ޚަބަރު

ސާފް ވިމެންސް ޗެމްޕިއަންޝިޕް: ރާއްޖެ - ޕާކިސްތާން


ފުރަަތަމަ ފަހަރަށް ބާއްވާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ މެޗްޑޭ 3 އާއި މިވަނީ ޖެހިފައެވެ.

ޤައުމުތަކުގެ ކުޅުން ދެނެގަނެވި، ޓީމުތަކަށް ގޭމްތެރެއަށް ވަދެ، ކުރިއެރުންތަކެއް ހޯދަން މިވަނީ ފުރުސަތު ލިބިފައެވެ.

މި މުބާރާތުގައި އިންޑޯ ޕިޗެއްގައި ތަމްރީނުތައް ކުރިއަށް ނުގެންދާ ހަމައެކަނި ޓީމުގެ ގޮތުގައި އޮތް ދިވެހިރާއްޖޭގެ ގައުމީ އަންހެން ފުޓްސަލް ޓީމުން މެޗްޑޭ 3 ގައި ނުކުންނާނީ ޕާކިސްތާނާ ދެކޮޅަށެވެ.

ދިވެހިރާއްޖެ

ދިވެހިރާއްޖެއަކީ މި މުބާރާތުގައި މިހާތަނަށް އެންމެ ދަށް ނަތީޖާ ނެރެފައިވާ ޓީމުކަން ތާވަލުން ދެއްކި ނަމަވެސް، ގަބޫލުކުރަން ޖެހޭ ހަގީގަތަކީ މިއީ މި މުބާރާތަށް ތައްޔާރުވުމުގައި އެންމެ ގިނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނު ޓީމު ކަމެވެ.

ފުރަތަމަ ފަހަރަށް ބައިނަލްއަގްވާމީ މުބާރާތެއްގައި ގައުމު ތަމްސީލުކުރަން ދިޔައިރު، ގައުމީ ޓީމަށް ތަމްރީނުކުރާނެ އެކަށީގެންވާ ވަސީލަތްތައް ނެތް ވާހަކަ ދެއްކުމަކީ، އުޒުރު ދެއްކުން ކަމުގައި ނުވާނެއެވެ.

ކަން މިހެން އޮތްނަމަވެސް ގަބޫލުކުރަންޖެހޭ އިތުރު ހަގީގަތެއް ވެސް އެބައޮތެވެ.

އެއީ ރާއްޖެއިން އިންޑިއާ އާ ދެކޮޅަށް ކުޅުނު މެޗާ އަޅާ ބަލާއިރު ދެން ނޭޕާލާ ދެކޮޅަށް ކުޅުނު މެޗުގައި ޓީމެއްގެ ގޮތުގައި ވަރަށް ބޮޑުތަުން ކުޅުން ރަނގަޅުކަމެވެ. ޙާއްސަކޮށް އެ މެޗުގެ ދެވަނަ ހާފުގައި ދިވެހި ކުޅުންތެރިން ވަނީ ކުޅުން ވަރަށް ބޮޑަށް ރަނގަޅުކޮށް، ރަނގަޅު ހަމަލާތަކެއް ވެސް އުފައްދާފައެވެ. އެއިން ބައެއް ހަމަލާތައް ގޯލުގެ ހުރަސް ދަނޑިއަށް ވެސް އަމާޒުވެފައިވާކަން ފާހަގަކޮށްލެވެއެވެ.

އެންމެފަހުން ކުޅުނު ދެ މެޗުގެ ނަތީޖާ

- ދިވެހިރާއްޖެ 1 - 11 އިންޑިއާ
- ދިވެހިރާއްޖެ 0 - 5 ނޭޕާލް

ތަރި

ރާއްޖެ ޓީމުން އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިއަކަށް ހަމަ ގައިމުވެސް ވާނީ ޓީމުގެ ކެޕްޓަން ފާތިމަތު ޝާލިޔާއެވެ.

ނޭޕްލާގައި 2019 ގައި ބޭއްވި ސައުތު އޭޝިއަން ގޭމްސްގެ އަންހެން ފުޓްބޯޅަ އިވެންޓުގައި ރާއްޖެއިން ބްރޯންޒް މެޑަލް ހޯދިއިރު ޓީމުގެ ކެޕްޓަންކަން ކުރީ ޝާލިޔާއެވެ. ފުޓުބޯޅައިގައި ލިބުނު ކުރިއެރުންތަކާއެކު، ރާއްޖޭގެ ފުޓްސަލްއަށް އަންނަމުންދާ ހެޔޮ ބަދަލުތަކާއެކު ޝާލިޔާ ފެނިގެންދިޔައީ ދިވެހި ފުޓްސަލްގެ އެންމެ ވިދުންގަދަ އަންހެން ތަރީގެ ގޮތުގައެވެ.

ކްލަބް މޯލްޑިވްސް ފަދަ ރާއްޖޭގެ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތްތަކުގައި ޝާލިޔާ އަކީ ޑިމާންޑު ބޮޑު ކުޅުންތެރިއެކެވެ. އެ މުބާރާތްތަކުގެ ކުއީން އޮފް ދަ ޓޯނަމަންޓުގެ މަގާމު ވެސް އޭނާ ވަނީ ހޯދާފައެވެ.

މިހާރު ކުރިއަށްދާ ސާފް މުބާރާތުގައި މެޗުތަކުގައި ކޮމެންޓްރީދޭ ފަރާތުން ވެސް ޝާލިޔާ ސިފަކުރަނީ ރާއްޖޭގެ ފުޓްސަލްގެ ކުއީންގެ ގޮތުގައެވެ.

ރާއްޖެ ޓީމުގައި ޝާލިޔާ އަކީ އެންމެ މުހިންމު އެއް ތަނބެވެ.

ޕާކިސްތާން

މުބާރާތުގައި ކުޅޭ ޕާކިސްތާން ޓީމަކީ ވެސް މުޅިން އަލަށް ޤައުމީ ޓީމެއް އެކުލަވާލައިގެން ބައިނަލްއަގްވާމީ ފުޓްސަލްގައި ވާދަކުރާ ޓީމެކެވެ.

އެހެންނަމަވެސް، މުޅި ގައުމަށް ޓްރަޔަލްތައް ހުޅުވާލައިގެން މި ޓީމު އެކުލަވާލުމުގެ މަސައްކަތް ޕާކިސްތާން ފުޓުބޯޅަ ފެޑެރޭޝަނުން ފެށިތާ ދެ އަހަރެއްހައި ދުވަސް ވެއްޖެއެވެ.

ތައްޔާރީތައް ވަރުގަދަކޮށް، އިންޑޯ ޕިޗަށް ހޭނިގެން މި މުބާރާތުގައި ވާދަކުރި ޕާކިސްތާން ޓީމުން މިހާތަނަށް ދެ މެޗު ކުޅެފައިވާއިރު އެއް މެޗުން އެއްވަރުވެ، އަނެއް މެޗުން ވަނީ މޮޅުވެފައެވެ. ޕޮއިންޓު ތާވަލަށް ބަލާއިރު އެއްވަނައިގައި އޮތް ނޭޕާލާއި ދެވަނައިގައި އޮތް ޕާކިސްތާނަށް ވެސް ހަތަރު ޕޮއިންޓު ލިބިފައިވެއެވެ. ނޭޕާލަށް ކުރި ލިބެނީ ފައިދާ ގޯލުގެ ތަފާތުންނެވެ.

ޕާކިސްތާނުގެ ކުޅުންތެރިންގެ މެދުގައި ޓީމު ރޫހު ވަރުގަދަވެ، ޓީމްވޯކް ރަނގަޅުކަން ފާޙަގަކޮށްލެވެއެވެ. ގުޅިގެން ހަމަލާތައް އުފައްދައި ލަނޑުޖަހާ ޓީމެއްގެ ގޮތުގައި ޕާކިސްތާން ޓީމު ފާހަގަކުރެވެއެވެ.

އެންމެފަހުން ކުޅުނު ދެ މެޗުގެ ނަތީޖާ

- ޕާކިސްތާން 1 - 1 ބޫޓާން
- ޕާކިސްތާން 3 - 2 ސްރީލަންކާ

ތަރި

ޕާކިސްތާން ޓީމުން މިހާތަނަށް ކުޅުނު ދެ މެޗުން ހަތަރު ލަނޑު ޖަހާފައިވާއިރު އޭގެތެރެއިން ތިން ލަނޑު ކާމިޔާބުކޮށްދީފައި ވަނީ އަޒްވާ ޗޯދުރީއެވެ.

ޕާކިސްތާނުން ލަންކާގެ މައްޗަށް މެޗްޑޭ 2 ގައި ކުރިހޯދިއިރު، އެ މެޗުން ޕާކިސްތާން މޮޅުވުމުގެ ހުރިހާ ކްރެޑިޓެއް ހައްގުވާ ކުޅުންތެރިއަކީ އޭނާއޭ ބުނުމަކުން ވެސް ދޮގަކަށް ނުވާނެއެވެ. އެ މެޗުގައި އަޒްވާ ވަނީ ހެޓްރިކް ހަދާފައެވެ.

އުމުރުން އެންމެ 19 އަހަރުގެ އަޒްވާ އަކީ ރިޕޯޓުތައް ބުނަގޮތުން އިނގިރޭސިވިލާތުގެ ވެސްޓްހަމް ޔުނައިޓެޑްގެ ޒުވާން އަންހެން ޓީމަށް، ޑިފެންޑަރެއްގެ ގޮތުގައި ވެސް ކުޅެފައިވާ ކުޅުންތެރިއެކެވެ. އެހެންނަމަވެސް ފުޓްސަލްގައި އޭނާ ބޮޑަށް ފެނިގެންދަނީ އެޓޭކިން ވިސްނުމެއްގައި ކުރިއަށް ޖެހިގެން ކުޅޭ ކުޅުންތެރިއެއްގެ ގޮތުގައެވެ.

ހަމަ ގައިމުވެސް އަޒްވާ ވެގެންދާނީ ރާއްޖެ ޓީމުން ޕާކިސްތާން ޓީމާ ދެކޮޅަށް ނުކުންނައިރު އެންމެ ބޮޑަށް ސަމާލުވާން ޖެހޭނެ ކުޅުންތެރިޔާ އަށެވެ.

މެޗްޑޭ 2 ނިމުނުއިރު ޕޮއިންޓް ތާވަލް އެތުރިފައިވާގޮތް

މުބާރާތުގެ ފުރަތަމަ ދެ ދުވަހުގެ މެޗުތައް ނިމުނުއިރު ތާވަލުގެ އެއްވަނައިގައި ދެ މެޗުން ހަތަރު ޕޮއިންޓާއެކު އޮތީ ނޭޕާލެވެ. ދެވަނައިގައި އޮތް ޕާކިސްތާނަށް ވެސް ހަމަ އެ އަދަދަށް ޕޮއިންތު ލިބިފައިވާއިރު ނޭޕާލަށް ކުރިލިބެނީ ފައިދާ ގޯލުގެ ތަފާތުންނެވެ. ތިންވައިގައި އޮތް އިންޑިއާއަށް ދެ މެޗުން ތިން ޕޮއިންޓު ލިބިފައިވާއިރު ހަތަރުވަނައިގައި އޮތް ބަންގްލަދޭޝްއަށް ވެސް ތިން ޕޮއިންޓު ލިބިފައިވެއެވެ. އިންޑިއާއަށް ވެސް ކުރި ލިބެނީ ފައިދާ ގޯލުގެ ތަފާތުންނެވެ.

ތާވަލުގެ ފަސްވަނައިގައި ބޫޓާނާއި ހަވަނައިގައި އޮތް ސްރީލަންކާއަށް ވެސް ޕޮއިންޓެއް ލިބިފައިވާއިރު ރާއްޖެ ފުލުގައި އޮތީ ޕޮއިންޓެއް ނުލިބިއެވެ.

މުބާރާތުގައި ރާއްޖެއާއި ޕާކިސްތާނުގެ އަންހެން ޤައުމީ ޓީމު ވާދަކުރާ މެޗު އޮންނާނީ ތައިލެންޑުގެ ނޮންތަބުރީ އިންޑޯ ސްޓޭޑިއަމުގައި، 18:00 ގައެވެ.

މުބާރާތުގެ ހުރިހާ މެޗެއް، ޕީއެސްއެމްގެ ޔެސް ޓީވީން ވަގުތުން ގެނެސްދޭނެއެވެ.