ޚަބަރު

ލެއްޗޭ ބަލިކޮށް އިންޓާއިން އެއްވަނައިގައި ލީޑު ފުޅާކޮށްފި


އިޓަލީގެ ސެރިއާ އޭގައި އިންޓާ މިލާނުން ލެއްޗޭގެ މައްޗަށް ހޯދި މޮޅާއެކު ލީގު ތާވަލުގެ އެއްވަނައިގައި ލީޑު ފުޅާކޮށްފިއެވެ.

މިލާނުގެ ސެން ސީރޯ ދަނޑުގައި ކުޅުނު މި މެޗުން އިންޓާ މޮޅުވީ 0-1 ގެ ނަތީޖާއަކުންނެވެ.

މެޗުގައި އިންޓާއިން ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށް ރަނގަޅު ހަމަލާތަކެއް އުފެއްދިނަމަވެސް، ލިބުނު ފުރުސަތުތަކުގެ ބޭނުން އެންމެ އެދެވޭ ގޮތެއްގައި ހިފިފައެއް ނުވެއެވެ.

އިންޓާއިން މެޗުގައި ޖުމްލަ 21 ހަމަލާއެއް އުފެއްދިއިރު، ގޯލާ އަމާޒުވާގޮތަށް ފޮނުވާލެވުނީ އެންމެ ހަމަލާއެކެވެ. ލެއްޗޭއަށް މެޗުގައި އުފެއްދުނު 10 ހަމަލާގެ ތެރެއިން އޮން ޓާގެޓަށް ފޮނުވާލެވުނީ އެންމެ ހަމަލާއެކެވެ. މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނީ ވެސް އިންޓާއިންނެވެ.

މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑަކީ މެޗުގެ 78 ވަނަ މިނެޓުގައި އިންޓާގެ ޕިއޯ އެސްޕޮސީޓޯ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މި މޮޅާއެކު އިންޓާއަށް ލީގު ތާވަލުގެ އެއްވަނައިގައި ހަ ޕޮއިންޓުގެ ލީޑެއް ލިބިފައިވަނީ ދެވަނައިގައި އޮތް އޭސީ މިލާނަށް ވުރެ އިތުރަށް އެއް މެޗު ކުޅެގެންނެވެ. އިންޓާ އިން 20 މެޗުން 46 ޕޮއިންޓު ހޯދާފައިވާއިރު އޭސީ މިލާނަށް 19 މެޗުން ލިބިފައިވަނީ 40 ޕޮއިންޓެވެ. މެޗުން ބަލިވި ލެއްޗޭ އޮތީ 17 ވަނައިގައި 20 މެޗުން 17 ޕޮއިންޓު ހޯދައިގެންނެވެ.