ޚަބަރު

ފެހެންދޫގައި ސޯލާ ޑީސަލް ހައިބްރިޑް ނިޒާމެއް ޤާއިމުކުރަނީ


  • އަހަރަކު 117،697 ލީޓަރުގެ ޑީސަލް ސަލާމަތް ކުރެވޭނެ

  • ޖައްވަށް ބޭރުކުރާ ވިހަ ގޭހުން 288 ޓަނުގެ ކާބަންޑައިއޮކްސައިޑް މަދުކުރެވޭނެ

ބ.ފެހެންދޫގައި ސޯލާ-ޑީސަލް ބެޓެރީ ހައިބްރިޑް ޕަވަރ ސިސްޓަމެއް ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ބ. ފެހެންދޫގައި ސޯލާ-ޑީސަލް ބެޓެރީ ހައިބްރިޑް ޕަވަރ ސިސްޓަމެއް ޤާއިމު ކުރުމުގެ މަސައްކަތަކީ، އެ ރަށުގައި ދޭ ކަރަންޓުގެ ޚިދުމަތުގެ އިތުބާރު ބޮޑުކޮށް، ގްރިޑުގެ ހަމަ ހިފެހެއްޓުމުގެ އިތުރުން ކަރަންޓު އުފެއްދުމަށްޓަކައި ޑީސަލަށް ބަރޯސާވާ މިންވަރު ބޮޑުތަނުން ކުޑަ ކުރުމުގެ މަޤުސަދުގައި ކުރިއަށްގެންދާ މަޝްރޫއެކެވެ.

ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވީ، ބ.ފެހެންދޫގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރު ކުރުމަށް، 250 ކިލޯވޮޓުގެ ސޯލާ ފޮޓޯވޮލްޓެއިކް ނިޒާމަކާއި، 537 ކިލޯވޮޓުގެ ބެޓެރީ އެނާރޖީ ސްޓޯރޭޖް ސިސްޓަމެއް ހިމެނޭ ސޯލާ-ޑީސަލް ބެޓެރީ ހައިބްރިޑް ޕަވަރ ސިސްޓަމެއް ޤާއިމު ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

މި މަޝްރޫޢުގެ ސަބަބުން 117،697 ލީޓަރުގެ ޑީސަލް ސަލާމަތް ކުރެވޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި، ތިމާވެއްޓަށް ލިބޭ ގެއްލުންތައް ކުޑަ ކުރުމަށް އަހަރަކު ޖައްވަށް ބޭރުކުރާ ވިހަ ގޭހުގެ ތެރެއިން 288 ޓަނުގެ ކާބަންޑައި އޮކްސައިޑް މަދުކުރެވޭނެ ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.

މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ނިމި، ބޭނުންކުރަން ފެށުމުން ފެހެންދޫގައި ކަރަންޓު އުފެއްދުމަށް ބޭނުން ކުރާ ޑީސަލްގެ މިންވަރު ދަށްވެގެންދާނެ ކަމަށް ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

މި މަޝްރޫއަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ހަކަތައިގެ ސިޔާސަތުގެ ދަށުން ކުރިއަށް ގެންދާ މުހިންމު މަސައްކަތެކެވެ. ރައީސްގެ އަމާޒަކީ، 2028 ވަނަ އަހަރުގެ ކުރިން، ރާއްޖޭގެ ކަރަންޓުގެ ބޭނުންތަކުގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓަށް ހެއްދެވުމެވެ.

މިފަދަ މަޝްރޫއުތަކުގެ ސަބަބުން ތެލަށް ކުރާ ބޮޑު ހޭދަ ކުޑަވެ، ތިމާވެށި ޙިމާޔަތް ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ޤަބޫލު ކުރެއެވެ.