ޚަބަރު

ސައިބަރ ސެކިއުރިޓީގެ ތަމްރީންތަކަކަށް 15 ދިވެއްސަކު އޮސްޓްރޭލިއާއަށް!


  • ޕްރޮގްރާމް ކުރިއަށްގެންދާނީ މިމަހުގެ 19 އިން ފެބްރުއަރީ 3 އަށް

  • ޕްރޮގްރާމު ކުރިއަށްދާނީ އޮސްޓްރޭލިއާގެ ސައިބަރ ސެކިއުރިޓީ އެންޑް ރެސިލިއަންސް މުއައްސަސާތަކުގައި

ސައިބަރ ސެކިއުރިޓީ އެންޑް ރެޒިލިއެންސްގެ ދާއިރާއިން ތަމްރީން ހޯދުމަށް 15 ދިވެއްސަކު އޮސްޓްރޭލިއާއަށް ފުރައިފިއެވެ.

މި ޕްރޮގްރާމް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހުގެ 19އިން ފެބްރުއަރީ 3އާ ހަމައަށެވެ.

ސައިބަރ ސެކިއުރިޓީ އެންޑް ރެޒިލިއެންސް ދާއިރާއިން ދިވެހިރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް މަގުފަހިކުރުމަށް ކުރިއަށްގެންދާ މި ތަމްރީނުތައް ހިންގަން ހަމަޖެހިފައިވަނީ ސައިބަރ ސެކިއުރިޓީ އެޑިޔުކޭޝަން އެންޑް ރިސާޗްގެ ދާއިރާއިން ބައިނަލްއަގުވާމީ ފެންވަރުގައި މަތީ ވަނަތަކެއް ހާސިލުކޮށްފައިވާ އެޑިތު ކޯވަން ޔުނިވަސިޓީ އީ.ސީ.ޔޫ. އާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ގުޅިގެންނެވެ.

މި ޕްރޮގްރާމްގެ ހުރިހާ ޚަރަދެއް ކުރުމަށް ހަމަޖެހިފައިވަނީ އޮސްޓްރޭލިއާގެ ޑިޕާޓްމަންޓް އޮފް ފޮރިން އެފެއާޒް އެންޑް ޓްރޭޑް ޑީ.އެފް.އޭ.ޓީ. ގެ އޮސްޓްރޭލިއާ އެވޯޑްސް 2026 ގެ މާލީ އެހީތެރިކަމާއިއެކުގައެވެ. މި ތަމްރީނު ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހުގެ 19 އިން ފެބްރުއަރީ 3 އަށް އީ.ސީ.ޔޫ. އާއި ވެސްޓާން އޮސްޓްރޭލިއާގެ ކަމާބެހޭ ސައިބަރ ސެކިއުރިޓީ އެންޑް ރެސިލިއަންސް މުއައްސަސާތަކުގައެވެ.

މި ޕްރޮގްރާމްގައި، އެޑްވާންސް ސައިބަރ ގަވަރނަންސް، ޑިޖިޓަލް ރިސްކް މެނޭޖްމަންޓް، އިންސިޑެންޓް ރެސްޕޮންސް ކޯޑިނޭޝަން އަދި ރެސިލިއަންސް ޕްލޭނިންގ ފަދަ ދާއިރާތަކުން ބައިވެރިންނަށް، ތަޖުރިބާ ލިބޭނެއެވެ. މި ޕްރޮގްރާމަށް ފުރުމުގެ ކުރިން ޕްރޮގްރާމުގެ ބައިވެރިންވަނީ ޕްރީޑިޕާޗަރ ބްރީފިންގއެއް ފުރިހަމަކޮށްފައެވެ.

މިމަހުގެ 13ގައި ރައީސުލްޖުމްހޫރިއްޔާ އޮފީހުގައި ބޭއްވި ބައްދަލުވުމުގައި އޮސްޓްރޭލިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑޭވިޑް ޖެސަޕާއި، ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ އިބްރާހީމް ލަޠީފްއާއި ލެފްޓިނެންޓް ކާނަލްއާއި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ީ ޑރ މުޙައްމަދު ކިނާނަތު ގެ އިތުރުން އެޑިތު ކޯވަން ޔުނިވަރސިޓީގެ މަންދޫބު ވަނީ އޮންލައިންކޮށް ބައިވެރިވެވަޑައިގެންފައެވެ. މި ބައްދަލުވުމުގެ ތެރެއިން، ޕްރޮގްރާމްގެ މަގްސަދުތަކާއި، އެކަޑެމިކް މޮޑިއުލްތަކާއި، އެންގޭޖްމަންޓް ފުރުސަތުތަކުގެ މައްޗަށް އަލިއަޅުވާލިއެވެ.

މި ތަމްރީނު ޕްރޮގްރާމު ވެގެންދާނީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ "މޯލްޑިވްސް 2.0" ވިޝަންގެދަށުން ސަރުކާރުގެ ޑިޖިޓަލައިޒޭޝަން އެޖެންޑާ ކުރިއެރުވުމަށް އެޅިގެންދާނެ މުހިންމު ފިޔަވަޅެއްކަމަށް ސަރުކާރުން ޤަބޫލުކުރައްވައެވެ.