2-1 ލަނޑުންނެވެ.
މި ނަތީޖާ އެކު އޮޑި މިވަނީ މާޒިޔާ އޮތް ފަރުގަ 8 ޕޮއިންޓަށް ކުޑަކޮއްފައެވެ. ލީގުގައި ބާކީ ކޮންމެ ޓީމަކަށް ވެސް 4 މެޗު އޮތްއިރު އެއްވަނައިގަ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އޮތީ 40 ޕޮއިންޓާއެކުއެވެ. ދެވަނަގާ އޮޑި އޮތީ 32 ޕޮއިންޓާއެކުއެވެ. ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުޔ ތިންވަނައިގަ އޮތީ 27 ޕޮއިންޓާއެކުއެވެ. ނިއުއަށް ވުރެ އެއްޕޮއިންޓު މަދުން ހޯދައިގެން ބުރު ސްޕޯޓްސް ކުލަބު ހަތަރު ވަނައިގަ އޮތީ 26 ޕޮއިންޓާއެކުއެވެ.
ލީގު ތާވަލުގެ ފަސްވަނައަށް ކުލަބު އީގަލްސް ޖެހިލީ 22 ޕޮއންޓް ހޯދައިގެންނެވެ. އެންމެ ފަހުން ކުޅުނު ދެމެޗުން ވެސް މޮޅެއް ނުހޯދުނު ވިކްޓަރީ ސްޕޯޓްސް ކުލަބު ތާވަލުގެ ހަވަނައިގަ އޮތީ 20 ޕޮއިންޓާއެކުއެވެ. ތާވަލުގެ ހަތް ވަނައި ޓީސީ ސްޕޯޓްސް ކުލަބު އޮތީ 9 ޕޮއިންޓާއެކުއެވެ.
ގްރީން އާއި ވެލެންސިއާ އަށް އަށް 8 ޕޮއިންޓު ލިބިފަވާއިރު ގްރީން 8 ވަނައިގެ އޮތީ ލަނޑުގެ ތަފާތުންނެވެ. ވެލެންސިއާ 9 ވަނައިގަ އޮތް އިރު ޔުނައިޓެޑް ވިކްޓަރީ ތާވަލުގެ ފުލުގައި އޮތީ 7 ޕޮއިންޓާއެކުއެވެ.
ރަސްމީ ބޯޅަ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދެޓީމަށް ވެސް މާ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ. މެޗުގެ 23 ވަނަ މިނިޓުގައި އޮޑީގެ އަހުމަދު އައިހަމް އޭރިއާ ބޭރުން ނަގައިދިން ބޯޅައެއް އަހުމަދު ބައްސާމް މުހައްމަދު އޭރިއާ ތެރެއިން ޖައްސާލުމުން ދިއައީ ގޯލާ އަމާޒުނުވެ ބޭރަށެވެ.
ގްރީން އިން ލީޑު ނެގީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި މުހައްމަދު ޝަހާއު ފޮނުވާލި ހިލޭ ޖެހުމެއް ގްރީންގެ މިސްރު ޑިފެންޑަރ އެލްސައީދު އަބްދުލް ފައްތާހު ބޮލުން ގޯލަށް ވައްދައިލައިގެންނެވެ.
މެޗުގެ ދެވަނަ ހާފު އޮޑިން ކުޅުން ރަނގަޅުކޮށް ކުރިއަށް ޖެހި ގްރީންގެ ގޯލަށް ވަނީ ގިނަ ހަމަލާތަކެއްމ ފޮނުވާލާފައެވެ. އޮޑިން ނަތީޖާ ހަމަހަމަ ކުރީ މެޗުގެ 63 ވަނަ މިނިޓުގައި އައިހަމް އޭރިއާ ބޭރުން ފޮނުވާލި ބޯޅައެއް ގްރީންގެ ކީޕަރު ބޯމަތިން ގޮސް ގޯލުގެ ކަނަށް ވަދެގެންނެވެ.
ގްރީން އަށް ދެވަނަ ހާފުގައި ލަނޑުޖަހަން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ޝަހާއުއަށެވެ. މެޗު 70 ވަނަ މިނިޓުގައި ޝަހާއު ހުސްކޮށް ހުރެ އޭރިއާ ތެރެއިން ފޮނުވާލި ބޯޅަ ދިއައީ ގޯލުގެ އަރިމަތީ ދަނޑިކައިރިންނެވެ.
އޮޑި މެޗުން މޮޅުވި ލަނޑު ކާމިޔާބުކޮއްދިނީ 89 ވަނަ މިނިޓުގައި މުހައްމަދު ސާމިރު އޭރިއާ ބޭރުން ފޮނުވާލި ހިލޭޖެހުން ގޯލުގެ ކަނަށް ވައްދައިލައިގެންނެވެ.
މިއީ މި ލީގުގައި ގްރީން ބަލިވި 10 ވަނަ މެޗެވެ.