ޚަބަރު

ޗެމްޕިއަންކަން ހިތަދޫއަށް، މޮޅު ކުޅުންތެރިއަކަށް ހާޒިމް


ރާއްޖޭގައި ބާއްވާ އެންމެ ހައިބަތުބޮޑު އެއް ކުޅިވަރު ހަރަކާތް ކަމަށްވާ ގޯލްޑަން ފުޓްސަލް ޗެލެންޖު 2026 ގެ ސީނު އަތޮޅުގެ ޗެމްޕިއަންކަން ހިތަދޫއިން ހޯދައިފިއެވެ.

އެ އަތޮޅުގެ ޗެމްޕިއަންކަން ހިތަދޫއިން ހޯދީ، ފައިނަލުގައި މަރަދޫގެ މައްޗަށް 2-5 އިން ކުރިހޯދައިގެންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ޗެމްޕިއަން ހިތަދޫގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އަޙްމަދު އަމްނުއާއި ހާޒިމް ފައުޒީ (ހަތީ) އެވެ. ހާޒިމް މި މެޗުގައި ދެ ލަނޑު ޖެހިއިރު އަމްނު ވަނީ ހެޓްރިކް ފުރިހަމަކޮށްފައެވެ.

މެޗުގައި މަރަދޫގެ ލަނޑުތައް ޖަހައިދިނީ މުޙައްމަދު ސަޚާއު އަލީ އާއި ޙަސަން އަތޫފެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ހާޒިމް އެވެ.

މުބާރާތުގެ އަތޮޅު ފައިނަލަށް ހިތަދޫ ދަތުރުކުރީ ސެމީ ފައިނަލުގައި އެންމެފަހުގެ އަތޮޅު ޗެމްޕިއަން ފޭދޫގެ މައްޗަށް 2-4 އިން ކުރިހޯދައިގެންނެވެ.

މަރަދޫއިން ފައިނަލަށް ދަތުރުކުރީ ސެމީގެ ދެވަނަ މެޗުގައި މީދޫގެ މައްޗަށް 1-3 އިން ކުރިހޯދައިގެންނެވެ.

ސީނު އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ހާޒިމް ފައުޒީއެވެ. އެންމެ ގިނަ ލަނޑު ޖަހައިގެން ޓޮޕް ސްކޯރަރ ގެ އެވޯޑު ވެސް ހޯދީ އޭނާއެވެ.

މުބާރާތުގައި އައްޑޫ އަތޮޅުން ޖުމްލަ ހަ ޓީމު ބައިވެރިވިއިރު، ގްރޫޕް ސްޓޭޖުގެ މެޗުތައް ކުރިއަށް ގެންދިޔައީ އެ ހަ ޓީމު 2 ގުރޫޕަކަށް ބަހާލައިގެންނެވެ. ސީނު އަތޮޅުން މުބާރާތުގައި ބައިވެރިވީ ޗެމްޕިއަން ހިތަދޫ، ރަނަރަޕް މަރަދޫ، ސެމީގައި ކުޅުނު ފޭދޫ އަދި މީދޫގެ އިތުރުން މަރަދޫފޭދޫއާއި ހުޅުދޫއެވެ.