ސްޕެނިޝް ލަލީގާގައި، ރެއާލް މެޑްރިޑުން ލެވާންތޭއާ ދެކޮޅަށް ކުޅުނު މެޗުގައި، އަމިއްލަ ދަނޑުގައި ރެއާލްގެ ސަޕޯޓަރުން އެކުލަބުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒްގެ އިސްތިއުފާއަށް ގޮވައި، އޭނާއާ ދެކޮޅު ޝުއޫރު ފާޅުކުރުމުން ކޯޗު އަލްވާރޯ އާބެލޯއާގެ ރުޅިގަނޑު، ކުލަބުގެ ސަޕޯޓަރުންނަށް އަމާޒުވެއްޖެއެވެ.
ރެއާލް މެޑްރިޑުން މިދިޔަ ދޮޅު އަހަރު ތެރޭގައި ނެރެފައިވާ ދެރަ ނަތީޖާތަކާ ހެދި ކުލަބުގެ ސަޕޯޓަރުންގެ ނުރުހުން ކުލަބުގެ ރައީސް އަށާއި ބައެއް ކުޅުންތެރިންނަށް އަމާޒުކޮށް، ނުރުހުމުގެ ޝުއޫރުތައް އަޑުހަރުކޮށް ފާޅުކޮށްފައިވެއެވެ.
މި ގޮތުން ސަޕޯޓަރުންގެ ރުޅި އެންމެ ބޮޑަށް އަމާޒުވި އެއް ކުޅުންތެރިއަކީ ބްރެޒިލްގެ ފޯވަޑް ވިނީޝިއުސް ޖޫނިއާ އެވެ. ސަޕޯޓަރުން އެންމެ ބޮޑަށް ހިތްހަމަ ނުޖެހިފައިވާ އެއް ކަމަކީ ރެއާލް މެޑްރިޑުން ކޯޗު ޒަބީ އަލޮންސޯ ވަކިކުރުމެވެ. އޭނާ ވަކިވީ ވިނީޝިއުސް އާއި ސީނިއާ ބައެއް ކުޅުންތެރިންނާމެދު އުފެދިފައި އޮތް ދެބަސްވުމުގެ ތެރެއިން މެނޭޖްމަންޓުގެ ސަޕޯޓް ނުލިބިގެންނެވެ.
ލެވާންތޭ އަތުން 0-2 ގެ ނަތީޖާއަކުން މޮޅުވި މެޗަށްފަހު ވާހަކަދައްކަމުން އާބެލޯއާ ބުނީ، ކުޅުންތެރިންނާއި ޕެރޭޒްއާ ދެކޮޅަށް ދަނޑުގައި ޝުއޫރު ފާޅުކޮށްފައި ވަނީ އެކުލަބުގެ ހަގީގީ ސަޕޯޓަރުން ނޫން ކަމަށާއި އެއީ ކުލަބު ދެކެ ލޯބިނުވާ ފަރާތްތަކެއް ކަމަށެވެ.
އަދި ޕެރޭޒް އަކީ ރެއާލް މެޑްރިޑަށް ކިހާ މުހިންމު ޝަހުސެއްކަން އެންމެންނަށް ވެސް އެނގޭނެ ކަމަށާއި ކުލަބު މިހާ ހިސާބަށް ގެނައުމުގައި ޕެރޭޒްގެ ދައުރު ބޮޑުކަން ވެސް އެނގޭނެކަމަށް އާބެލޯއާ ބުނެފައިވެއެވެ.
ފާހަގަކޮށްލަން ޖެހޭ ގޮތުގައި ރެއާލް މެޑްރިޑުން އެންމެ ގިނަ ކާމިޔާބީތައް ފުޓުބޯޅައިގައި ހޯދާފައި ވަނީ ޕެރޭޒްގެ ރައީސް ކަމުގައެވެ. ރެއާލްގެ އެންމެ ކާމިޔާބު ދުވަސްވަރު، ރެއާލްގެ ގެލާކްޓިކޯސް ދުވަސްވަރު ގެނެސްފައި ވަނީ ވެސް ޕެރޭޒްގެ ރައީސް ކަމުގައެވެ.
ފެރޭޒް ރެއާލްގެ ރައީސް ކަމަށް އިންތިޚާބުވީ 2000 ވަނަ އަހަރުއެވެ.