ހެންލީ ޕާސްޕޯޓު އިންޑެކްސްގައި ދިވެހިރާއްޖެ އެއް ދަރަޖަ ކުރިއަށް ޖެހިލައިފިއެވެ.
މިކަން ހާމަކޮށްފައިވަނީ ވީސާއަކާ ނުލައި އެންމެ ގިނަ ޤައުމުތަކަށް ދަތުރުކުރެވޭ ޕާސްޕޯޓުތައް ހާމަކޮށް "ހެންލީ ޕާސްޕޯޓް އިންޑެކްސް" އިން ނެރުނު ލިސްޓުގައެވެ. މިއީ ކޮންމެ އަހަރަކު އިނގިރޭސިވިލާތުގެ ހެންލީ އެންޑް ޕާޓްނަރސްއިން އެކުލަވާލައި ނެރޭ ލިސްޓެކެވެ.
ހެންލީ ޕާސްޕޯޓު އިންޑެކްސްގައި ހިމެނޭ 101 ޕާސްޕޯޓުގެ ތެރެއިން ރާއްޖެ މިހާރު ހިމެނެނީ 52 ވަނައިގައެވެ. ދިވެހި ޕާސްޕޯޓުގައި ވިސާއާ ނުލައި 92 ޤައުމަކަށް ދަތުރުކުރެވެއެވެ. ހެންލީ ޕާސްޕޯޓު އިންޑެކްސްގައި މިދިޔަ އަހަރު ރާއްޖެ އޮތީ 53 ވަނައިގައެވެ.
ދެކުނު އޭޝިއާގެ ޤައުމުތަކުގެ ތެރެއިން ދެން އެންމެ ކުރީގައި އޮތީ އަވަށްޓެރި އިންޑިއާއެވެ. އިންޑިއާ އޮތީ ލިސްޓުގެ 80 ވަނައިގައެވެ. އިންޑިއާ ޕާސްޕޯޓުން ވިސާއާ ނުލާ ދަތުރުކުރެވޭނީ، 55 ޤައުމަކަށެވެ.
ދެކުނު އޭޝިއާގެ ޤައުމުތަކުން ތިންވަނައިގައި އޮތީ ބޫޓާންގެ ޕާސްޕޯޓެވެ. މި ޕާސްޕޯޓުން 50 ޤައުމަކަށް ވިސާއާ ނުލައި ދަތުރުކުރެވެއެވެ. މީގެއިތުރުން އަވަށްޓެރި ލަންކާ ހިމެނެނީ ބޫޓާންގެ ފަހަތުންނެވެ. ލަންކާ ޕާސްޕޯޓުގައި 39 ޤައުމަކަށް ވިސާއާ ނުލައި ދަތުރުކުރެވެއެވެ.
މި އިންޑެކްސްގައި އެންމެ ބާރުގަދަ ޕާސްޕޯޓުގެ މަޤާމު މި ފަހަރުވެސް ދަމަހައްޓާފައިވަނީ 192 ޤައުމަކުން އޮންއެރައިވަލް ވިސާ ލިބޭ ސިންގަޕޫރުގެ ޕާސްޕޯޓެވެ. ޖަޕާނާއި ސައުތު ކޮރެއާ ދެ ވަނައިގައި ހިމެނޭއިރު ތިން ވަނަ ލިބިފައިވަނީ ޔޫރަޕްގެ 5 ޤައުމަކަށެވެ.
ހެންލީ އެންޑް ޕާޓްނަރސްއިން މި ލިސްޓު އާންމު ކުރަނީ އިންޓަރނޭޝަނަލް އެއަރ ޓްރާންސްޕޯޓް އެސޯސިއޭޝަން، އައިއޭޓީއޭގެ މައުލޫމާތުތަކަށް ބިނާކޮށްގެންނެވެ.