ޚަބަރު

ޗެމްޕިއަނުން ކަޓުވާލި މެކްލްސްފީލްޑާ ދެން ވާދަކުރާނީ ބްރެންޓްފޯޑް


އިނގިރޭސި އެފްއޭ ކަޕުގެ އެންމެފަހުގެ ޗެމްޕިއަން ކްރިސްޓަލް ޕެލަސް މި މުބާރާތުން ކަޓުވާލި ހަވަނަ ޑިވިޝަނުގައި ކުޅޭ މެކްލްސްފީލްޑުން، މުބާރާތުގެ ހަތަރުވަނަ ބުރުގައި އިނގިރޭސި ޕްރިމިއަރ ލީގުގެ ބްރެންޓްފޯޑާ ދެކޮޅަށް ކުޅެން ޖެހިއްޖެއެވެ.

މުބާރާތުގެ ތިންވަނަ ބުރުގައި މެކްލްސްފީލްޑުން ވަނީ 1-2 ގެ ނަތީޖާއަކުން ޕެލަސް ބަލިކޮށްފައެވެ. މިއީ އެފްއޭ ކަޕުގެ 155 އަހަރުގެ ދިގު މާޒީގައި ފެނުނު އެންމެ ހައިރާންކުރަނިވި ނަތީޖާކަމަށް އެނަލިސްޓުން ބުނެއެވެ. އެއީ އިނގިރޭސިވިލާތުގައި ކުލަބުތައް ރޭންކު ކުރެވިފައިވާ ގޮތަށް ބަލާއިރު މެކްލްސްފީލްޑް އޮތީ ޕެލަސް އަށްވުރެ 117 ދަރަޖަ ފަހަތުގައެވެ.

މުބާރާތުގެ ހަތަރުވަނަ ބުރުގެ ގުރު ނަގާފައިވާއިރު މެކްލްސްފީލްޑާއި ބްރެންޓްފޯޑު ބައްދަލުރާ މެޗު ކުޅޭނީ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހުގެ ރެއެވެ.

އެފްއޭ ކަޕްގެ ހަތަރުވަނަ ބުރުގެ އިތުރު މެޗުތަކަށް ބަލާލާއިރު، ޕްރިމިއަ ލީގުގެ ތާވަލުގެ އެއްވަނައިގައި އޮތް އާސެނަލް އިން ވިގަން އެތުލެޓިކްއާ ދެކޮޅަށް ނުކުންނައިރު، އާސެނަލް އަކީ މި މުބާރާތް 14 ފަހަރަށް ކާމިޔާބުކޮށްފައިވާ ޓީމެކެވެ. އާސެނަލް އަކީ މި މުބާރާތް އެންމެ ގިނަ ފަހަރަށް ކާމިޔާބުކޮށްފައިވާ ޓީމުވެސް މެއެވެ. އެންމެފަހުން އާސެނަލް އިން އެފްއޭ ކަޕް ކާމިޔާބުކުރީ 2020 ވަނަ އަހަރުއެވެ.

އެންމެފަހުގެ ލީގު ޗެމްޕިއަން ލިވަޕޫލުން ދެން ކުޅެން ޖެހޭނީ ޕްރިމިއަރ ލީގުގެ ބްރައިޓަންއާ ދެކޮޅަށެވެ. ޗެލްސީން ނުކުންނާނީ ހަލް ސިޓީއާ ދެކޮޅަށެވެ. ހަލް ސިޓީ އަކީ ޗެލްސީގެ ކޯޗުކަމާ މިފަހުން ހަވާލުވި ލިއާމް ރޮޒޭނިއާ މީގެކުރިން ކޯޗުކަން ކޮށްދީފައިވާ ޓީމެކެވެ.

މެންޗަސްޓަރ ސިޓީން މުބާރާތުގެ ހަތަރުވަނަ ބުރުގައި ވާދަކުރަންޖެހޭ ޓީމެއް އެނގޭނީ މި މަހުގެ 21 ވަނަ ދުވަހު ކުޅޭ ތިންވަނަ ބުރުގެ ފަހު މެޗުގައެވެ. މި މެޗުގައި ބައްދަލުކުރާނީ ސަލްފޯޑް ސިޓީއާއި ސްވިންޑަން ޓައުންއެވެ.