ޚަބަރު

އެކްސަސައިޒް ދޯސްތީ: ކަނޑުމަތީގެ އަސްކަރީ ހަރަކާތްތަކެއް ކުރިއަށްގެންގޮސްފި


  • ހެލިކޮޕްޓަރުގެ އިތުރުން ޑޯނިއާ މަތިންދާބޯޓު ފަދަ ވަސީލަތްތައް ވަނީ ބޭނުންކޮށްފައި

  • މެރިޓައިމް ސެކިއުރިޓީއާ ގުޅުންހުރި މުހިންމު ތަމްރީނުތަކެއް ވަނީ ކުރިއަށް ގެންގޮސްފައި

އެކްސަސައިޒު ދޯސްތީގެ ދަށުން ކަނޑުމަތީގެ އަސްކަރީ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ. މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ، ސްރީލަންކާއާއި އިންޑިއާ އަދި ރާއްޖޭގެ ސިފައިން ގުޅިގެންނެވެ.

އެކްސަސައިޒު ދޯސްތީއަކީ އިންޑިއާ، ދިވެހިރާއްޖޭ އަދި ސްރީލަންކާގެ ކޯސްޓުގާޑު ގުޅިގެން ކޮންމެ 2 އަހަރުން އެއް އަހަރަކު ކުރިއަށް ގެންދާ އެކްސަސައިޒެކެވެ. މީގެ 35 އަހަރު ކުރިން އެކްސައިސައިޒު ފެށީ އިންޑިއާ އަދި ރާއްޖޭގެ ކޯސްޓުގާޑާ އެކުގައެވެ. ނަމަވެސް 2012 ވަނަ އަހަރުން ފެށިގެން މިއެކްސަސައިޒުގައި ސްރީލަންކާއިން ދަނީ ބައިވެރިވަމުންނެވެ. މި އެކްސަސައިޒު ކުރިއަށްދާނީ، މިމަހުގެ 17 އިން 19 އަށް ކަމަށް އެމްއެންޑީއެފް ކޯސްޓުގާޑުން ވިދާޅުވެއެވެ.

"އެކްސަސައިޒް ދޯސްތީ"ގެ ތެރެއިން ކަނޑުމަތީގައި ކުރިއަށްދިޔަ ތަމްރީނުތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން،ކޯސްޓްގާޑް ކޮމަޑާންޓް ބްރިގޭޑިއަރ ޖެނެރަލް މުޙައްމަދު ސަލީމް ވިދާޅުވީ، މި ހަރަކާތްތަކުގެ ތެރެއިން ކޯސްޓްގާޑުގެ ފަރިތަކުރުންތަކާއި ގުޅޭ ގިނަ ކަންތައްތަކެއް ކުރިއަށް ގެންދެވިފައިވާކަމަށެވެ. މިގޮތުން، ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އަމާޒުކޮށްގެން ހިންގުނު ސާޗް އެންޑް ރެސްކިއު ޑްރިލްތަކާއި، ކަނޑައް ތެލާއި ކެމިކަލް ފަދަ ތެކެތި އެޅުމުން އަޅާނެ ފިޔަވަޅުތަކުގެ އިތުރުން މެރިޓައިމް ސެކިއުރިޓީއާ ގުޅުންހުރި މުހިންމު ތަމްރީނުތަކެއް ވަނީ ކާމިޔާބުކަމާއެކު ނިންމާލާފައެވެ.

ބްރިގޭޑިއަރ ޖެނެރަލް ސަލީމް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ޤައުމުތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް، މިފަދަ ދިގު މުއްދަތުގެ ތަމްރީނުތަކެއް ބޭއްވުމަކީ ވަރަށް މަދު ޤައުމަކުން ނޫނީ ކުރާ ކަމެއް ނޫނެވެ. އެހެންކަމުން، އެއް ޤައުމުން އަނެއް ޤައުމަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، ދިމާވާ އެކި ކާރިސާތަކުގައި ގުޅިގެން މަސައްކަތް ކުރުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ.

"އެއްބަޔަކު އަނެއްބަޔަކު އެއްވެސް ދަތިކަމެއް ނެތި އެހީތެރިކަން ފޯރުކޮށްދިނުމާއި އަދި ދުނިޔޭގެ އެހެން ފަރާތްތަކަށްވެސް އަޅުގަނޑުމެންނަކީ ގުޅިގެން މަސައްކަތްކުރާ ކަނޑުގެ ސަރަހައްދުގެ އެކަމާއި ހިމާޔަތް މަސައްކަތް ކުރާ ބައެއްގެ ގޮތުގައި ފެނިގެން ދިޔުމަކީ މިކަމުގެ އެންމެ ބޮޑު ބޭނުން." ބްރިގޭޑިއަރ ޖެނެރަލް، ކޯސްޓު ގާރޑް ކޮމާންޑަންޓު މުހައްމަދު ސަލީމް ވިދާޅުވިއެވެ.

ކަނޑުމަތީގައި ކުރިއަށްދިޔަ މި ހަރަކާތްތަކުގައި ތިން ޤައުމެއްގެ ކޯސްޓުގާޑު އުޅަނދުތަކާއި، ހެލިކޮޕްޓަރުގެ އިތުރުން ޑޯނިއާ މަތިންދާބޯޓު ފަދަ ވަސީލަތްތައް ވަނީ ބޭނުންކޮށްފައެވެ. މި ތަމްރީނުތަކުގައި ކަނޑުމަތީގެ އެކި ކާރިސާތަކާ ކުރިމަތިލާނެ ގޮތާއި، އެފަދަ ހާލަތްތަކުގައި އަމަލީގޮތުން ހަރަކާތްތެރިވާނެ ގޮތްތައް ވަނީ ދައްކާލާފައެވެ. މި ހަރަކާތްތައް ބަލާލުމައްޓަކައި ދިވެހި އަސްކަރިއްޔާގެ އިސްވެރިންނާއި، ދިފާއި ވުޒާރާގެ އިސް ބޭފުޅުންގެ އިތުރުން، ސްްރީލަންކާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާއި މޯލްޑިވްސް ކެޑޭޓް ކޯގެ ދަރިވަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި އެކްސަސައިޒްގައި އިންޑިއާ ކޯސްޓުގާޑުގެ ތިން ވަސީލަތެއް ކަމަށްވާ އައިސީޖީ ޑޯނިއާ، އައިސީޖީއެސް އަތުލްޔާ އަދި އައިސީޖީއެސް ވަޖްރާ ބައިވެރިވެފައިވެއެވެ. މީގެ އިތުރުން ސްރީލަންކާ ކޯސްޓުގާޑުގެ މަނަވަރު އެސްއެލްއެންއެސް ސުރަނިމިލާ އާއި ދިވެހިރާއްޖޭގެ ކޯސްޓުގާޑުގެ އުޅަނދުތައްވެސް މި ތަމްރީނުތަކުގައި އަމަލީގޮތުން ބައިވެރިވިއެވެ.