ރޯގާގެ އަލާމާތްތައް ފެނުނުނަމަވެސް ޑޮކްޓަރުގެ ލަފާ ނުހޯދައި އެންޓިބަޔޮޓިކް ބޭނުންނުކުރަން އެޗްޕީއޭއިން އިލްތިމާސްކޮށްފިއެވެ.
އެޗްޕީއޭއިން މިހެން ވިދާޅުވީ އުމްރާގެ އަޅުކަމަށްފަހު އުމްރާވެރިން ރާއްޖެ އަންނަ ދުވަސްވަރު އާއްމު ރޯގާ އިތުރުވާތީ އެކަމާއި ގުޅިގެން ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުންނެވެ.
ޕީއެސްއެމް ނިއުސް ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެޗްޕީއޭގެ ކޮންސަލްޓަންޓް ސަބްސެޕްޝަލިސްޓް އިން ރެސްޕިރޭޓަރީ މެޑިސިން، ޑރ.ނަޒްމީ އަބްދުލް ލަތީފް ވިދާޅުވީ މިހާރު ރާއްޖޭގައި އެންމެ ހަލުވިކޮށް ފެތުރެމުން އަންނަނީ އާންމުކޮށް ޖެހޭ ރޯގާއާއި އިންފުލުއެންޒާ އަދި ޑެންގޫކަމަށެވެ.
ޑރ.ނަޒްމީ ވިދާޅުވީ މި ބަލިތަކުގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުން، ނޭވާ ކުރުވުން، ކެއްސުން، އަދި ކަރަށް ތަދުވުން ފަދަ ކަންކަން ދިމާވެގެންދާނެކަމަށެވެ. އަދި ދިފާއީ ނިޒާމު ބަލިކަށި މީހުންނާއި، މުސްކުޅިންގެ ފަރާތުން މީގެ އަލާމާތްތައް ނުފެނި ހިނގައިދާނެކަމަށްވެސް ޑރ.ނަޒްމީ ފާހަގަކުރެއްވިއެވެ. އެހެންކަމުން ބަލީގެ އެއްވެސް އަލާމާތެއް ފާހަގަކުރެވޭނަމަ ޑޮކްޓަރަށް ދައްކައި އަދި ޑޮކްޓަރުގެ ލަފާ ހޯދަންވާނެކަމަށް ޑރ.ނަޒްމީ ވިދާޅުވިއެވެ.
ބަލިން ރަނގަޅުވާން މަސައްކަތް ކުރުމަށްޓަކައި ގޭގައި އޮވެ އަރާމުކޮށް ގިނައިން ދިޔާ ތަކެތި ބޭނުން ކުރުން މުހިންމުކަން ޑރ.ނަޒްމީ ފާހަގަކުރެއްވިއެެވެ. އަދި ބަލީގެ އަލާމާތްތައް ފެންނަނަމަ އާއްމުންގެ ތެރެއަށް ނިކުތުން މަދުކޮށް، ގިނައިން އަތް ދޮވެ، ސާފުތާހިރުކަމަށް ސަމާލުކަން ދެއްވުމަށްވެސް ޑރ.ނަޒްމީ އިރުޝާދުދެއްވިއެވެ.
ޑރ.ނަޒްމީ ވިދާޅުވީ ބަލި ޖެހިގެން އުޅޭއިރު މައިލޯފަދަ ކުލަގަދަ ބުއިންތައް މަދުކުރުން މުހިންމުކަމަށެވެ. ހަމައެއާއެކު، ޑޮކްޓަރެއްގެ ލަފާ ނުހޯދައި، އެންޓިބަޔޮޓިކްސް ފަދަ ބޭސް ބޭނުން ކުރުމަކީ ރައްކާތެރިގޮތެއް ނޫންކަމަށްވެސް ޑރ.ނަޒްމީ ވިދާޅުވިއެވެ.
"އެންޓިބަޔޮޓިކްސް އަސްލު ބެކްޓީރިއަލް އިންފެކްޝަންއެއް ކަމަށް ޔަގީން ނުވާ ހިނދަކު ބޭނުން ކުރުމަކީ ބުއްދިވެރި ކަމެއްނޫން، އަދި ރެކޮމެންޑެޑް ކަމެއްވެސް ނޫން. އެހެންވީމައި އާންމުކޮށް ވައިރަލް ރޯގައިތައް ހުންނާނީ ދެން، ވައިރަލް ރޯގައި ރަނގަޅު ވަމުން ދާއިރު ސެކަންޑަރީ ބެކްޓީރިއަލް އިންފެކްޝަންއެއްވެސް ފަހުން ޖެހިދާނެ" ޑރ.ނަޒްމީ ވިދާޅުވިއެވެ.
އެޗްޕީއޭގެ ކޯޑިނޭޓަރ ފައުޒާ ވިދާޅުވީ ބަލިތަކުން ރައްކާތެރިވުމުގެ ގޮތުން ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި ބޭރަށް ނިކުންނައިރު މާސްކެއް އަޅައިގެން ނިކުތުމާއި، ބޭރުން ކެއުން މަދުކޮށް އަދި ޑެންގޫއިން ސަލާމަތްވުމުގެ ގޮތުން މަދިރިން ރައްކާތެރިވުމަށް އެޅޭނެ ފިޔަވަޅުތައް އެޅުމަށް ސަމާލުކަން ދިނުން ހިމެނޭކަމަށެވެ. ހަމައެއާއެކު ހައްޖާއި އުމްރާއަށް ދިއުމުގެ ކުރިން ފްލޫ ވެކްސިން ޖަހައި ރައްކާތެރިވުމުގެ ފިޔަވަޅު އަޅަން އެޗްޕީއޭއިން އިލްތިމާސްކުރައްވައެވެ.
ކޮންމެ އަހަރަކުވެސް ހައްޖާއި އުމްރާއަށްދާ މީހުން އެނބުރި އަންނަ ދުވަސްވަރު އާއްމު ރޯގާތައް އިތުރުވާތީ ކަމާބެހޭ ފަރާތްތަކުން ދަނީ ޚާއްސަ ފިޔަވަޅުތައް އަޅުއްވަމުންނެވެ. އެގޮތުން ފުލޫތައް ޤާއިމްކުރުމާއި އާއްމުން ހޭލުންތެރިކުރުވުމަށް ތަފާތު މަސައްކަތްތައް އެޗްޕީއޭއިން ކުރިއަށްގެންދަވައެވެ.