ރާއްޖޭގެ ޤައުމީ އަންހެން ފުޓްސަލް ޓީމަށް ބޭނުންވަނީ ތަމްރީނުތައް ކުރިއަށް ގެންދާނެ ވަސީލަތްތަކާއި ތަމްރީނު ކޭމްޕުތަކުގެ އިތުރުން ތަޖުރިބާކަމަށް ޤައުމީ ފުޓްސަލް ޓީމުގެ ކޯޗު، އުޒްބެކިސްތާންގެ ފާރޫކް ޒަކީރޯވް ބުނެފި އެވެ.
މުބާރާތުގެ އަންހެން ޑިވިޝަނުގައި ރާއްޖެއިން ޕާކިސްތާނާ ދެކޮޅަށް ރަނގަޅު ފައިޓެއްދިން މެޗަށްފަހު "ޕީއެސްއެމް ނިއުސް" އާ ވާހަކަދައްކަމުން ކޯޗު ފާރޫކް ބުނީ، ޓީމުގެ ކުޅުން ރަނގަޅުވަމުން އަންނަ ކަމަށާއި ބޭނުންވަނީ ކުރިއަރާނެ ފުރުސަތުތައް ކަމަށެވެ.
"އަންހެން ޓީމަށް ބޭނުންވަނީ ވާދަވެރި މެޗުތަކެއް ކުޅެ ތަޖުރިބާ. ފިރިހެން ޓީމަށް ޗައިނާގައި ތަމްރީނު ކޭމްޕެއް ކުރިއަށް ގެންދަން ލިބުނު ފަދައިން އަންހެން ޓީމަށް ވެސް އެފަދަ ކޭމްޕުތައް ބޭނުންވޭ. ފުރުސަތުތައް ފަހިވެ، ތަމްރީނު ކޭމްޕްތަކާއި ތަޖުރިބާ ލިބުނީމަ އަންހެން ޓީމަށް ވެސް ފުޓްސަލްގައި ރަނގަޅު ހިސާބަކަށް ދެވޭނެ". ރާއްޖޭގެ ގައުމީ އަންހެން ޓީމާ ގުޅޭގޮތުން ވާހަކަދައްކަމުން ކޯޗު ފާރޫކް ޒަކީރޯވް ބުންޏެވެ.
ޤައުމީ އަންހެން ފުޓްސަލް ޓީމަކީ ފާހަގަކޮށްލަން ޖެހޭ ގޮތުގައި މި މުބާރާތުގައި، އިންޑޯ ޕިޗެއްގައި ތަމްރީނުތައް ކުރިއަށް ގެންދާނެ ފުރުސަތު ނުލިބޭ ހަމައެކަނި ޓީމެވެ. މުބާރާތުގެ ކުރިން އިންޑޯ ޕިޗެއްގައި އަލަށް ވެސް ރާއްޖޭގެ ކުޅުންތެރިން ކުޅެފައި ވަނީ ތައިލެންޑަށް ގޮސް ލިބުނު ދެ ފުރުސަތެއްގައެވެ. އެ ދެ ފަރިތަކުރުންތަކުގައި ކޯޗު ކުރިއަށް ގެންދިޔައީ އެ ޕިޗަށް ކުޅުންތެރިން ހޭނުމަށް ކުރިއަށް ގެންދަންޖެހޭ ފަރިތަކުރުންތަކެވެ.
މީގެއިތުރުން، މިއީ ރާއްޖޭގައި ޤައުމީ އަންހެން ޓީމެއް އެކުލަވާލި ފުރަތަމަ ފަހަރުކަމަށްވާއިރު، ޓީމެއް އެކުލަވާލައި ތަމްރީނުތައް ކުރިއަށް ގެންދަން ލިބުނީ ވެސް ގާތްގަނޑަކަށް ދެ ހަފްތާއެއްހައި ދުވަހެވެ.
މި ހުރިހާ ކަމަކާއެކުވެސް، ރާއްޖެ ޓީމުން ފެނިގެންދިޔައީ ފުޓްސަލްގައި ކުރިއަރައި، މޮޅު ބަޔަކަށް ވުމަށް ހުރިހާ ކުޅުންތެރިން ވެސް އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކޮށް، މެޗަކަށްފަހު މެޗެއް ރަނގަޅުކުރަމުންދާ މަންޒަރެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި އިންޑިއާ އަތުން 1-11 އިން ރާއްޖެ ބަލިވިއިރު މާ ރަނގަޅު އެޓޭކުތަކެއް އުފެއްދިފައެއް ވެސް ނުވެއެވެ. ދެވަނަ މެޗުގައި ނޭޕާލް އަތުން 0-5 އިން ބަލިވިއިރު، އެ މެޗުގެ ދެވަނަ ހާފުގައި ދިވެހި ކުޅުންތެރިން ކުރިއަށް ޖެހި، ހަމަލާތަކެއް އުފައްދަން މަސައްކަތްކުރިތަން ފެނިގެންދިޔައެވެ.
މުބާރާތުގައި ރާއްޖެއިން ކުޅުނު ތިންވަނަ މެޗުގައި، ޓީމުގެ ކުޅުންތެރިންގެ ކުޅުމުގެ ފެންވަރު ވަރަށް ބޮޑުތަނުން ރަނގަޅުވިކަން ފާހަގަކޮށްލެވެއެވެ. މި މެޗުގައި ޕާކިސްތާން އަތުން 1-3 އިން ބަލިވި ނަމަވެސް، ބައެއް ވަގުތުތަކުގައި މުޅިންހެން ބޯޅަ ގެންގުޅެ، ރާއްޖެ ޓީމުން ވަނީ މެޗުގައި ގިނަ ހަމަލާތަކެއް ވެސް އުފައްދާފައެވެ.
މުބާރާތުގައި މިހާތަނަށް ރާއްޖެއިން ތިން މެޗު ކުޅެ ޕޮއިންޓެއް ލިބިފައި ނުވާއިރު، އަދި ބައިކޮޅަށް ގިނަ ލަނޑުތަކެއް ވަދެފައިވީ ނަމަވެސް، މި ޓީމަކީ މުސްތަގްބަލެއް އޮތް، ފުރުސަތާއި އެހީތެރިކަން ލިބިއްޖެ ނަމަ ނަތީޖާ ނެރޭނެ ޓީމެއްކަން އަންނަނީ ސާބިތުކޮށްދެމުންނެވެ.