ޤައުމީ ވޮލީ ޓީމުގައި އޮތީ ވަރަށް ޒުވާން ސްކޮޑެއް ކަމަށާއި، މި ސްކޮޑު ތައްޔާރުކުރުމަށް ވަގުތު ބޭނުންވާކަމަށް ޤައުމީ ޓީމުގެ ކޯޗު، އީރާނުގެ ފަރްހާދް ނަޒާރީ ބުނެފިއެވެ.
މި މަހު 23 ގައި ނޭޕާލުގައި ފަށާ "ޓައިގަރ ކަޕް" އަށް ޤައުމީ ޓީމުން ވަމުންދާ ތައްޔާރީތަކާ ގުޅޭގޮތުން "ޕީއެސްއެމް ނިއުސް" އާ ވާހަކަދައްކަމުން ކޯޗު ފަރުހާދު ނަޒާރީ ބުނީ، މިވަގުތު އޮތީ ޒުވާން ޓީމެއް ނަމަވެސް، ފަރިތަކުރުންތައް ކުރިއަށް ގެންދަނީ "ވޯލްޑް ކްލާސް" ލެވަލްގައި ކަމަށެވެ.
ކަން މިހެން އޮތުމުން، މި ކުޅުންތެރިންނަށް ވަގުތުދީ، ތަމްރީނާއެކު ތަޖުރިބާ ހޯދުމުގެ ފުރުސަތު ވެސް ދޭންޖެހޭ ކަމަށާއި، އޭރުން ނަތީޖާ ނެރެވޭނެކަމަށް ކޯޗު ބުންޏެވެ.
"ވަރަށް ޒުވާން ޓީމެއް އޮތީ. ވޮލީގެ ކަންކަން ދަސްކުރަމުން ދަނީ ވޯލްޑް ކްލާސް ލެވެލްގައި. ބޭނުންވަނީ ވަގުތު. އޭގެއިތުރުން ކުޅުންތެރިންނަށް އިތުބާރުކޮށް ތަރުޚީބު ހިތްވަރުދޭން. ކުރިއަށް އޮތް މަދު އަހަރުތަކަކަށް. އޭރުން ލިބެންޖެހޭ ތަމްރީނާއި ތަޖުރިބާ އެ ކުޅުންތެރިންނަށް ލިބޭނެ. ނަތީޖާ ނެރެވޭނެ". ކޯޗު ފަރުހާދު ނަޒާރީ ބުންޏެވެ.
ކޯޗު އިތުރަށް ބުނީ، މިހާރު ޓީމުން ޓައިގަރ ކަޕަށް ތައްޔާރުވަމުން އަންނައިރު، މި މުބާރާތަކީ ޓީމަށް ތަޖުރިބާ ހޯދުމުގެ ނިޔަތުގައި ބައިވެރިވި މުބާރާތެއް ކަމަށެވެ.
ރާއްޖޭގައި ތިބީ ވަރަށް ހުނަރުވެރި، ކުރިއަރަން ބޭނުންވާ ކުޅުންތެރިންތަކެއްކަން ފާޙަގަކޮށް ކޯޗު ބުނީ، ރަނގަޅު ވަސީލަތްތައް ވެސް ލިބިގެން ތަމްރީނުތައް ކުރިއަށް ގެންދެވިއްޖެނަމަ، ބޭނުންވާ ނަތީޖާ ހާސިލްކުރެވޭނެ ކަމަށެވެ.
ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ވަނީ މިފަހުން ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދިނުމުގެ ގޮތުން، ސެޓަރުން ފިޔަވައި ޓީމުގައި ތިބި 30 އަހަރަށްވުރެ މަތީ އުމުރުގެ ކުޅުންތެރިން ޓީމުން ބާކީކޮށްފައެވެ. މިކަން މިގޮތަށް ކުރީ، ވޮލީގެ މުސްތަގްބަލް އުޖާލާކޮށް، ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި ރާއްޖޭގައި ވޮލީގެ ވަރުގަަދަ ޖީލެއް ބިނާކުރުމުގެ އަޒުމުގައެވެ.
ވީއޭއެމްގެ މި ނިންމުމާ ގުޅޭގޮތުން ވާހަކަދައްކަމުން ކޯޗު ބުނީ، މިއީ ވަރަށް ވިސްނުންތެރިކަމާއެކު، ދުރުވިސްނޭ ސިޔާސަތެއްގެ ދަށުން ނިންމާފައިވާ ނިންމުމެއް ކަމަށެވެ. މިއާއެކު ރާއްޖޭގައި ވޮލީގެ ރަނގަޅު، ވަރުގަދަ ޓީމެއް ކުރިއަށް އޮތް އަހަރުގެ ތެރޭގައި ނެގޭނެކަން ކޯޗުވެސް ފާހަގަކުރިއެވެ.
ރާއްޖެއިން ފަރިތަކުރަމުންދާ ނޭޕާލުގައި ފަށާ ހަ ވަނަ ޓައިގާ ކަޕް ވޮލީބޯޅަ މުބާރާތުގައި، ނޭޕާލާއި ރާއްޖޭގެ އިތުރުން، އިންޑިއާ އާއި ތައިލެންޑުގެ ޓީމުތައް ވާދަކުރާނެއެވެ.
ޓައިގާ ކަޕް، ނެޝަނަލް/ އިންޓަނޭޝަނަލް އިންވިޓޭޝަނަލް އޯޕަން ކްލަބް ޗެމްޕިއަންޝިޕްގައި އަންހެން އަދި ފިރިހެން ޑިވިޝަނުގައި ޖުމްލަ އެކު، 14 ޓީމެއް ކުޅެ އެވެ. އެއީ، އަންހެން ޑިވިޝަނުގައި ހަތް ޓީމު އަދި ފިރިހެން ޑިވިޝަނުގައި ހަތް ޓީމެވެ. މި މުބާރާތުގައި ނޭޕާލުން ބޭރުން ވާދަކުރަނީ، އަންހެން ޑިވިޝަނުގައި ތައިލެންޑުގެ ދެ ޓީމާއި ފިރިހެން ޑިވިޝަނުގައި، ގައުމީ ވޮލީބޯޅަ ޓީމުގެ އިތުރުން، އިންޑިއާގެ ގުޖުރާތު ވޮލީބޯލް ކްލަބް އެވެ.
ޗެމްޕިއަން ޓީމަށް 5000 ޑޮލަރު، ރަަނަރަޕަށް 2500 ޑޮލަރު އަދި ތިން ވަނަ އަށް ދާ ޓީމަށް 1100 ޑޮލަރުގެ އިނާމް ފައިސާއެއް ކަނޑައަޅާފައިވާ މި މުބާރާތުގައި ރާއްޖޭން ވާދަކުރަނީ ގައުމީ ފިރިހެން ވޮލީބޯޅަ ޓީމެވެ.
ފާހަގަކޮށްލަން ޖެހޭ ގޮތުގައި އިރާނުގެ ގައުމީ ޓީމަށް ކުރިން ކުޅުނު ފަރުހާދުގެ ކޯޗުކަމުގައި، ގައުމީ ޓީމުން ވަނީ ދާދި ފަހުން، ސްރީ ލަންކާގެ ޔުނިވާސިޓީ ޓީމެއް އަތުން، 3-2 ސެޓުން މޮޅުވެފައެވެ.