ޒަކާތުގެ ފުރަތަމަ ޤާނޫނު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރެއްވީ، 2025 ވަނަ އަހަރުގެ ޑިސެންބަރު 6 ވަނަ ދުވަހުއެވެ. މި ފެށުނު އާ އަހަރާއެކު، މި ޤާނޫނަށް ޢަމަލުކުރަން ވަނީ ފަށާފައެވެ.
މިއީ އިސްލާމްދީނުގައި ޒަކާތް ޝަރުޢު ކޮށްފައިވާ މަޤުޞަދުތައް ޙާސިލު ކުރެވޭނެ ގޮތެއްގެ މަތިން ޒަކާތުގެ ކަންކަމާ ގުޅޭ ޤާނޫނީ އޮނިގަނޑެއް އެކުލަވާލުމާއި، ޤާނޫނުގެ ދަށުން ދައްކަންޖެހޭ ޒަކާތުގެ ބާވަތްތަކާއި، ޒަކާތް ދެއްކުން ލާޒިމުވާ ފަރާތްތަކާއި، ޒަކާތް ދެއްކުން ލާޒިމުވާ މުދަލުގެ ބާވަތްތައް ކަނޑައެޅުމުގެ މަޤުޞަދުގައި އެކުލަވާލާފައިވާ ޤާނޫނެކެވެ.
ޒަކާތުގެ ޤާނޫނުގެ ދަށުން ގިނަ މަސައްކަތްތަކެއް ކުރުމަށް ވަނީ ނިންމާފައެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ދަށުން ހިނގަމުންދާ އިދާރާއެއްގެ ގޮތުގައި، މޯލްޑިވްސް ޒަކާތު ހައުސް ވަނީ ޤާއިމުކުރައްވައިފައެވެ. މީގެ އިތުރުން ޒަކާތުގެ ޤާނޫނުގެ ދަށުން އެކުލަވާލި އެންމެ މުހިންމު އެއްތަނަކީ ޒަކާތު ކައުންސިލެވެ.
ޒަކާތު ކައުންސިލަކީ ދީނީ އަދި މާލީ މުހިންމު މުއައްސަސާތަކުގެ މަންދޫބުން ހިމެނޭ ގޮތަށް 9 މެންބަރުންގެ މައްޗަށް އެކުލަވާލާފައިވާ ކައުންސިލެކެވެ. ކައުންސިލްގައި ހިމެނެނީ އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް، މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އަދި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، މީރާގެ މަންދޫބުންގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ޒަކާތާބެހޭ މާހިރުންނެވެ.
މި ކައުންސިލުގެ މައިގަނޑު މަސްއޫލިއްޔަތަކީ މޯލްޑިވްސް ޒަކާތު ހައުސްއަށް ބޭނުންވާ އިސްތިރާޖީ ލަފަޔާއި އިރުޝާދު ދިނުމެވެ. މީގެ އިތުރުން، އިދާރީ ހިންގުމާއި، ސިޔާސަތުތައް ކަނޑައެޅުމާއި، ޤައުމީ ޒަކާތުގެ ނިޒާމު ސުޕަވައިޒްކޮށް ބެލެހެއްޓުމުގެ ކަންކަމުގައި އިސްވެ ހަރަކާތްތެރިވުމަކީވެސް ކައުންސިލުގެ މަސްއޫލިއްޔަތެއް ކަމަށް ޒަކާތު ހައުސްއިން ވިދާޅުވެެއެވެ. ޒަކާތު ކައުންސިލް އުފެދި، މޯލްޑިވްސް ޒަކާތު ހައުސް ހިންގުމާ ގުޅޭ މަޝްވަރާތައް ކުރުމަށް ފުރަތަމަ ބައްދަލުވުން ވަނީ ބާއްވާފައެވެ.
ރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތައް މިކައުންސިލްގެ ސަބަބުން ކުރިއެރުންތައް އަންނާނެއެވެ. ސަބަބަކީ ޒަކާތާއި ގުޅޭ އެކި ދާއިރާގެ ބޭފުޅުން ހިމެނޭގޮތައް ޒަކާތު ކައުންސިލް އެކުލަވާލާފައި ވުމެވެ. އެކި ދާއިރާތަކުން ފަންނީ މައުލޫމާތު ބަދަލުކޮށް މޯލްޑިވްސް ޒަކާތު ހައުސްގެ މަސައްކަތްތައް ހަރުދަނާކުރުމަށް މަސައްކަތް ކުރެވޭނެއެވެ. މި މަސައްކަތަކީ ޒަކާތު ހައުސްގެ މަސައްކަތްތައް ނަތީޖާ ނެރެވޭނެ، ދެފުށް ފެންނަ، އަދި ނިޒާމީ ގޮތެއްގައި ކުރިއަށް ގެންދިއުމަށް އިދާރީ ގޮތުންނާއި ހިންގުމުގެ ގޮތުން ކުރަންޖެހޭ މުހިންމު ކަންކަމާ ގުޅޭގޮތުން މަސައްކަތް ކުރެވޭނެ ޤާބިލް ކައުންސިލެއްކަމަށް ސަރުކާރުން ވިދާޅުވެއެވެ.
ޒަކާތު ކައުންސިލް އުފެދި، މޯލްޑިވްސް ޒަކާތު ހައުސް ހިންގުމާ ގުޅޭ މަޝްވަރާތައް ފެށުމަކީ، ދިވެހިރާއްޖޭގައި ޒަކާތުގެ ނިޒާމު ހަރުދަނާކުރުމަށާއި ޒަކާތާބެހޭ ޤާނޫނު ފައިދާހުރި ގޮތެއްގައި ތަންފީޛުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ޒަކާތު ހައުސްއިން ވިދާޅުވެެއެވެ. ޒަކާތާއި ބެހޭ މައުލޫމާތު އެންމެ އެކަށީގެންވާ ގޮތެއްގައި ފޯރުކޮށްދީ، ޒަކާތުގެ ނިޒާމުގައި ހުރި ގޮންޖެހުންތައް ނައްތާލާ، ޒަކާތުގެ އެންމެހާ ކަންކަން ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު ކުރެވޭނެ މަގު މި ކައުންސިލްގެ ދަށުން ފަހިވެގެންދާނެއެވެ.