ޚަބަރު

ޓެކްސީލައިނަށް ނަގާ ޑްރައިވަރުންގެ އިންޓަރވިއުތަކަށް ބޮޑު ތަރުޙީބެއް


  • ޓެކްސީލައިނަށް 407 ޑްރައިވަރުން ނަގާނެ

  • ވޯކް-އިން-އިންޓާވިއު ކުރިއަށްދާނީ މިއަދު 18:00އާ ހަމައަށް

ޓެކްސީލައިންގެ ޚިދުމަތަށް ބޭނުންވާ ޑްރައިވަރުން ނެގުމަށް ކުރިއަށްގެންދާ ވޯކް-އިން-އިންޓަރވިއުއަށް ގިނަ ބައެއްގެ ތަރުހީބު ލިބެމުންދާކަމަށް އެމްޓީސީސީއިން ވިދާޅުވެއްޖެއެވެ.

ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާގެ ބެލުމުގެ ދަށުން ޓެކްސީލައިންގެ ޚިދުމަތް ކުރިޔަށް ގެންދިޔުމަށް ޙަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ.

ޓެކްސީލައިންގެ ޚިދުމަތުގައި ޕާޓްޓައިމްކޮށް އަދި ފުލްޓައިމްކޮށް މަސައްކަތް ކުރާނެ ޑްރައިވަރުން ހޯދުމަށް އެމްޓީސީސީން ވަނީ އިއުލާން އިޢުލާންކޮށްފައެވެ. ޓެކްސީލައިންގެ ޚިދުމަތް ދިނުމަށްޓަކައި 407 ޑްރައިވަރުން ބޭނުންވެއެވެ. އޭގެ ތެރެއިން 122 ޑްރައިވަރުން ހޯދަނީ، ޕާޓްޓައިމްކޮށް މަސައްކަތް ކުރާ ގޮތަށެވެ. އަދި ބާކީ 285 ޑްރައިވަރުން ހޯދަނީ، ފުލްޓައިމްކޮށް މަސައްކަތް ކުރާ ގޮތަށެވެ.

އެމްޓީސީސީން ވިދާޅުވީ މާފަންނު ބަސް ޓާމިނަލުގައި މިއަދު ކުރިއަށްގެންދާ އިންޓަރވިއުއަށް ޑްރައިވަރުންގެ ގޮތުގައި މަސައްކަތް ކުރުމަށް ބޭނުންވާ ގިނަ އަދަދެއްގެ ބަޔަކު އަންނަމުންދާކަމަށެވެ. ހެނދުނު 10:00 އިން ފެށިގެން އިރުއޮއްސި 18:00އާ ހަމައަށް އިންޓަވިއުކުރުން ކުރިއަށްދާނެއެވެ.

މާލޭ ޓެކްސީ ޚިދުމަތަށް ބޭނުންވާ ޑްރައިވަރުން ނަގާއިރު، މިވަގުތު ޓްރާންސްޕޯޓް މިނިސްޓްރީގައި އެކުލަވާލާފައިވާ ޓެކްސީ ޑްރައިވަރުންގެ ދަފްތަރުގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އިސްކަންދޭނެ ކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.

ސަރުކާރުން ޓެކްސީލައިނެއް ތަޢާރަފުކުރަން ނިންމީ، ޓެކްސީ ހޯދުމުގައި ޢާއްމުންނަށް ދިމާވާ ދަތިތައް ޙައްލުކޮށް، ބަރޯސާވެވޭ ލުއިފަސޭހަ ޚިދުމަތަކަށް އެޚިދުމަތް ހެދުމަށެވެ.

މި ޚިދުމަތުގައި ބޭނުންކުރާނީ އިލެކްޓްރޯނިކް (އީވީ) ކާރުތަކަކަށްވުމާއެކު، އެ އުޅަނދުތައް ރާއްޖޭގެ މާޙައުލާ ބީރައްޓެހި ގޮތަކަށް ފަރުމާކޮށް ގެނެސްފިނަމަ ގިނަ މައްސަލަތަކެއް ކުރިމަތިވާނެކަން އެ ކާރުތައް އުފައްދާ ކުންފުނިންވެސް ފާހަގަކޮށްފައިވުމާއި، ކާރުތައް ދުއްވަނީ މޫދާ ކައިރި މާޙައުލެއްގައިކަމުން، ލޮނުގެ އަސަރު ކުޑަވާނެ ގޮތަށް ކާރުތަކަށް ބައެއް ބަދަލުތައް ގެންނަންޖެހެއެވެ. އެއީ ޚިދުމަތް ފެށުމަށް ލަސްވަމުންދާ މައިގަނޑު ސަބަބު ކަމަށާއި، ނަމަވެސް އެ ބަދަލުތަކާއެކު އުޅަނދުތައް ހެދުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަން ދަތުރުފަތުރާ ބެހޭ ވަޒީރު ވަނީ ފާހަގަކުރައްވާފައެއެވެ.

ސަރުކާރުގެ ޓެކްސީ ލައިންގައި 3 ސައިޒެއްގެ އުޅަނދު ހިމެނޭއިރު، މި ޚިދުމަތަކީ 24 ގަޑިއިރު ދޭނެ ޚިދުމަތެކެވެ. މި ޚިދުމަތް ދޭން ހަމަޖެހިފައިވަނީ، މިކަމަށް ޚާއްޞަ އެޕްލިކޭޝަނެއް ޤާއިމުކޮށް، ރާއްޖެއިން ބޭރުގައި ދޭ އޫބާއާއި ގްރޭބް ފަދަ ޚިދުމަތްތަކުގެ ސްޓައިލަށެވެ.