ޚަބަރު

ސަފީރު ފުއާދު ޤައުމީ ފުޓްސަލް ޓީމުތަކާ ބައްދަލުކުރައްވައިފި


ރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުވާދު ތައުފީޤް، ސާފް ފުޓްސަލް ޗެމްޕިއަންޝިޕުގައި ވާދަކުރުމަށް ތައިލެންޑަށް ގޮސް ތިބި ރާއްޖޭގެ ޤައުމީ ފުޓްސަލް ޓީމުތަކާ ބައްދަލުކުރައްވައިފިއެވެ.

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ވަނީ، ބުރަ ޝެޑިއުލެއްގައި އުޅުއްވަމުން ވެސް ވަގުތު ހުސްކޮށްދެއްވައި، ޓީމާ ބައްދަލުކުރައްވައި ދެއްވި ހިތްވަރަށް ފުވާދަށް ޝުކުރު އަދާކޮށްފައެވެ.

ފުރަތަމަ ފަހަރަށް ބާއްވާ ސައުތު އޭޝިއަން ފުޓްސަލް ފެޑެރޭޝަން (ސާފް) ފުޓްސަލް ޗެމްޕިއަންޝިޕުގައި ރާއްޖޭގެ ޤައުމީ ފިރިހެން ފުޓްސަލް ޓީމާއި ޤައުމީ އަންހެން ފުޓްސަލް ޓީމުން ވެސް ވާދަކުރެއެވެ.

މީގެކުރިން ވެސް އެކި ކޮލިފައިންތަކާއި މުބާރާތްތަކުގައި ބައިނަލްއަގްވާމީ މައިދާނުގައި ޤައުމީ ފިރިހެން ފުޓްސަލް ޓީމުން ވާދަކޮށްފައިވީ ނަމަވެސް، މިއީ އަންހެން ޤައުމީ ޓީމެއް އެކުލަވާލައި، ބައިނަލްއަޤްވާމީ މައިދާނުގައި ޤައުމީ އަންހެން ޓީމެއް ވާދަކުރާ ފުރަތަމަ ފަހަރެވެ.

މިއީ ފުޓްސަލްއިން ކުރިއަށްދާން ބޭނުންވާ އަންހެނުންނަށް އެޅިގެންދިޔަ މުހިންމު ބިންގަލެއްގެ ގޮތުގައި، "ޕީއެސްއެމް ނިއުސް" އާ ވާހަކަދައްކަމުން ޓީމުގެ ކެޕްޓަން ފާތިމަތު ޝާލިޔާ ވަނީ ބުނެފައެވެ.

މި މުބާރާތުގައި ރާއްޖޭގެ ފިރިހެން ޓީމުން ކުޅުނު ފުރަތަމަ މެޗުގައި ވަނީ ޕާކިސްތާނުގެ މައްޗަށް 1-7 އިން ކުރި ހޯދާފައެވެ. މެޗުގައި ރާއްޖެއިން ތަފާތު މޮޅު ކުޅުމެއް ދެއްކިއިރު، ރާއްޖޭގެ ގޯލު ބެލެހެއްޓި ޒައިދާން އަހްމަދު ވެސް ވަނީ ލަނޑު ޖަހާފައެވެ.

އަންހެން ޓީމުން ކުޅުނު ފުރަތަމަ މެޗުގައި އިންޑިއާ އާ ވާދަކޮށް 1-11 އިން ވަނީ ބަލިވެފައެވެ.