ޚަބަރު

ޑީއެންއާރުން ބަލަހައްޓާ މަޢުލޫމާތު އެމްއައިބީއާއި ޙިއްޞާ ކުރަން އެއްބަސްވުމަކަށް


  • އެއްބަސްވުމުގެ ދަށުން ބޭންކަށް ހުށަހަޅާ މައުލޫމާތު ޑީއެންއާރު މެދުވެރިކޮށް ވެރިފައި ކުރެވޭނެ

  • މިފަދަ އެއްބަސްވުމެއްގައި 2025 ވަނަ އަހަރު ބީއެމްއެލް އަދި ޑީއެންއާރުން ސޮއިކޮށްފައިވޭ

ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީ.އެން.އާރު) އިން ބަލަހައްޓަމުންގެންދާ ދިވެހި ރައްޔިތުންގެ މަޢުލޫމާތު މޯލްޑިވްސް އިސްލާމިކް ބޭންކް (އެމް.އައި.ބީ)އާ ޙިއްސާކުރުމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރީ މި މަހުގެ އަންގާރަ ދުވަހުއެވެ.

މި އެއްބަސްވުމުގެ މަޤްސަދަކީ، ބޭންކުގެ ޚިދުމަތް ހޯދާ ކަސްޓަމަރުންގެ މަޢުލޫމާތު، ޑީއެންއާރުގެ އޭޕީއައި ލިންކް މެދުވެރިކޮށް ވެރިފައި ކުރުމެވެ. ޑީއެންއާރުން ބަލަހައްޓަމުން ގެންދާ މަޢުލޫމާތު ވެރިފައިކުރުމުން، ބޭންކުން ޢާއްމު ރައްޔިތުންނަށް ދޭ ޚިދުމަތްތައް އަވަސްވެ އަދި ހަރުދަނާ ނިޒާމެއްގެ ދަށުން ކުރިއަށް ގެންދިއުމުގެ ފުރުޞަތު ފަހިވެގެންދާނެ ކަމަށް ޑީއެންއާރުން ވިދާޅުވިއެވެ.

ޑީއެންއާރާއި މޯލްޑިވްސް އިސްލާމިކް ބޭންކާއި ދެމެދު މައުލޫމާތު ޙިއްސާ ކުރުމުގެ އެއްބަސްވުމެއްގައި ސޮއިކުރިއިރު، މޯލްޑިވްސް އިސްލާމިކް ބޭންކުން ވަނީ އެ ބޭންކުގެ ޚިދުމަތްތައް އީފާސް މެދުވެރިކޮށް އޮންލައިކޮށް ލިބޭނެ ގޮތް ހަދާފައެވެ. އަދި އެކައުންޓު ހެދުން ފަދަ ޚިދުމަތްތައް އޮންލައިކޮށް ދޭ ގޮތަށް ނިޒާމު ފަރުމާކުރެވި ޚިދުމަތް ދަނީ ފޯރުކޮށްދެމުންނެވެ.

ޑީއެންއާރުން 2025 ވަނަ އަހަރުވެސް ބޭންކު އޮފް މޯލްޑިވްސްއާއި މަޢުލޫމާތު ޙިއްޞާ ކުރުމުގެ މިފަދަ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށް އެއިދާރާއިން ވިދާޅުވިއެވެ.