މިހާތަނަށް އަމާޒުވަމުން އަންނަ ހުރިހާ ފާޑުކިއުންތައް ވެސް ބަލައިގަންނަ ކަމަށާއި އެކަމާ އަޅާނުލައި ހުއްޓުމެއްނެތި މަސައްކަތް ކުރަމުންދަނީ ގައުމު މޮޅުކޮށްދޭން ކަމަށް މޮރޮކޯގެ ކޯޗު ވަލީދު ރެގްރާގީ ބުނެފި އެވެ.
އޭނާ މިހެން ބުނީ މޮރޮކޯގައި މިހާރު ކުޅެމުންދާ އެފްރިކާ ކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލް މެޗުގައި މިރޭ ދަންވަރު ނައިޖީރިއާ ދެކޮޅަށް ނުކުތުމުގެ ކުރިންނެވެ. އެންމެ ފަހުގެ ވޯލްޑް ކަޕުގެ ސެމީ ފައިނަލް ކުޅުނު މޮރޮކޯގެ ކޯޗު ރެގްރާގީ އަށް ފާޑުކިއުންތައް އަމާޒުވަނީ މުބާރާތުގައި އޭނާގެ ޓީމު މޮޅުވަމުންދިޔަ ނަމަވެސް ސަޕޯޓަރުން ބޭނުންވާ ފަދަ މޮޅު ކުޅުމެއް ނުދެއްކޭތީ އެވެ. ހާއްސަކޮށް މޮޅު އެޓޭކިން ގޭމެއް ނުކުޅޭ ކަމުގެ ޝަކުވާ ބޮޑެވެ.
"މޮރޮކޯގެ ޓީމަށް ކޯޗުކޮށްދޭއިރު ކޮންމެ ކަމެއް ވެސް ހުންނަން ޖެހެނީ ވަރަށް ތަރުތީބުކޮށްފައި، ވަރަށް ރަނގަޅަށް ހިސާބު ޖަހާފައި. ނަތީޖާ ވެސް މެ. މިއީ ހަގީގަތް. އަހަރެން މި ދަނީ އަހަރެންގެ ގައުމަށްޓަކައި ކުރެވެން ހުރި ހުރިހާ ކަމެއް ކުރަމުން. ތެދެއް، ކޯޗުންނަށއ މިސްޓޭކް ވެސް ހެދޭނެ. އެއީ ކޯޗުންގެ ވަޒީފާގެ ބައެއް. އަހަރެންގެ ފޯކަސް ހުރީ އަހަރެންގެ ޓީމު މޮޅުކޮށްދޭން،" ކޯޗު ބުންޏެވެ.
ނަމަވެސް އޭނާ ބުނީ 2022 ވަނަ އަހަރު ގަތަރުގައި ބޭއްވި އެންމެ ފަހުގެ ވޯލްޑް ކަޕް ފުޓްބޯލަ މުބާރާތުގެ ސެމީ ފައިނަލް ކުޅެފައިވާތީވެ އެ ހިސާބުން ފެށިގެން ގައުމުގެ އާއްމުންގެ އުއްމީދުތައް ގައުމީ ޓީމާމެދު ވަރަށް ބޮޑަށް މަތިވެއްޖެ ކަމަށެވެ.
"އެކަންތައްވީ ވަރަށް ބޮޑު ހައިރާން ކަމަކަށް. އެއަށްފަހު އެންމެން ވެސް ޓީމާމެދު ދެކޭ ގޮތް ބަދަލުވެއްޖެ. އަދި މިހާރު އެންމެން ވެސް ބޭނުންވަނީ މޮޅުވާން. އަހަރުމެންގެ މިހާރުގެ އުއްމީދަކީ މި މުބާރާތުގެ ފައިނަލަށް ގޮސް ތަށި ހޯދުން،" ކޯޗު ބުންޏެވެ.
މުބާރާތް މޮރޮކޯގައި ކުޅޭތީވެ ސަޕޯޓަރުންގެ އުއްމީދުތައް ވެސް ބޮޑެވެ. ނަމަވެސް މި މުބާރާތުގައި ރެފްރީން ވަރަށް ބޮޑަށް މޮރޮކޯ ކޮޅަށް ޖެހިފައިތިބޭ ކަމުގެ ޝަކުވާ ގިނަ ޓީމުތަކުން ކުރެ އެވެ. ނަމަވެސް ކޯޗު ވަނީ އެ ވާހަކަތައް ދޮގުކޮށްފަ އެވެ. އޭނާ ބުނީ މޮރޮކޯ އަށް ލިބޭ ހަމައެކަނި އެޑްވާންޓޭޖަކީ މުބާރާތް އަމިއްލަ ގައުމުގައި ކުޅުން ކަމަށާއި އެހެން ހުރިހާ ކަމެއް ނިމިގެންދަނީ ހުރިހާ ޓީމަކަށް އޮންނަ ހަމަހަމަ އުސޫލުގެ ތެރެއިން ދަނޑުމަތިން ކަމަށެވެ.
މިރޭގެ މެޗަކީ މި ދެ ގައުމު ފާއިތުވެދިޔަ 22 އަހަރު ތެރޭގައި މި މުބާރާތުގައި ކުޭ ފުރަތަމަ މެޗެވެ. އެފްރިކާ ކަޕުގައި މީގެ ކުރިން ފަސް ފަހަރެއްގެ މަތިން މޮރޮކޯ އާއި ނައިޖީރިއާ ވާދަކޮށްފައިވާއިރު މިއީ ސެމީ ފައިނަލަށް ނުކުންނަ ދެ ވަނަ ފަހަރެވެ. މީގެ ކުރިން ސެމީ ފައިނަލްގައި ކުޅުނީ 1980 ވަނަ އަހަރުގެ މުބާރާތުގަ އެވެ. އެ ފަހަރު 1-0އިން މޮޅުވެ ފައިނަލަށް ދަތުރު ކުރީ ނައިޖީރިއާ އެވެ.