ޚަބަރު

"މިފްކޯގެ އާންމު އުފެއްދުންތަކުގެ މައި ހަބަކަށް ކަނޑުއޮތްގިރި ހަދާނަން"


  • މިފްކޯއިން މިހާރު ވަނީ ކަނޑުއޮތްގިރި އޮޕަރޭޝަނަށް ގެނެސް މަސް ގަންނަން ފަށާފަ

  • ކަނޑުއޮތްގިރީގައި ކޯލްޑް ސްޓޯރޭޖެއް ޤާއިމްކުރާނެ

ކުރިއެކޭ އެއްގޮތަށް މިފްކޯއިން އުފައްދާ އާންމު ބާވްތްތައް ތައްޔާރުކުރާ މައި ހަބަކަށް ކަނޑުއޮތްގިރި އަލުން ހަދާނެ ކަމަށް އެކުންފުނީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ވިދާޅުވެއްޖެއެވެ.

ފަރުޙަތު ޝަހީރު މިހެން ވިދާޅުވީ، ކަނޑުއޮތްގިރި އޮޕަރޭޝަނަށް ގެނެސް، މިފްކޯއިން ބޮޑުކަންނެލި ގަންނަން ފެށުމާއި ގުޅިގެން ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުންނެވެ.

މިފްކޯގެ އަތުން ކަނޑުއޮތްގިރި އަތުލައި އެމްއެންޑީއެފްއަށް ހަވާލުކުރުމާއި ގުޅިގެން މިފްކޯއާއި ބޮޑުކަންނެލި މަސްވެރިން އެކަމާއި މާޔޫސްވެ ކަންބޮޑުވުން ފާޅުކުރަމުންދަނިކޮށް މިފްކޯއަށް އަނބުރާ އެރަށް ހަވާލުކޮށް މިހާރު އަލުންމިވަނީ އޮޕަރޭޝަންތައް ފަށާފައެވެ.

މިކަމާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން މިފްކޯގެ ސީއީއޯ ފަރުހަތު ޝަހީރު ވިދާޅުވީ، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެކުންފުނީގެ ހީވާގި މުވައްޒަފުންގެ މިންނެތް މަސައްކަތާއެކު ކަނޑުއޮތްގިރި މަސް ގަންނަން ތައްޔާރުކޮށް، ބޮޑު ކަންނެލި މަސް ގަންނަން ފަށާފައިވާކަމަށެވެ.

"މިހާރު ކަނޑުއޮތްގިރި އަނބުރާ އޮޕަރޭޝަނަށް ގެނެސް ބޮޑު ކަންނެލި މަސްވެރިންގެ އަތުން މަސް ގަންނަން މި ފެށީ. އެގޮތުން 15 ކިލޯއަށްވުރެ މަތީގެ ބޮޑުކަންނެއްޔަށް 25 ރުފިޔާގެ ރޭޓުން މި ކަނޑުއޮތްގިރިންނާއި، މި ސަރަަހައްދުން މަސްވެރިންގެ އަތުން ކަންނެލި ގަންނަމުންދާނަން. މީގެ އިތުރުން ކަނޑުއޮތްގިރިއަށް ކަޅުބިލަ މަސްވެސް މިހާރު ގަންނަމުންދާނަން." މިފްކޯގެ ސީއީއޯ ފަރުޙަތު ޝަހީރު ވިދާޅުވިއެވެ.

ފަރުހަތު ވިދާޅުވީ، މިއީ ފެށުމެއް ކަމަށާއި، ދާދި އަވަހަށް ކަނޑުއޮތްގިރީގައި ކޯލްޑް ސްޓޯރޭޖް ގާއިމުކޮށް މަސްވެރިންނަށް އެތަނުން ތެލާއި އައިސްވެސް ލިބޭނެ އިންތިޒާމު ހަމަޖައްސަވާނެކަމަށެެވެ. މީގެ އިތުރުން، ކުރިޔަށް އޮތް ތަނުގައި އެތަނުގައި މަސް ޕްރޮސެސް ކުރުމުގެ އިތުރުން މިފްކޯގެ އެހެން ސެންޓަރުތަކަށް މަސް ގެންގޮސް ޕްރޮސެސްކޮށް އެތެރޭގެ ބާޒާރަަށް ނެރެ އެކްސްޕޯޓުވެސް ކުރެވޭގޮތަށް މަސްވެރިންގެ މައި ހަބަކަށް ކަނޑުއޮތްގިރި ހެދުމަށް މަސައްކަތް ކުރާނެ ކަމަށްވެސް ސީއީއޯ ވިދާޅުވިއެވެ.

ޖުމްލަ 4 ހެކްޓަރުގެ ކަނޑުއޮތްގިރިއަކީ މީގެ ކުރިން މިފްކޯއިން އުފައްދާ ލައިފްސްޓައިލް ޕްރޮޑަކްޓްތަކުގެ މައި ހަބްގެ ގޮތުގައި ބޭނުންކުރަމުން އައި ފެސިލިޓީއެކެވެ. އޭރު ރެޑީ މޭޑް ނުވަތަ ތާޒާކަމާއެކު ވަގުތުން ގަނެގެން ކެވޭ ގިނަ ބާވަތްތައް އުފެއްދުމުގެ އިތުރުން ކަނޑުމަހާއި ކަންނެލި މަހުގެ ލޮއިންސްގެ ޕްރޮޑަކްޝަން މަސައްކަތްވެސް އެރަށުގައި ކުރަމުންދިޔައެވެ.

ކަނޑުއޮތްގިރި އަލުން މިފްކޯއާ ހަވާލުކޮށްފައި މިވަނީ އެރަށުގެ ބަދަލުގައި މިފްކޯއަށް ހުޅުމާލެއިން ހަމަޖައްސައިދިން 25،000އަކަފޫޓްގެ ބިމުގައި ބޮޑުކަންނެލި ޕްރޮސެސިންގ ފެސިލިޓީއެއް ގާއިމުކުރުމުގެ ތައްޔާރީތައް ވަމުން ދަނިކޮށްނެވެ. މަސްވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި ފެސިލިޓީ ގާއިމުކުރުމަށް ބޭނުންވާ ފަންޑިންގ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކު(އައިއެސްޑީބީ)އިން ހަމަޖެހިފައިވާކަމަށެވެ. އަދި މިމަހުގެ ތެރޭގައި މި ފެސިލިޓީގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށްވެސް އެ ވުޒާރާއިން މީގެ ކުރިން ވަނީ ހާމަކުރައްވާފައެވެ.