ޚަބަރު

ބަރުބަރީ މިސްކިތް ރޯދައިގެ ކުރިން ހުޅުވަނީ


  • މިއީ 3 ބުރިއަށް ބިނާކުރާ މިސްކިތެއް

  • މި މިސްކިތަކީ 1400 މީހުންގެ ޖާގައިގެ މިސްކިތެއް

  • ރޯދަމަހަށް 15 މިސްކިތެއްގެ މަސައްކަތް ނިންމާނެ

މަސްޖިދުލް ޔޫސުފުލް ބަރުބަރީ މިސްކިތް އަންނަ ރަމަޟާން މަހުގެކުރިން ހުޅުވޭނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މި މިސްކިތް ބިނާކުރުމަށް ހަވާލުކޮށްފައިވަނީ އަމިއްލަ ފަރާތަކާއެވެ. އަދި އެކަމާއި ގުޅޭ އެއްބަސްވުމުގައި އެ ވުޒާރާއިން ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ ޖަނަވަރީމަހުގެ ތެރޭގައެވެ.

ސޯޝިއަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ ބަރުބަރީ މިސްކިތުގެ މަސައްކަތް ވަރަށް އަވަހަށް ނިމޭނެކަމަށެވެ. އަދި އަންނަ ރަމަޟާން މަހުކުރިން އެ މިސްކިތް ހުޅުވާ، ރަމަޟާންމަހު އެތަނުގައި ނަމާދުކުރެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.

3 ބުރިއަށް އިމާރާތްކުރާ މި މިސްކިތަކީ 1400 މީހުންގެ ޖާގައިގެ މިސްކިތެކެވެ.

މިސްކިތްތައް ބިނާކުރުމުގެ މަޝްރޫޢުތަކަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ނަމާދުކުރާނެ ޖާގަ އިތުރުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. މި އަހަރުގެ ތެރޭގައި ގިނަ މިސްކިތްތަކެއް ހުޅުވުމަށް ވަނީ ނިންމާފައެވެ.

ރަމަޟާންމަހާއި ދިމާކޮށް ކޮންމެ އަހަރަކުވެސް އައު މިސްކިތް ހުޅުވުމުގެ މަސައްކަތާއި، މިސްކިތްތަކުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ސަރުކާރުން ކުރެއެވެ. މިއަހަރުގެ ރަމަޟާން މަހަށް ތައްޔާރުވުމަށްވެސް މިމަސައްކަތްތައް ކުރަމުންދާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

އެގޮތުން އަންނަ ރަމަޟާން މަހަށް ތައްޔާރުވުމުގެގޮތުން 15 މިސްކިތެއްގެ މަސައްކަތް ނިންމާ، ހުޅުވުމަށް ތައްޔާރުވަމުންދާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.