ޕްރިމިއާ ލީގުގެ ކްލަބް ކްރިސްޓަލް ޕެލަސްގެ ކޯޗު އޮލިވަރ ގްލޭޒްނަރ މި ސީޒަނަށްފަހު އެ ކްލަބް ދޫކޮށްލާނެ ކަމަށް ބުނެފި އެވެ.
އޮސްޓްރިއާ އަށް އުފަން އުމުރުން 51 އަހަރުގެ ގްލޭޒްނަރ ބުނެފައިވަނީ މިއީ މީގެ ކުރިންވެސް އޭނާ ނިންމާފައިވާ ނިންމުމެއް ކަމަށާއި އެހެންކަމުން އެކަމަށް ބަދަލެއް ނާންނާނެ ކަމަށެވެ.
"މިދިޔަ އޮކްޓޯބަރ މަހު އަހަރެން ވަނީ ކްލަބުގެ ޗެއަރމަން އާއި ބައްދަލުކޮށް އަހަރެންގެ ނިންމުން ކްލަބަށް އަންގާފަ. އަދި އެކަން އެވަގުތު ހާމަ ނުކުރުމަށްވެސް ދެ ފަރާތުން ވާނީ އެއްބަސްވެފައި." ގްލޭޒްނަރ ބުންޏެވެ.
ގްލޭޒްނަރ ވަނީ ނިމިގެންދިޔަ ސީޒަނުގެ އެފްއޭ ކަޕްގެ ޗެމްޕިއަން ވަރުގަދަ މެންޗެސްޓަރ ސިޓީ ބަލިކުރުމަށްފަހު ޕެލަސް އަށް ކާމިޔާބުކޮށްދީފަ އެވެ. މިއީ އެ ކްލަބަށް ކާމިޔާބުކުރެވުނު ފުރަތަމަ ބޮޑު މުބާރާތެވެ. އަދި މިހާރު ކުރިއަށްދާ ސީޒަން ފެށުމުގެ ގޮތުން ކުޅުނު ކޮމިއުނިޓީ ޝީލްޑް ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް ބަލިކޮށް ޕެލަސް އިން ވަނީ ކާމިޔާބު ކޮށްފަ އެވެ.
މި ސީޒަނަށްފަހު ޕެލަސް ދޫކޮށްލާނެ ކަމަށް ގްލޭޒްނަރ އިއުލާން ކުރިއިރު ޕެލަސްގެ ފޯވަޑް މާކް ގޭހީ ވަނީ މެންޗެސްޓަރ ސިޓީ އަށް މިދިޔަ ހުކުރު ދުވަހު ބަދަލުވެފަ އެވެ.
ގްލޭޒްނަރ ޕެލަސް އާއި ގުޅިފައިވަނީ 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހު އޭރު އެ ކްލަބުގެ ކޯޗަކަށް ހުރި ރޯއި ހޮޑްސަން މަގާމުން ދުރުކުރުމަށްފަހުގަ އެވެ.
އިނގިރޭސި ބައެއް މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުގައި މެންޗެސްޓަރ ޔުނައިޓެޑްއިން ވަނީ ގްލޭޒްނަރ އަށް ޝައުގުވެރިވެފަ އެވެ.