ސާފް ވިމެންސް ފުޓްސަލް ޗެމްޕިއަންޝުޕުގައި ވަރުގަދަކަމަށް ބެލެވުނު އިންޑިއާއިން ދެވަނަ މެޗުގައި ބަންގްލަދޭޝް އަތުން ބަލިވެއްޖެއެވެ.
މުބާރާތަށް ތައްޔާރުވަމުންދިޔައިރު ވެސް އަދި މުބާރާތަށް އައި އިރުވެސް، އިންޑިއާގެ މީޑިއާތަކުންނާއި އެފްއޭއިން ވެސް ބުނަމުންދިޔައީ މިއީ އެ ޤައުމުން ފުޓްސަލްގައި ފުރަތަމަ ފަހަރަށް ރަން މެޑަލް ހޯދާނެ މުބާރާތް ކަމަށެވެ.
މުބާރާތުގައި ވާދަކުރާ ގައުމުތަކުގެ ތެރެއިން ބައިނަލްއަގްވާމީ ތަޖުރިބާހުރި ހަމައެކަނި ޤައުމަކީ އިންޑިއާކަމަށްވާއިރު، އޭއެފްސީ ފުޓްސަލް އޭޝިއަން ކަޕުގެ ކޮލިފައިންގައި ވާދަކުރި އިންޑިއާ ޓީމުގައި ހިމެނޭ ބައެއް ކުޅުންތެރިން، މިފަހަރުގެ ސްކޮޑުގައި ވެސް ހިމެނޭތީ އެއީ އެ ޓީމަށް މި މުބާރާތް ކާމިޔާބުކުރުމުގައި އިތުރު ބާރެއް ލިބިގެންދާ ކަމެއްގެ ގޮތުގައި އިންޑިއާއިން ސިފަކޮށްފައިވެއެވެ.
މީގެއިތުރުން، މުބާރާތުގެ ފުރަތަމަ މެޗުގައި ރާއްޖެ އަތުން 1-11 އިން ހޯދި ބޮޑު މޮޅާއެކު، މިއީ އިންޑިއާގެ ފަހަރެއްކަމަށް ބުނެ އިންޑިއާގެ މީޑިއާތަކުން ޚަބަރު ވެސް ޝާއިއުކޮށްފައިވެއެވެ.
ކަން މިހެން އޮއްވައި އިންޑިއާއިން ބަންގްލަދޭޝްއާ ދެކޮޅަށް ބެންކޮކުގެ ހުއާ މަހްކް އިންޑޯ ސްޓޭޑިއަމުގައި ކުޅުނު މި މެޗުން އިންޑިއާ ބަލިވީ 1-3 ގެ ނަތީޖާއަކުންނެވެ.
ބަންގްލަދޭޝްގެ ފުރަތަމަ ލަނޑަކީ ޓީމެއްގެ ގޮތުގައި ކުޅެ ތަނަވަސްކުރި ފުރުސަތަކުން ޝްރީމޫތީ މުޅިން ހުސްކޮށްލާފައި ދިން ޕާހަކުން ކެޕްޓަން ސަބީނާ ޚާތޫން ކާމިޔާބުކޮށްދިން ލަނޑެކެވެ. އޭގެފަހުން ފުރަތަމަ ހާފުގެ ހަތް މިނެޓުގެ ކުޅުން ބާކީ އޮއްވައި އަނެއްކާވެސް ޝްރީމޫތީ ދިން ޕާހަކުން ސަބީނާ ވަނީ ބަންގްލަދޭޝްގެ ލީޑު ފުޅާކޮށްދީފައެވެ.
ދެލަނޑުގެ ލީޑެއްގައި އޮވެ ބަންގްލަދޭޝްއިން ދެވަނަ ހާފު ފެށިއިރު، މި ހާފުގައި ވެސް މޮޅަށް ކުޅުނީ ހަމަ ބަންގްލަދޭޝްގެ ކުޅުންތެރިންނެވެ.
ނަތީޖާއެއްގެ ގޮތުން ކައުންޓަރ އެޓޭކެއްގައި ތަނަވަސްވި ފުރުސަތަކުން ބަންގްލަދޭޝްއަށް މެޗުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ ސުމާޔާއެވެ.
މިއާއެކު މެޗުގެ ބާކީ ދެ މިނެޓެއްހާއިރުގެ ކުޅުން އޮއްވައި އިންޑިއާއިން ވަނީ އައުޓްފީލްޑް ކުޅުންތެރިއަކު ކީޕަރަށް އަރުވައި، އޭނާ ވެސް ކުޅުމުގައި ބައިވެރިކޮށްފައެވެ. އެޓޭކަށް ވިސްނައިގެން އިންޑިއާއިން ކުޅެ މެޗުގައި ވަނީ ލަނޑެއް ޖަހާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އާރިޔާ މޯރޭއެވެ.
މި ނަތީޖާއާއެކު އަދިވެސް ތާވަލުގެ އެއްވަނައިގައި އޮތީ އިންޑިއާއެވެ. އިންޑިއާއަށް ވެސް 3 ޕޮއިންޓު ލިބިފައިވާއިރު ދެވަނައިގައި އޮތް ބަންގްލަދޭޝް އަށް ވެސް އެއް މެޗު މަދުން ކުޅެ ޕޮއިންޓެއް ލިބިފައިވެއެވެ. އިންޑިއާއަށް ކުރި ލިބެނީ ފައިދާ ގޯލުގެ ތަފާތުންނެވެ.
މުބާރާތުގައި ކުރިއަށް ދެން އޮތީ ރާއްޖެއާއި ނޭޕާލް ބައްދަލުކުރާ މެޗެވެ. އެއަށްފަހު އޮންނާނީ ޕާކިސްތާނާއި ސްރީލަންކާ ބައްދަލުކުރާ މެޗެވެ.