ކުޅުދުއްފުށި ސިޓީގެ ފެނުގެ ޚިދުމަތް ދިނުން އިޔާދަ ކުރަނިވި ހަކަތައަށް މުޅިން ބަދަލުކޮށް މިއަހަރު ޚިދުމަތް ދޭން ފަށާނެ ކަމަށް އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުލް މަތީން މުޙައްމަދު ވިދާޅުވެއްޖެއެވެ.
ކުޅުދުއްފުށި ސިޓީގެ ފެނުގެ ޚިދުމަތް އިޔާދަ ކުރަނިވި ހަކަތައަށް އެއްކޮށް ބަދަލުކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ، އެމްޑަބްލިއުއެސްސީ އާއި ޖަޕާނުގެ ކެނެޑޭވިއާއާ ދެމެދު ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައިއެވެ.
ޕީއެސްއެމްނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަމުން އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުލް މަތީން މުޙައްމަދު ވިދާޅުވީ ހަކަތައިގެ ނިޒާމު ހަރަދުނާކޮށް ހިދުމަތްތައް ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. އެގޮތުން އިރުގެ އަލިން ހަކަތަ އުފައްދާ ތަފާތުއެކި ހޯދުންތައް ހޯދަމުންދާކަމަށް ވިދާޅުވިއެވެ. މިގޮތުން ކުރެވޭ މަސައްކަތުގެ ނަތީޖާވެސް ފެންނަމުންދާކަމަށް މަތީން ވިދާޅުވިއެވެ.
މަތީން ވިދާޅުވީ ކުޅުދުއްފުށީ ސިޓީގައި ޑީސަލް ބޭނުންނުކޮށް ފުލް ސޯލަރ ނިޒާމަކުން ފެން އުފެއްދުމުގެ ޚިދުމަތް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އެގޮތުން ބޭނުންވާވަރަށް ހަކަތަ އުފައްދާ ބެޓްރީ ސިސްޓަމް ބޭނުންކޮށްގެން ހަކަތަ ރައްކާކުރެވޭނެކަމަށް ވިދާޅުވިއެވެ. މަތީން ވިދާޅުވީ މިޚިދުމަތް ޤާއިމްކޮށް މިއަހަރުގެ ފުރަތަމަ ކުއަޓަރގައި ފެން ފޯރުކޮށްދިނުމުގެ މަސައްކަތް ފެށޭނެއެވެ.
"އޭގެ ސަބަބުން ވަރަށް ގިނަ ތެޔޮ ސަލާމަތްވާނެ، ތެޔޮ ސަލާމަތް ވުމަކީ ވަރަށް ގިނަ ޑޮލަރު ސަލާމަތް ވާނެކަމެއް. އެވަރަށް ސެކިއުރިޓީއެއްވެސް . ތެޔޮ ގެންނަނީ މެދުއިރުމަތިން، އެހެން ދިމާތަކުން ، ތެޔޮ ގެނައުމުގައި ދަތިތަކެއް ބައެއްފަހަރު ދިމާވެ. މި ނިޒާމު ޤާއިމްކޮށް ނަމޫނަށް ރަށެއް ގޮތުގައި އެރަށް ވެދާނެ، އެހެން ރައްތަކުގައި ކުރިއަށްދާނެ، ދުވާފަރު އަދި މާފުށި މިހެން ބަދަލު ކުރެވިދާނެ" މަތީން ވިދާޅުވިއެވެ.
ކުޅުދުއްފުށީ ސިޓީގައި ގާއިމްކުރާ، ސޯލާ ހަކަތަ ބޭނުންކޮށްގެން ހިންގާ ޑީސެލިނޭޝަން ޕްލާންޓަކީ ދުވާލެއްގެ މައްޗަށް 500 ކިއުބިކް މީޓަރުގެ ފެން އުފައްދައިދޭ ޑީސެލިނޭޝަން ޕްލާންޓެކެވެ. މި ޕްލާންޓަށް ބޭނުންވާ ހަކަތަ ފޯރުކޮށްދިނުމަށް ޕްލާންޓުގައި 500 ކިލޯވޮޓުގެ އަވިން ހަކަތަ އުފައްދާ ނިޒާމެއް ޤާއިމްކުރެވޭނެއެވެ. އަދި މިނިޒާމުގެ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށް 1450 ކިލޯވޮޓުގެ ބެޓަރި ނިޒާމެއް މި ޕްލާންޓުގައި ޤާއިމްކުރާނެއެވެ.
މިމަޝްރޫޢު ކުރިއަށް ގެންދިއުމަށް ބޭނުންވާ ޚަރަދުގެ 46 އިންސައްތަ ހަމަޖައްސަނީ އެމްޑަބްލިއުއެސްސީންނެވެ. އެގޮތުން ކުންފުނީގެ ކޭޝްފްލޯ އަދި ބޭންކް އޮފް މޯލްޑިވްސްގެ ގްރީން ފައިނޭންސިން އެހީގައި މި ޚަރަދުތައް ކުރުމަށް ނިންމާފައިވާކަން އެކުންފުނިން ފާހަގަކުރެއެވެ. އަދި މަޝްރޫޢުގެ ބާކީ ޚަރަދުކުރާނީ ޖަޕާން ސަރުކާރާއި ކެނެޑޭވިއާ ކޯޕަރޭޝަނުން ކަމަށް އެމްޑަބްލިއުއެސްސީން ވިދާޅުވެއެވެ.
އެމްޑަބްލިއުއެސްސީން ވިދާޅުވީ މިމަސައްކަތަކީ ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކުރެވި ދެމެހެއްޓެނިވި ފެން އުފެއްދުމުގެ ނިޒާމުތަކެއް ރަށްރަށުގައި ޤާޢިމްކުރެވޭނެ ކަމަށް ވިދާޅުވިއެވެ.